ޔޫކްރައިން އަށް އަރާ ރަޝިއާއިން ކުރަމުން ދާ ހަނގުރާމައިގައި ރަޝިއާ ފަހަތަށް ޖައްސާ ބަލިކޮށްލަން ބޭނުންވާ ޖަރުމަނުގެ ޒަމާނީ އަސްކަރީ ޓޭންކް ޔޫކްރައިން އަށް ދިނުމުގައި ހުޅަނގުގެ ހިޔާލު ތަފާތު ވެއްޖެއެވެ.
ޔޫކްރައިން އަށް ޒަމާނީ ހަތިޔާރު ފޯރުކޮށް ދިނުމަށާއި ޖަރުމަނުގެ ޒަމާނީ އަސްކަރީ ޓޭންކް ހިމެނޭ ގޮތުން ދޭން، ޖަރުމަނުގައި އޮންނަ އެމެރިކަން ރަމްސްޓެއިން އެއާބޭސްގައި 50 ގައުމެއްގެ ޑިފެންސް ލީޑަރުން ބޭއްވި މަޝްވަރާ ކުރިއެވެ.
އެމެރިކާވެސް ބައިވެރިވެ ކުރިއަށް ގެންދިޔަ މަޝްވަރާތަކުގައި ޔޫކްރައިނަށް ހަތިޔާރު ފޯރުކޮށް ދިނުމުގައި ހިޔާލު ތަފާތު ވީ، ޔޫރަޕްގެ ޒަމާނީ ހަތިޔާރު ޔޫކްރައިން އަށް ދީފި ނަމަ، ހަނގުރާމަ ޔޫރަޕަށް ވެސް ފުޅާ ވެދާނެ ކަމުގެ އިންޒާރު ރަޝިއާއިން ދީފައި އޮތުމުންނެވެ.
މި ބައްދަލުވުމުގައި ޔޫރަޕްގެ ލީޑަރުން ވަނީ، ޖަރުމަނުގެ ލެޕާޑް 2 މަރުކާގެ ޓޭންކް ރޫކަރައިން އަށް ދޭނެ ކަމުގެ ފެހި ސިގްނަލް ދިނުމަށް ޖަރުމަނުގެ ކިބައިން ތަކުރާރު ކޮށް އެދިފައެވެ. ނަމަވެސް ޖަރުމަނުން އެކަމުގައި ހިފަހައްޓަނީ ކުރިންވެސް ދަމަހައްޓަމުން އައި ސިޔާސަތެވެ. އެއީ އެމެރިކާއިން އެއްބަސް ނުވާ ނަމަ އެ ޓޭންކް ފޯރުކޮށް ނުދިނުމަށް ގެންގުޅޭ ސިޔާސަތެވެ.
އިތުރަށް ޖަރުމަނުން ބުނީ، ޓޭންކް ނުދޭން ޖަރުމަނުން ނޫޅޭ ކަމަށާއި ނަމަވެސް ހުރިހާ ބައިވެރިން އެކަމަށް އެއްބަސް ވާން ޖެހޭނެ ކަމަށެވެ.
ލެޕާޑް ޓޭންކަކީ، ކާމިޔާބުކަމާއެކު އަމާޒަށް ހަމަލާ ދެވޭ ގޮތަށް ފަރުމާ ކޮށްފައި ވާ ދުވެލި ބާރު ޓޭންކެކެވެ. މި ޓޭންކަކީ 5 ކިލޯމީޓަރުގެ ދުރަށް ހަމަލާ ދިނުމުގެ ގާބިލުކާމާއެކު 1500 ހޯސްޕަވަރުގެ ބާރުމިން ހުންނަ ޓޭންކެކެވެ. އަދި 120 މިލިމީޓަރުގެ ވަޒަން ފޮނުވާލައި ބަޑިއާއި އިތުރު މެޝިންގަން ވެސް ހަރުކޮށް، ޑްރައިވަރު ހިމެނޭގޮތަށް 4 މީހުންނަށް ބަރާބަރަށް މަސައްކަތް ކުރެވޭ ގޮތަށް ފަރުމާ ކޮށްފައި ހުންނަ ޓޭންކެކެވެ. ޔޫރަޕުގެ ގިނަ ގައުމުތަކެއްގައި މި ޓޭންކް ބޭނުން ކުރާ އިރު މިއީ ޖަރުމަނުގެ އުފެއްދުމެއް ކަމުން، ސަޕްލައި ކުރަން ޖަރުމަނުގެ ހުއްދަ ބޭނުންވެއެވެ.
