އެމްޑީޕީގެ ސިޔާސަތަކީ ކަމުނުދާ ސިޔާސަތެއް ކަމަށް ފެންނަ ބައެއް ބޭފުޅުން ޕާޓީގައި އެބަ ތިބި ކަމަށް ވިދާޅުވެ، ވާދަވެރިޔާ އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނުސީދާ ރައްދެއް ދެއްވައިފިއެވެ.
މާލޭގެ ބިލަބޮން ހައި ސްކޫލްގައި އެމަނިކުފާނަށް ތާއީދުކުރައްވާ މެންބަރުންނާ ބައްދަލުކުރައްވައި، ކުރިން ރައީސް ކަން ވެސް ކުރެއްވި ނަޝީދު ވިދާޅުވީ، މި ސަރުކާރަކީ އެމްޑީޕީގެ ސަރުކާރަކަށް ވި ނަމަވެސް، އެމްޑީޕީގެ މެނިފެސްޓޯ އާ އެއްގޮތަށް ސަރުކާރުން ކަންކަން ނުކުރާ ކަމަށެވެ. އެގޮތުން ޕާޓީގެ ސިޔާސަތާ ހިލާފަށް އިއްތިހާދުގެ ސިޔާސަތަށް ސަރުކާރުން އަމަލުކުރަމުން ދާތީ ޕާޓީގެ ގިނަ މެންބަރުން ނުރުހުން ފާޅުކުރަމުންދާ ކަން ނަޝީދު ފާހަގަކުރެއްވިއެވެ.
ރިޔާސީ ޕްރައިމަރީ ފެށެން ބާކީ ހަތަރު ދުވަހަށް ވެފައި އޮއްވާ ކ. ގުރައިދު އަށް ވަޑައިގެން އެ ރަށުގައި ތިބި ސަޕޯޓަރުންނާ ބައްދަލުކުރައްވާ ރައީސް ވިދާޅުވީ، ކޮންމެ ރަށަކަށް ވަޑައިގަތަސް، ފެނިވަޑައިގަންނަވަނީ އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް އޮތް ތާއީދު ކަމަށެވެ.
"މި ޕްރައިމަރީ ތަފާތު ބޮޑުކޮށް ކާމިޔާބުކޮށް ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެމްޑީޕީ އަށް ކާމިޔާބުކޮށްދިނުމުގައި އަޅުގަނޑަކަށް މިހާރަކު މާ ބޮޑު ދަތިތަކެއް ނުފެނޭ،"
ރައީސް ވިދާޅުވި ގޮތުގައި، އެމްޑީޕީގެ މައިގަނޑު ސިޔާސަތަކީ ރަށްރަށުގައި ފެނާއި ނަރުދަމާ ފަދަ އަސާސީ ހިދުމަތްތައް ގާއިމްކޮށް، ޒުވާނުންނަށް ބޭނުންވާ ކުޅިވަރު މަރުކަޒުތައް ގާއިމްކޮށް، ޖަޒީރާވަންތަ ގޮތަކަށް ރާއްޖޭގެ ރަށްތައް ތަރައްގީކުރުމެވެ. ނަމަވެސް ބައެއް ބޭފުޅުން އެ ސިޔާސަތާ ދެކޮޅަށް ވާހަކަ ދައްކަވާ ކަމަށް ވިދާޅުވެ، ނުސީދާ ގޮތެއްގައި ނަޝީދަށް ރައްދު ދެއްވިއެވެ.
"އެހެންނަމަވެސް ޕާޓީގެ މި މުހިންމު ސިޔާސަތު އެއީ މިހާރު ކަމުނުދާ ސިޔާސަތެއް ކަމަށް ފެންނަ ބައެއް ބޭފުޅުން ޕާޓީ ތެރޭގައި އެބަތިބި. ކުދި ރަށްރަށުގައި ދިރިއުޅޭ އާބާދީތަކަށް އަޅުގަނޑުމެން ފޯރުކޮށްދޭ އަސާސީ ހިދުމަތްތައް އެއީ ބޭކާރު ހަރަދަކަށް ބައެއް ބޭފުޅުންނަށް އެބަ ގަބޫލުކުރެވޭ، އެ ވާހަކަތައް އެބަ ދައްކާ،"
"ތިޔަ ބޭފުޅުން އެޔާ ކައިރިވެ ވަޑައިނުގަންނަވައްޗޭ، އެއީ އެމްޑީޕީގެ ސިޔާސަތެއް ނޫން،" ރައީސް ވިދާޅުވިއެވެ.
ގުރައިދު އަށް އަލިއަޅުވާލައްވައި ރައީސް ވިދާޅުވީ، ގުރައިދޫގެ އިތުރުން މާފުށްޓަށާއި ގުޅި އަށް ވޭތުވެދިޔަ ސަރުކާރުތަކުން ގިނަ ފަހަރު އަޅާލާފައި ނުވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، މިވީހާ ދުވަސްވެގެން ދިޔަ އިރު ވެސް ގުރައިދޫ ހިމެނޭހެން މާލެ ކައިރީގައިވާ ރަށްތައް ތަރައްގީވެފައި ނުވާ ކަމަށެވެ.
2018 ގެ ރިޔާސީ އިންތިހާބާ ދިމާކޮށް ގުރައިދޫން އެދުނީ ބިން ބޮޑުކޮށްދިނުމަށް ކަމަށާއި، އެ ރަށުގެ ބިން ބޮޑުކޮށް "ޕިކްނިކް އައިލެންޑެއް" ބޮޑުކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ އިތުރުން ރައީސް ވަނީ އެ ރަށުގެ އިތުރުން މާފުށްޓަށާއި ގުޅި އަށް ސަރުކާރުން ކޮށްދިން ބައެއް ކަންކަމަށް ވެސް ކުޑަކޮށް އަލިއަޅުވާލައްވައިފައެވެ.