ލޯކަލް ގަވަރަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ސީއީއޯ އަފްޝަން ލަތީފު އެމްޑީޕީގެ ޕްރައިމަރީގައި މުހައްމަދު ނަޝީދަށް ތާއީދު ކުރައްވަން ނިންމަވައިފިއެވެ.

ނަޝީދުގެ ކެމްޕެއިން ހަރަކާތްތަކުގައި އަފްޝަން ބައިވެރިވެ ވަޑައިގަންނަވަމުން ގެންދަވާއިރު ރައީސް ނަޝީދުގެ ކެމްޕެއިންގެ ޓުވިޓާ އެކައުންޓުން ވެސް ވަނީ އަފްޝަންއަށް މަރުހަބާ ކިޔައި ޓުވީޓު ކޮށްފައެވެ.

އަފްޝަނަކީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރުގެ އަނބިކަނބަލުންނެވެ. އަފްޝަންގެ އިތުރުން އަމްރު ވެސް ވަނީ ރައީސް ނަޝީދުގެ ކޭމްޕާ ގުޅިވަޑައިގެންފައެވެ. އަދި ރައީސް ނަޝީދާއެކު މިދިޔަ ހަފްތާ ވަނީ ކެމްޕެއިން އަށް ހުވަދު އަތޮޅަށް ވެސް ވަޑައިގަންނަވާފައެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި އަމްރަކީ، އެމްޑީޕީގެ މަތި ދެކުނު ޕްރޮވިންސްގެ ރައީސްގެ އިތުރުން ގައުމީ މަޖިލީހުގެ މެމްބަރެއް ވެސް މެއެވެ.

މި އަހަރުގެ އިންތިހާބަށް އެމްޑީޕީން ނުކުންނަ ކެންޑިޑޭޓަކު ކަނޑައެޅުމަށްޓަކައި ބާއްވާ ޕްރައިމަރީ އަށް ކުޑަތަންވަމުން އަންނަ އިރު، ނަޝީދު ގެންދަވަނީ އެކި ރަށްރަށަށް ވަޑައިގެން ކެމްޕެއިން ކުރައްވަމުންނެވެ.

މި މަހުގެ 28 ގައި ބާއްވާ ޕްރައިމަރީގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ކުރިއަށްދާ އިރު، މާލެ ސަރަހައްދުގައި ޖުމްލަ 49 ވޯޓުފޮށި ފޮށި ބަހައްޓަން ވަނީ ނިންމައިފަ އެވެ.

މާލެ ސަރަހައްދުގައި ވޯޓުފޮށިތައް ބަހައްޓަނީ ސީއެޗްއެސްސީ އާއި އަމީނިއްޔާ އާއި އެމްއެންޔޫ އާއި އިސްކަންދަރާއި ހިރިޔާ އާއި އިމާދުއްދީނާއި މާފަންނު މަދަރުސާ އާއި ތާޖުއްދީނާއި އިއްޒުއްދީނާއި ރެހެންދި އަދި ކަލާފާން އިތުރަށް މުހިއްދީން ސްކޫލްގަ އެވެ.

އަތޮޅުތެރޭގެ ރަށްތަކުގައި ވެސް ވޯޓު ފޮށި ބަހައްޓަނީ ރަށްރަށުގެ ސްކޫލްތަކުގަ އެވެ. ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ޕްރައިމަރީގައި ވޯޓުލުން ކުރިއަށް ދާނީ 28 ވަނަ ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 5:00 އާ ހަމައަށެވެ.