ދިވެހިރާއްޖޭގެ ރީތި ނަމާއި، އަމާން މުޖުތަމައަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ މަސްތުވާތަކެތީގެ ނުރައްކާތެރި ވަބާއެވެ. މިއީ ހަމައެކަނި ފަރުދީ ގޮތުން ކުރިމަތިވާ ސިއްހީ މައްސަލައެއް ނޫނެވެ. މިއީ މުޅި ގައުމުގެ އިޖުތިމާއީ ފޭރާން ވީދައި، އާއިލީ ގުޅުންތައް ބަލިކަށިކޮށް، ގައުމުގެ ކުރިމަގު ކަމުގައިވާ ޒުވާން ޖީލު ހަލާކު ކުރަމުންދާ ގައުމީ ކާރިސާއެކެވެ. މަސްތުވާތަކެތީގެ ވިޔަފާރި އާއި، އޭގެ ބޭނުންކުރުން އިންތިހާއަށް އިތުރުވެފައިވާއިރު، މިކަމުގެ ސަބަބުން އުފެދޭ ކުށްކުރުމުގެ މާހައުލުގައި ކުޑަކުދިންނާއި ބިދޭސީން ޝާމިލްވާ މިންވަރު އިތުރުވުމަކީ މިއަދު މުޅި ގައުމު ސިއްސުވާލާފައިވާ ކަމެކެވެ.

މި ނުރައްކަލުގެ ފުންމިން ފުލުހުންގެ ރެކޯޑުތަކުން ވަރަށް ސާފުކޮށް ފެނެއެވެ. މިހާތަނަށް 1313.47 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާއިރު، އޭގެ މަގުމަތީ އަގު 2.32 ބިލިއަން ރުފިޔާއަށް އަރާ ކަމަށް ފުލުހުން ހާމަކުރެއެވެ. މި ވަބާ ހުއްޓުވުމަށް 467 އޮޕަރޭޝަން ހިންގައި، 38،834 ސަރަހައްދު ފާސްކޮށް، 2588 މީހުން ވަނީ ހައްޔަރުކޮށްފައެވެ. މީގެ ތެރެއިން 420 މީހަކު ފަރުވާގެ ނިޒާމަށް ފޮނުވައި، ކުށުގެ މާހައުލުގައި އުޅުނު 401 ބިދޭސީން އިމިގްރޭޝަނާ ހަވާލުކޮށްފައިވެއެވެ. އަދި ހަތަރު ކާޓެލްއެއް ބަންދުކޮށްފައިވާ ކަމަށްވެސް ރަސްމީ އިދާރާތަކުން ބުނެފައިވެއެވެ.

މީގެ އިތުރުން މަސްތުވާތަކެތީގެ މައްސަލަތަކާއި އެހެނިހެން ކުށްކުރުމުގައި އަހަރު 100 އަށް ވުރެ ގިނަ ކުދިން އުޅޭ ކަމަށް ތަފާސްހިސާބުތަކުން ދައްކާއިރު، ކުށުގެ ވެށީގައި 400 އަށް ވުރެ ގިނަ ކުދިން އެބަ ތިއްބެވެ. އަދި ކުށަށް އަރައިގަތުމުގެ ރިސްކު އޮތް ކުދިންގެ އަދަދު އުޅެނީ 1000 އިން މަތީގައެވެ. މިއީ ކަންބިޑުވާން ޖެހޭ ނަންބަރުތަކެކެވެ. މި ނަންބަރުތަކަކީ ޖީލެއް ހަލާކުވަމުން ދާ ކަމުގެ ރަނގަބީލެވެ.

މަގުމައްޗަށް މީހުން ނުކުމެ އުޅެނީ / ފޮޓޯ: ދަ ޕްރެސް

ކުޑަކުދިންގެ ނާޖާއިޒު ފައިދާ ނެގުން

މާލޭގެ ހަނި ގޯޅިއެއްގެ ތެރެއިން ރޭގަނޑުގެ ވަގުތެއްގައި އުމުރުން ގާތްގަނޑަކަށް 14 އަހަރުގެ ކުއްޖަކު ފެނުނު އިރު އެ ކުއްޖާގެ ކޮނޑުގައި ދަބަހެއް އޮތެވެ. ނަމަވެސް މި ކުއްޖާއަކީ މަދަރުސާއަށް ނުވަތަ ޓިއުޝަން ކްލާހަކަށް ދާން ތައްޔާރުވެގެން ހުރި ކުއްޖެއް ނޫނެވެ. ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިއީ މިއަދު ރާއްޖޭގެ ކުށްކުރާ ގޭންގުތަކުން "ޑެލިވަރީ ބޯއީސް" ނުވަތަ "ލޯކަލް އެޖެންޓުންގެ" ގޮތުގައި ބޭނުންކުރާ އެތައް ސަތޭކަ ކުދިންގެ ތެރެއިން އެއް ކުއްޖެކެވެ.

