ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އަށް ފަރުވާ ހޯދަންދާ ކްލައިންޓުންނަށް މަސްތުވާތަކެތި ދޭ މައްސަލައެއްގެ ތުހުމަތުގައި ހައްޔަރު ކުރި އެތަނުގެ މުވައްޒަފުގެ ބަންދަން 15 ދުވަސް ޖަހައިފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އެންޑީއޭގެ ޕިއާ މެންޓާގެ ވަޒީފާގައި ހުރި މުހައްމަދު ފަސީހު، 51، ފްލޮރިޑާ. ސ. ފޭދޫއެވެ.
އެންޑީއޭއިން ފަރުވާ ހޯދާ ކްލަޔަންޓުންނަށް މަސްތުވާތަކެތި ދީ، ނަހަމަ ގުޅުން ބާއްވާކަމަށް ތުހުމަތު ކުރެވޭ މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މި މަހުގެ ހަތަރު ވަނަ ދުވަހު ކަމަށެވެ. މި މައްސަލައާ ގުޅިގެން ކޯޓުއަމުރެއްގެ ދަށުން ފަސީހު ހައްޔަރުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.
ފުލުހުން ބުނީ ފަސީހުގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތަކަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.
މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
