ސްވިޑަންގެ ހަރުކަށި ކަނާއަތުފިޔައިގެ ޕާޓީގެ ލީޑަރު ކީރިތި ޤުރުއާން އަންދާލި މައްސަލަ ދިވެހި ސަރުކާރުން ކުށްވެރި ކޮށްފިއެވެ.
ސްވިޑްގައި ހުންނަ ތުރުކީގެ އެމްބަސީގެ ކުރިމަތީގައި އިއްޔެ ބޭއްވި އިހުތިޖާޖެއްގައި އިދިކޮޅު ލީޑަރު އެކަން ކުރީ ސަރުކާރުގެ ހުއްދައާ ވެސް އެކުގައި ކަމަސް މީޑިއާ ރިޕޯޓުތައް ބުނާ އިރު، އޭނާ އެކަން ކުރި އިރު ފުލުހުންވެސް ކަރިރީގައި ތިބި ކަމަށާއި އަޅާނުލާކަމަށްވެސް ހަބަރުތައް ބުނެއެވެ.
ދިވެހި ސަރުކާރުގެ ފަރާތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވީ، އެ އަމަލު ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށެވެ.
މި މައްސަލައިގައި މިއަދު އިސްލާމީ ޖަމާއަތްތަކާއި، އިލްމިވެރިންގެ އިތުރުން ގައުމުތަކުން އެކަން ކުށްވެރި ކުރަމުން ދާ އިރު، ތުރުވީން ވެސް ވަނީ ނުރުހުން ފާޅުކޮށް އެ ނާތަހުޒީބު އަމަލު ބަލައިނުގަންނާނެ ކަމަށް ބުނެފައެވެ.
މި ނާތަހުޒީބު އަމަލު ހިންގި ވަގުތަކީ، ސްވިޑަންގެ ޑިފެންސް މިނިސްޓަރު ތުރުކީއަށް ވަޑައިގަތުމަށް ތާވަލު ކޮށްފައި އޮތް ވަގުތެއްވެސް މެއެވެ. ސްވިޑަން އިން ނޭޓޯ އަށް ވަނުމަށް ކުރާ މަސައްކަތުގައި ތުރިކީގެ ވޯޓު ބޭނުން ވެއެވެ. ނަމަވެސް ތުރުކީން ވޯޓު ނުދިން މައްސަލައިގައި އެގައުމުގައި ހުންނަ ތުރުކީ އެމްބަސީ ކުރިމަތީގައި ކަނާއަތުފިޔައިގެ ހަރުކަށި ޕާޓީއަކުން ޤުއުއާންގެ ކޮޕީ އަންދާ ލުމުން މަޝްރަހު ވަނީ އިތުރަށް ހޫނުފައެވެ.
ޤުރުއާން އަންދާލަމުން ހަރުކަރި ލީޑަރު ރަމްސޫސް ޕަލޫދާން ހަރުއަޑުން ގޮވަމުން ދިޔައީ "ހިޔާލުފަޅު ކުރުމުގެ މިނިވަންކަން ނެތްކަމަށް އެދޭނަމަ ކަލޭމެން ކޮންމެވެސް އެހެން ތާކަށް ދޭ" އެވެ.
މިކަމާ ގުޅިގެން ތުރުކީގެ ފޮރިން މިނިސްޓްރީން ބުނީ، ހިޔާލުފާޅުކުރުމުގެ ނަމުގައި މުސްލިމުންނަށް މަލާމާތް ކޮށް ކީރިތި ޤުރުއާނަށް އިހާނެތިކޮށް ހިތުން ބަލައި ނުގަންނާނެ ކަމަށާއި އެންމެ ހަރުކަށި އިބާރާތުން އެކަން ކުށްވެރި ކުރާ ކަމަށެވެ. މި މޭރުމުން ސްވިޑަންގެ ފޮރިން މިނިސްޓްރީންވެސް ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނީ، އެއީ ހައްދުފަހަނައެޅި އަމަލެއް ކަމަށާއި އެއީ ފްރީޑަމް އޮފް އެކްސްޕްރެޝަން (ހިޔާލުފާޅުކުރުމުގެ މިނިވަންކަން) ނޫން ކަމަށެވެ. އަދި އެއީ އެ ގައުމުގެ ސިޔާސަތެއް ނޫން ކަމަށްވެސް ބުނެފައި ވެއެވެ.