"ރައްޔިތުންގެ ފުރިހަމަ ބައިވެރިވުމެއް ނުލިބިއެއް މުޖުތަމައުގައި މިހާ ބޮޑަށް މޫލާފައި އޮތް މައްސަލައެއް ހައްލެއް ނުވާނެ. އެއް ދުވަހުން ދެ ދުވަހުން ނުވަތަ ދެތިން އަހަރެއްގެ ތެރޭގައި މިހިސާބަށް އައި ކަމެއް ނޫން ދެއްތޯ. މިއީ ހަމަ ޔަގީނުން ވެސް ތިރީހަކަށް އަހަރު ވެދާނެ ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަ. އަދި އެއަށް ވުރެ ވެސް ގިނަ ވެސް ވެދާނެ ކަންނޭނގެ ފެށިގެން ބޮޑުވަމުން ބޮޑުވަމުން އަންނަތާ. އެހންވީމަ މިކަން ހައްލު ކުރުމަށް އެންމެންގެ ފުރހަމަ އެއްބާރު ލުން ލިބިގެން ހައްލުވާނެ."
ރައީސް ޑރ. މުހައްމަދު މުއިއްޒު

ކުށްކުރާ ގޭންގުތަކުން ކުޑަކުދިން ބޭނުންކޮށްގެން މަސްތުވާތަކެތީގެ ވިޔަފާރިކުރުމާއި، މާރާމާރީ ހިންގުން ވަނީ އިތުރުވެފައެވެ. ގޭންގުތަކުން އުމުރުން 12 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިން "ލޯކަލް އެޖެންޓުން" ނުވަތަ "ޑެލިވަރީ ބޯއީސް" ގޮތުގައި ބޭނުންކުރެއެވެ. ފުރާވަރުގެ ކުދިންގެ މެދުގައި ސިންތެޓިކް ޑްރަގްސް ބޭނުންކުރުން އިތުރުވަމުންދާއިރު، މިއީ އާއިލާތައް ރޫޅުމާއި ތަރުބިއްޔަތުގެ ހުސްކަމުގެ ފައިދާ ނަގައިގެން ހިންގާ ލާއިންސާނީ އަމަލުތަކެކެވެ.

ކުށްކުރާ މާހައުލުން ކުދިން ދުރުކުރުމަށް ސަރުކާރުން ރާވާފައިވާ އެންމެ އުންމީދީ އެއް މަޝްރޫއަކީ އުތުރުތިލަފަޅުގައި ގާއިމުކުރާ ހޯޕް އައިލެންޑް އެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ގޮތުގައި، މި ދައުރުގެ ތެރޭގައި މި މަޝްރޫއުގެ އަމަލީ ނަތީޖާ ފެންނާނެއެވެ. ނަމަވެސް، މިއީ ހަމައެކަނި ސަރުކާރުގެ މަސައްކަތުން ހައްލުވާނެ ކަމެއް ނޫންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ރައްޔިތުންގެ ފުރިހަމަ ބައިވެރިވުމެއް ނުލިބިއެއް މުޖުތަމައުގައި މިހާ ބޮޑަށް މޫލާފައި އޮތް މައްސަލައެއް ހައްލެއް ނުވާނެ ކަމަށެވެ.

ބިދޭސީންގެ މައްސަލައާއި "ޒީރޯ ޓޮލަރެންސް"

ސެންޓްރަލް ޕާކުތެރޭ އެއްވެ ތިބި ބިދޭސީންތަކެއް / ފޮޓޯ: ދަ ޕްރެސް

މަސްތުވާތަކެތީގެ ވިޔަފާރީގައި ބިދޭސީންގެ ދައުރު ބޮޑުވަމުންދާކަމީ ކަންބޮޑުވާންޖެހޭ ކަމެކެވެ. ބިދޭސީން ހިންގާ ކުދި ފިހާރަތަކާއި ކެފޭތައް މެދުވެރިކޮށް މި މުއާމަލާތްތައް ހިންގާ ކަމަށް ތުހުމަތުކުރެވޭތީ، ސަރުކާރުން އަންނަނީ ހާއްސަ ރެއިޑްތައް ހިންގަމުންނެވެ. ކުރަނގި އޮޕަރޭޝަންގެ ދަށުން ދެ ލައްކައަށްވުރެ ގިނަ ބިދޭސީންގެ ބައޮމެޓްރިކްސް ނަގާފައިވާއިރު، ކުށްތަކުގައި ބައިވެރިވާ ބިދޭސީންނާމެދު ސަރުކާރުން ގެންގުޅެނީ ޒީރޯ ޓޮލަރެންސް ސިޔާސަތެކެވެ. އެފަދަ މީހުން ވަގުތުން ޑީޕޯޓްކޮށް ބްލެކްލިސްޓް ކުރަމުންދާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

