އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިނަށް ގދ. ތިނަދޫއަށާއި ގއ. ވިލިނގިއްޔަށް މިއަދު ވަޑައިގަންނަވާނެ ކަމަށް އެމަނިކުފާނުގެ ކެމްޕެއިން ޓީމުން ބުނެފިއެވެ.

"ކުރިއަށް" ނަމުގައި ރައީސް ސޯލިހުގެ ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދަވާ އިރު "ފިކުރެއްގެ ދިރުން" ނަމުގައި ދެން ވާދަކުރައްވާ ކެންޑިޑޭޓު، ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ގެންދަވަނީ ފޯރިގަދަ ކެމްޕެއިނެއް ކުރައްވަމުންނެވެ.

ރައީސް ނަޝީދު މާދަމާ އައްޑޫ ސިޓީއަށް ވަޑައިގަތުމަށް ހަމަޖެހިފައި ވާއިރު އެ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އެމަނިކުފާނު މާލެ ވަޑައިގަންނަވާނީ އަންގާރަ ދުވަހު ކަމަށް ކެމްޕެއިން ޓީމުން ހާމަކުރެއެވެ.

ރައީސް ސޯލިހު އެ ދެ ރަށަށް ވަޑައިގަންނަވަނީ މިއަދު ކޮން ވަގުތެއްގައިކަން ސާފުވެފައި ނުވާއިރު ތިނަދޫ އަށް ވަޑައިގެން އެ ރަށުގެ އުތުރާއި ދެކުނުގެ އެމްޑީޕީ މެންބަރުންނާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ވިލިނގިއްޔަށް ވަޑައިގެން އެމްޑީޕީ މެންބަރުންނާ ބައްދަލުކުރެއްވުމުގެ އިތުރުން ބޮޑު ޖަލްސާއެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.

ރައީސް ސޯލިހު އިއްޔެ ފުވައްމުލަކު ސިޓީއަށް ވަޑައިގެންފައި ވާއިރު ރައީސް ނަޝީދު ވަނީ މި މަހުގެ 19 އިން 21 އަށް ހުވަދޫ އަތޮޅުގެ ބައެއް ރަށްތަކަށް ވަޑައިގެންފައެވެ.

ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިން ރައީސް ސޯލިހު ވަނީ ރ، ބ، ނ، ޅ އަދި އައްޑޫ ސިޓީގެ އަތޮޅުގެ ބައެއް ރަށްތަކަށް ވަޑައިގެންފައެވެ. އަދި ހއ. ހދ. އަދި ށ ގެ ބައެއް ރަށްތަކަށް ދާދިފަހުން ވަޑައިގެންފައި ވެއެވެ.

ރައީސް ނަޝީދުގެ ކެމްޕެއިން ހަރަކާތްތައް މިދިޔަ ޑިސެންބަރު މަހު ބޮޑު ތިލަދުންމަތިން ފެއްޓެވިއިރު ފުވައްމުލަކު ސިޓީއަށާއި އއ، އދ، ފ، ދ، ނ، ރ، ބ، މ، ވ، ތ އަދި ފ އަތޮޅުގެ ބައެއް ރަށްތަކަށް ވަނީ ވަޑައިގެންފައެވެ. އަދި ޅ އަތޮޅާއި މާލެ އަތޮޅުގެ ރަށްތަކަށްވެސް ރައީސް ނަޝީދު ވަނީ ވަޑައިގެންފައެވެ.

މި މަހުގެ 28 ވަނަ ދުވަހު އެމްޑީޕީ ރިޔާސީ ޕްރައިމަރީ ބާއްވަން ނިންމާފައި ވާއިރު ރައީސް ނަޝީދުގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ހަރަކާތްތައް ފޯރީގައި ދަނީ ކުރިއަށެވެ. އެގޮތުން ދެ ކެނޑިޑޭޓުންވެސް އަތޮޅުތެރޭގެ ރަށްތަކަށް ވަޑައިގަންނަވާ އިރު ދެބޭފުޅުން އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ފާޑު ވިދާޅުވެ، ތުހުމަތުތައްވެސް ގެންދަވަނީ ކުރައްވަމުންނެވެ.