މަސްތުވާތަކެތީގެ ވަބާއިން މީހުން ސަލާމަތްކުރުމަށް ދެވޭ ފަރުވާގެ ނިޒާމާއި ނަފްސާނީ ދުޅަހެޔޮކަމުގެ ހިދުމަތްތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށްޓަކައި، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަދި ޑޭޓާ ސައިންސްގެ ބޭނުން ހިފުމަށް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އާއި ޗައިނާގެ ޔުނާން ޔުނިވާސިޓީއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި ފަހުމުނާމާގެ މައިގަނޑު މަގްސަދުތަކާ ބެހޭގޮތުން ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ މިނިސްޓްރީން ބުނީ މިއީ ޒަމާނީ ޓެކްނޮލޮޖީއާއި އޭއައިގެ އެހީގައި ފަރުވާގެ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ދެމެހެއްޓެނިވި ހައްލުތަކެއް ހޯދުމުގެ އިތުރުން، މި ދާއިރާއިން ދިރާސާތައް ކުރުމުގެ އިތުރުން ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ގާއިމު ކުރެވޭ ފަހުމުނާމާއެއްކަމަށެވެ. އަދި ހަމައެއާއެކު، އެންޑީއޭގެ މުވައްޒަފުންނަށް ހާއްސަ ތަމްރީނުތައް ދީ، އެ ބޭފުޅުންގެ ގާބިލުކަން އިތުރުކުރުމަކީވެސް މި އެއްބަސްވުމުގެ މުހިންމު އަމާޒެއްކަމަށް އެ މިނިސްޓްރީން ބުނެއެވެ. މި މަޝްރޫއުގެ އަމަލީ އެންމެހައި މަސައްކަތްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ނޭޝަނަލް ޑްރަގް އެޖެންސީގައެވެ.

މި އެއްބަސްވުމާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އެންޑީއޭގެ ޑެޕިއުޓީ ޑައިރެކްޓާ ޖެނެރަލް އަބްދުﷲ ފަސީހް ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި މައިގަނޑު ގޮތެއްގައި މަސައްކަތް ކުރައްވާނީ ދިވެހިންގެ އިޖުތިމާއީ ވެއްޓާ އެންމެ ގުޅޭ އަދި ރައްޓެހި ގޮތްތައް ދެނެގަނެ، އޭއައި ޓެކްނޮލޮޖީ މެދުވެރިކޮށް އެންޑީއޭގެ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް ކަމަށެވެ.

ހާއްސަކޮށް، ނަފްސާނީ ސިއްހަތާ ގުޅުންހުރި ކަންކަމުގައި އަމިއްލަ އިހްސާސްތައް އެހެން މީހުންނާ ހިއްސާކުރުމަކީ ގިނަ ފަހަރަށް މީހުންނަށް އުނދަގޫ އަދި ޖެހިލުންވާ ކަމެއްކަން ފާހަގަކުރައްވަމުން ފަސީހް ވިދާޅުވީ، އެފަދަ ގޮންޖެހުންތައް ކުޑަކުރުމަށްޓަކައި އޭއައި މެދުވެރިކޮށް އެސެސްމެންޓްތައް ހެދުމާއި، ހިދުމަތްތައް އިތުރަށް ފުޅާކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

މީގެއިތުރުން، މި ފަހުމުނާމާގެ ސަބަބުން އެންޑީއޭގެ މުވައްޒަފުންނަށް ބައިނަލްއަގްވާމީ ފެންވަރުގެ ތަމްރީނާއި ތަޖުރިބާ ލިބި، ރާއްޖޭގައި މަސްތުވާތަކެއްޗަށް ފަރުވާ ދިނުމުގެ ނިޒާމަށް އިންގިލާބީ އަދި ބޮޑެތި ކުރިއެރުންތަކެއް އަންނާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ މިނިސްޓަރު އަލީ އިހްސާން އެވެ. މީގެއިތުރުން އެންޑީއޭގެ އިސްވެރިންނާއި ޗައިނާ ވަފުދުގެ މަންދޫބުންވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ. މި އެއްބަސްވުމުގައި އެންޑީއޭގެ ފަރާތުން ސޮއިކުރެއްވީ އެ އެޖެންސީގެ ބޯޑުގެ ޗެއާޕާސަން، އަހްމަދު ސިއްދީގެވެ. އަދި ޔުނާން ޔުނިވާސިޓީގެ ފަރާތުން ސޮއިކުރެއްވީ ސްކޫލް އޮފް ސޮފްޓްވެއާ އެންޑް އާޓިފިޝަލް އިންޓެލިޖެންސްގެ ވައިސް ޑީން، ޕްރޮފެސާ ސައި ލީ އެވެ.