ޔޫރަޕުން ގައުމުތަކާ ދެކޮޅަށް ކުރި ހުރިހާ ހަނގުރާމައެއްގައި މި ޓޭންކް ބޭނުން ކޮށްފައި ވާ އިރު ޔޫކްރައިން އިން މި ޓޭންކް ބޭނުން ވަނީ، އެމީހުންގެ އަތުގައި ހުރި ޓޭންކް ތަކަށް ވުރެ މީގެ ހަމަލާތައް ކާމިޔާބު ކަމާއި މި ޓޭންކްތަކުން ދޭ ހަމަލާއިން ރަޝިއާގެ ދިފާއު ފޫއަޅުވާލެވޭނެ ކަމަށް ގަބޫލު ކުރާތީއެވެ.
މި ޓޭންކް ނުދިން ނަމަވެސް ޖަރުމަނާއި ޔޫރަޕުން މިހާރުވެސް ވަނީ އަސްކަރީ އެތައް އުޅަނދަކާއި، އެތައް ޓޭންކެއް ދީފައެވެ. ނަމަވެސް އެ ޓޭންކް ތަކަކީ ލެޕާޑް އާ ކައިރިވެސް ކުރެވޭ ވަރުގެ ގާބިލުކަމެއް ހުރި ޓޭންކްތަކަށް ނުވާތީ ޔޫކްރައިން އަށް ދަނީ ގޮތް ހުސްވަމުންނެވެ.
އެމެރިކާ އާއި ހުޅަނގުން އެ ޓޭންކް ދޭން ދެކޮޅު ހަދަނީ ޔޫކްރައިންގެ ސިފައިން އެ ބޭނުން ކުރަމުން ގޮސް ރަޝިއާގެ އަތްދަށުވެދާނެތީ އާއި، އޭގެ ސަބަބުން ހަނގުރާމަ އިތުރަށް ފުޅާވެ ރަޝިއާއިން ޔޫރަޕަށް ހަމަލާ ދީފާނެތީއެވެ. ނަމަވެސް ޔޫކަރައިން އިން ބުނަނީ، އެ ޓޭންކް އެމީހުން ބޭނުން ކުރާނީ ބައިނަލައްގުވާމީގޮތުން ބަލައިގެންފައިވާ އިމުގެ ސަރަހައްދުގައި ކަމަށާއި ރަޝިއާ އަތުގައި ޖެހުނަ ނުދޭނެ ކަމަށެވެ.
މި ކަމަކާ ގުޅިގެން ރަޝިއާއިން ބުނެފައި ވަނީ، ހަނގުރާމަ މަތީ ޓޭންކްތައް ޔޫކްރައިން އަށް ދިނުމަކުން ލިބޭނެ ހަމަ އެއްވެސް މޮޅެއް ނޯންނާނެ ކަމަށާއި ނަމަވެސް ގެއްލުންވެ ހަލާކުވެގެން ދާނީ ޔޫކްރައިން ކަމަށެވެ.
ކްރެމްލިންގެ ތަރުޖަމާން ޑިމިޓްރީ ޕެސްކޯވް އާ ހަވާލާދީ ހަބަރުތަކުން ބުނެފައި ވަނީ، ރަޝިއާ އާއި ޔޫކްރައިންގެ ކުރިމަތިލުމަށް ނޭޓޯގެ ގައުމުތަކުން ސީދާ ގޮތުންނާއި ނުސީދާގޮތުން ވަންނަން މަސައްކަތް ކުރާތަން ފެންނަ ކަމަށާއި ނޭޓޯއާއި ހުޅަނގުން އެދެކޭ ހުވަފެން ހަގީގަތަކަށް ނުވާނެ ކަމަށެވެ.
އިތުރަށް ރަޝިއާއިން ބުނީ، ހަނގުރާމަ ފުޅާވިޔަ ނުދޭން ކުރަން އޮތީ އެންމެ ކަމެއް ކަމަށާއި އެއީ ފެންރުއަރީ 24، 2021 ގައި ހަނގުރާމަ ފެށުމުގެ ކުރިން ރަޝިއާއިން ކަންބޮޑުވުން ފާޅުކުރި މައްސަލަ ހައްލުކުރުން ކަމަށެވެ. ރަޝިއާއިން އޭރު ބުނެފައި އޮތީ، ޔޫކްރައިން ނޭޓޯ އަށް ނުވެއްދުމަށާއި ނޭޓޯގެ ހަރަކާތްތައް އެ ބިތަށް (އިތުމަރީ ޔޫރަޕަށް) ފުޅާ ނުކުރުމަށެވެ.