މީގެ އިތުރުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމަށް ބިދޭސީން ބޭނުންކުރާ އުކުޅުތައް ހުއްޓުވުމަށްޓަކައި އެއާޕޯޓާއި ސީޕޯޓްތަކުގައި ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ފާސްކުރުން ވަނީ އިތުރު ކޮށްފައެވެ. އިންޓެލިޖެންސް މައުލޫމާތަށް ބިނާކޮށް، ތުހުމަތުކުރެވޭ މީހުން ރާއްޖެ އެތެރެވިޔަނުދީ ހިފެހެއްޓަމުން އަންނަ އިރު ބިދޭސީން މެދުވެރިކޮށް ކުރާ ވިޔަފާރިތައް ހުއްޓުވުމާއި ގިނަ ފަހަރަށް މަސްތުވާތަކެތީގެ މުއާމަލާތްތައް ހިންގަނީ ބިދޭސީން ހިންގާ ކުދި ފިހާރަތަކާއި ކެފޭތައް މެދުވެރިކޮށް ކަމަށްވާތީ ބިދޭސީން އަމިއްލައަށް ހިންގާ ގަވާއިދާ ހިލާފު ވިޔަފާރިތައް ބަންދުކުރުމަށް ހާއްސަ ރެއިޑްތައް އަންނަނީ ހިންގަމުންނެވެ. ބިދޭސީންގެ ނަމުގައި ފައިސާ ބޭރުކުރާ މިންވަރު މޮނިޓަރުކޮށް، މަނީ ލޯންޑަރިން ހުއްޓުވުމަށް ވެސް އަންނަނީ ހާއްސަ އިސްކަމެއް ދެމުންނެވެ.

އެންޑީއޭގެ ފަރުވާގެ ނިޒާމު ހަރުދަނާކުރުން

ދަ ޕަލްސް ޕޮޑްކާސްޓްގައި ދަ ޕްރެސްގެ ނޫސްވެރިޔާ ރައީސްއާ ސުވާލު ކުރަނީ

މަސްތުވާތަކެތީގެ ވަބާއިން މުޖުތަމައު ސަލާމަތްކުރުމަށްޓަކައި އެދެވޭ ފަރުވާގެ ނިޒާމެއް ގާއިމުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. ނަމަވެސް، ރާއްޖޭގެ ފަރުވާދޭ ނިޒާމުގައި ގިނަ ގޮންޖެހުންތަކެއް ހުރިއިރު، ފަރުވާ ބޭނުންވެގެން ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގައި ރަޖިސްޓްރީވެފައިވާ މީހުންގެ އަދަދު ގިނަވެ، ފަރުވާ ފެށުމަށް ގިނަ ދުވަސްތަކެއް މަޑުކުރަން ޖެހުމަކީ މިކަމުގައި އެންމެ ބޮޑު ކަްބޮޑުވުން ހުރި ކަމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. މަރުކަޒުތަކުގެ ޖާގަ މަދުވުމާއި، ބައެއް މަރުކަޒުތަކުގެ ފެންވަރު ދަށްވުމާއި ތަޖުރިބާކާރު ކައުންސިލަރުންނާއި، ސައިކޮލޮޖިސްޓުންނާއި، ފަރުވާގެ ދާއިރާގެ ފަންނީ މީހުން ރާއްޖޭގައި މަދުވުމަކީ ވެސް ހުރި ގޮންޖެހުންތަކެވެ.

