ޗައިނާ ހުޅުވާލައި ހަފްތާއެއް ނުވަނީސް އެންމެ ގިނައިން ރާއްޖެއަށް ޓޫރިސްޓުން އަންނަ 10 ގައުމުގެ ތެރޭގައި ޗައިނާ ހިމިނިއްޖެއެވެ.

ކޮވިޑް-19 ގެ ސަބަބުން ތިން އަހަރު ދުވަހުގެ މެދުކެނޑުމަކަށް ފަހު، ޗައިނާގެ ފަތުރުވެރިން ރާއްޖެ އަށް އަލުން އަންނަން ފަށާފައި ވަނީ މިމަހު 18 ވަނަ ދުވަހުއެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމު ހިއްސާކުރެއްވި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ ހަތަރު ދުވަހުގެ ތެރޭގައި ޗައިނާއިން ވަނީ 2،354 ޓޫރިސްޓުން އައިސްފައެވެ. މިއީ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމުތަކުގެ ލިސްޓުގެ ނުވަ ވަނައެވެ. މިއީ ރާއްޖެއަށް އައި ޓޫރިސްޓުންގެ 1.9 ޕަސެންޓު ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި މިވަގުތު އޮޕަރޭޝަނަލް ހާލަތުގައި 59،746 އެނދު ހުރިއިރު އޭގެތެރޭގައި 172 ރިސޯޓުގައި ހުރި 41،945 އެނދު، 1640 ހޮޓެލް، ގެސްޓްހައުސްގައި 14،156 އެނދު އަދި ސަފާރީ އުޅަނދުފަހަރުގައި 2901 އެނދު ހިމެނެއެވެ.

ރާއްޖެއަށް ދުވާލެއްގެ މައްޗަށް އަންނަ ފަތުރުވެރިންގެ އަދަދު 5000 ހުރަސް ކޮށްފައި ވާއިރު ޓޫރިޒަމް މިނިސްޓްރީން ހާމަކުރާގޮތުގައި މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު ރާއްޖެއަށް 5485 ފަތުރުވެރިން އާދެއެވެ. އަދި ރާއްޖެއަށް އަންނަ ފަތުރުވެރިން އެވްރެޖްކޮށް 8.2 ދުވަހުގެ ޗުއްޓީއެއް ރާއްޖޭގައި ހޭދަ ކުރެއެވެ.

މި އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރީ ރަޝިއާ އިން ވަނީ 16974 ފަތުރުވެރިން ޒިޔާރަތް ކޮށްފައެވެ. މީގެ އިތުރުން އިޓަލީގެ 11،764 ފަތުރުވެރިން ޒިޔާރަތް ކޮށްފައި ވާއިރު ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރި އިންޑީއާ އިން އައީ 11،163 ފަތުރުވެރިންނެވެ.

ކޮވިޑް-19 ގެ ކުރިން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ ޗައިނާ އިންނެވެ.

ޓޫރިޒަމް ޓާގެޓެއްގެ ގޮތުގައި މިއަހަރު ރާއްޖެއަށް 1.8 މިލިއަން ފަތުރުުވެރިން އަންނާނެ ކަމަށް ސަރުކާރުން ވަނީ ލަފާ ކޮށްފައެވެ.

މިދިޔަ އަހަރު ރާއްޖެއަށް ލަފާކޮށް ފައިވާ 1.6 މިލިއަން ފަތުރުވެރިންގެ އަމާޒު ހާސިލް ވެފައިވާ އިރު އޭގެ ކުރީއަހަރު ހިފި އަމާޒު ވެސް ހާސިލް ކޮށްފައި ވުމަކީ ކޮވިޑަށް ފަހު ޓޫރިޒަމް ސިނާއަތަށް އައި ލޮޅުމުން އަރައިގަތުމަށް ކުރަމުން އަންނަ މަސައްކަތުގައި ދުވަހެއް ދުވަހެއް ކުރިއަރަމުން އަންނަ ކަމުގެ ހެއްކެއް ކަމުގައި ގިނަ ބަޔަކު ގަބޫލު ކުރެއެވެ.