ގިނަ ފަރުވާގެ ހިދުމަތްތައް މާލެ ސަރަހައްދަށް ބިނާވެފައި އޮތުމުން، އަތޮޅުތެރޭގައި ތިބި މީހުންނަށް ހިދުމަތް ހޯދުމުގައި ހުރި ތަކްލީފުތައް ލުއި ކުރުމަށް މި ސަރުކާރުން ވަނީ ނެޝަނަލް ޑްރަގް އެޖެންސީގެ ކެޕޭސިޓީ ވަރުގަދަ ކުރަން ނިންމާފައި ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ފަރުވާ ހޯދުމަށް ކިއުގައި ތިބެން ޖެހުމާއި ފަރުވާ ފެށުމަށް ހުރި ލަސްތައް ހައްލު ކުރުމަށް އެންޑީއޭ ތެރޭގައި ހުރި މައްސަލަތައް ހައްލުކޮށްގެން ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ފަރުވާ ނިންމާފައި މުޖުތަމައަށް ނުކުންނަ މީހުންނަށް ވަޒީފާގެ ފުރުސަތުތަކާއި އިޖުތިމާއީ އެހީތެރިކަން މަދުވުމުގެ ސަބަބުން އަލުން މަސްތުވާތަކެތީގެ ތެރެއަށް އެނބުރި ދިއުމަކީ ވެސް މި ކަމުގައި ހުރި ގޮންޖެހުމެކެވެ. މި ހުރަސްތައް ނައްތާލުމަށް ސަރުކާރުން ކުރާ މަސައްކަތްތަކުގެ ތެރޭގައި ފަރުވާ ނިންމާ މީހުންނަށް ވަޒީފާގެ ފުރުސަތު ލިބޭނެ ޕްރޮގްރާމްތައް ހިންގުމާއި ޑްރަގް އެޖެންސީގެ ހިދުމަތްތައް އަވަސްކުރުމަށްޓަކައި، ކިއޫ މެނޭޖްކުރުމާއި މައުލޫމާތު ބެލެހެއްޓުން ޑިޖިޓަލް ނިޒާމަކަށް ބަދަލުކުރުން ހިމެނެއެވެ. ފަރުވާގެ ތެރޭގައި ދީނީ ހޭލުންތެރިކަމާއި އިސްލާމީ ތަރުބިއްޔަތު ހިމަނައިގެން، މީހާގެ އަހްލާގަށް ދާއިމީ ބަދަލެއް ގެނައުމަށް މަސައްކަތްކުރުމުގެ އިތުރުން ސަރުކާރުގެ އަމާޒަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަކީ ކުށްވެރިންގެ ގޮތުގައި ބަލައި އެކަހެރިކުރުމުގެ ބަދަލުގައި، އެމީހުންނަށް ބޭނުންވާ ސިއްހީ އަދި ނަފްސާނީ އެހީތެރިކަން ދީގެން މުޖުތަމައަށް އަލުން ނެރުމެވެ.

ދަ ޕަލްސް ޕޮޑްކާސްޓްގައި ދަ ޕްރެސްގެ ނޫސްވެރިޔާ ރައީސްއާ ސުވާލު ކުރަނީ

މަސްތުވާތަކެތީގެ މައްސަލައަކީ މި ކުޑަކުޑަ ދިވެހި މުޖުތަމައުއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އިޖުތިމާއީ އަދި ގައުމީ ނުރައްކަލެވެ. މިއީ ހަމައެކަނި ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ނުވަތަ ސަރުކާރުގެ ވަކި މުއައްސަސާއަކުން އެކަނި މަސައްކަތް ކޮށްގެން ހައްލުވާނެ ކަމެއް ނޫނެވެ. މިއާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި ކޮންމެ ފަރުދަކީ ވެސް ޒިންމާދާރު ބަޔަކަށް ވާންޖެހެއެވެ. ހާއްސަކޮށް، "ހޯޕް އައިލެންޑް" ފަދަ އުންމީދީ މަޝްރޫއުތަކާއި، ފަރުވާގެ ނިޒާމު ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތްތަކުން ނަތީޖާ ނެރެވޭނީ، އާއިލާތަކުންނާއި މުޅި މުޖުތަމައުން އެކަމަށް ފުރިހަމަ އެއްބާރުލުން ދީގެންނެވެ. ޅަދަރިންނާއި ޒުވާން ޖީލު މި ނުރައްކާތެރި އަނދަވަޅުން ސަލާމަތްކޮށް، އަމާން އަދި އުފާވެރި މާހައުލެއް ބިނާކުރުމަކީ މިއަދު އެންމެންގެ ބޮލުގައި އެޅިފައިވާ ގައުމީ ވާޖިބެކެވެ. އިސްލާމީ ރަނގަޅު ތަރުބިއްޔަތާއި، އޯގާތެރިކަމާއެކު ދެވޭ ފަރުވާއަކީ މި ވަބާއިން ގައުމު ސަލާމަތްކުރުމަށް އޮތް އެންމެ ކުރު އަދި އެންމެ ތަނަވަސް މަގެވެ.