އީރާނުން ބަރުކޮށްގެން ޔަމަނަށް ދިޔަ މަގުމަތީގައި އެމެރިކާގެ އަސްކަރިއްޔާއިން އަތުލި އީރާނުގެ ވަޒަން ޝިޕްމަންޓެއްގައި ހިމެނޭ 1.1 މިލިއަން ވަޒަން އެމެރިކާއިން ޔޫކްރައިން އަށް ދީފިއެވެ.

މެދުއިރުމަތީގެ ހަރަކާތްތައް ބަލަހައްޓާ އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނީ، އެ ވަޒަން ތަކަކީ، އީރާނުން ބަރުކޮށްގެން ޔަމަނަށް ގެންދަން މަސައްކަތް ކުރި ވަޒަން ކަމަށާއި އެ އަތުލީ މިދިޔަ ޑިސެމްބަރުގައި ކަމަށެވެ.

އަދި މިވަގުތު ޔޫކްރައިން ވަޒަނަށް ޖެހިފައި ވާ ކަމަށާއި އެހެން ކަމުން އެތަކެތި މިދިޔަ ހޯމަ ދުވަހު އެގައުމަށް ފޮނުވާފައި ވާ ކަމަށް ވެސް ބުނެއެވެ.

އެ ވަޒަނަކީ، ސޯވިއެޓް ޒަމާނުގައި އުފައްދާފައި ހުރި ބަޑިއާއި ރައިފަލްފައި ބޭނުން ކުރެވޭ 7.62 މިލިމީޓަރުގެ ވަޒަނެވެ.

މިއީ ހުޅަނގާއި އެމެރިކާއިން ޔޫކްރައިން އަށް ދޭ އަސްކަރީ މަދަދުގެ ކުޑަ މިންވަރެކެވެ. އެމެރިކާއިން އެކަނިވެސް މިހާތަނަސް 200 މިލިއަން ވަޒަނާއި އަތުބޮމުގެ އިތުރުން ބަރުހަތިޔާރާއި، މިސައިލާއި، މިސައިލުން ދިފާއުވާ ނިޒާމުތަކާއި، ޑްރޯން އާއި އެޑްވާންސް ޓެކްނޮލޮޖީ ވަނީ ޔޫކްރައިން އަށް ފޯރުކޮށްދީފައެވެ. ހުޅަނގުގެ އެހެން ގައުމުތައް ހިމެނޭހެން ޔޫރަޕުންވެސް ވަނީ ބިލިއަން ބިލިއަން ޑޮލަރުގެ އަސްކަރީ ސާމާނު ޔޫކްރައިން އަށް ދީފައެވެ. އޭގެ ތެރޭގައި ޓޭންކަރުތަކާއި ބޮޑުބަޑީގެ އުންޑައާއި، ނިއުކްލިއާ ދަގުއިން ފައްކާ ކޮށްފައި ވާ ޝެލްސް [އުންޑަ] ވެސް ހިމެނެއެވެ.

އެމެރިކާއިން އީރާނުގެ ޝިޕްމަންތް އަތުލައި އަމިއްލަ ކުރީ، އެ ތަކެތީގެ ވިޔަފާރި ކުރާ ފަރާތަކުން ހިންގަނީ ޖިނާއީ ކުށެއްކަމަށް ތުހުމަތު ކުރެވިއްޖެނަމަ އަތުލެވޭ މުދަލާއި ފައިސާ އަމިއްލަ ކުރެވޭ ގާނޫނެއްގެ ދަށުންނެވެ.

އީރާނަކީ، ޔަމަނުގެ ހޫތީންނަށް މަދަދުދޭ ގައުމެކެވެ. އެގައުމުން ފޯރުކޮށްދޭ ހަތިޔާރު ބޭނުން ކޮށްގެން ޔަމަނުގައި ދާހިލީ ހަނގުރާމައެއް ހިނގަމުން ދާއިރު ޔަމަނަކީ މިހާރު ސުންނާފަތިވެފައި ވާ ގައުމެކެވެ. އެގައުމަށް ހަތިޔާރު ފޮނުވުމާއި އީރާނުން އެ ސަރަހައްދުގައި ހިންގާ ހަރަކާތްތަކަށް އިޒްރޭލާއި އެމެރިކާއިން ފާރަވެރިވަމުން ދާއިރު، އެގޮތަށް ހަރިޔާރު ފޯރުކޮށްދިނުން 2015 ގައި އދ އިން ފާސްކުރި ގަރާރަކުން އޮތީ މަނާ ކޮށްފައެވެ. އެއާއެކު އެގޮތަށް ހިންގާ ހުރިހާ މުއާމަލާތަކީ ގާނޫނާ ހިލާފު މުއާމަލާތް ކަމަށް ކަނޑައަޅާ އެމެރިކާއިން ގެންދަނީ އަތުޖެހޭ އެފަދަ މުއާމަލާތްތައް ހުއްޓުވަމުންނެވެ.

ހޫތީން ޔަމަނުގައި ހަނގުރާމަ ފަށާ ސަންއާގައި އޮތް ސަރުކާރު ވައްޓާލި އިރު، އެ ސަރުކާރަށް މަދަދު ދެމުން ދަނީ ސައުދީ އަރަބިއްޔާއިންނެވެ. އެހެން ކަމުން ޔަމަނުގެ ހަނގުރާމަ އަކީ، އީރާނާއި ސައުދީ އާ ދެމެދު ހިނގަމުންދިޔަ ހަނގުރާމައެއް ކަމަށް މުރާސިލުން ސިފަ ކުރެއެވެ.

ޗައިނާ މެދުވެރިވެގެން މެދުއިރުމައްޗަށް ސުލްހަ ގެނައުމަށް މިދޭތެރެއިން ހިންގި ޕްރޮގްރާމުގެ ދަށުން މިހާރު ވަނީ ޔަމަން ހަނގުރާމަ ހުއްޓާލައި، ސައުދީ އާއި އީރާން ސުލްހަވެފައެވެ.

އެމެރިކާއިން ޔޫކްރައިން އަށް ހިފެހެއްޓުމެއް ނެތި އަސްކަރީ މަދަދާއި އެހީތެރިކަން ފޯރުކޮށް ދެމުން ގެންދާއިރު، އެގައުމުގެ ވެރިން ގޮވާލައްވާފައި ވަނީ ކުރިމަތިވަމުން އަންނަ ފިނި މޫސުމުގެ ނުރައްކާ ފޯރުމުގެ ކުރިން، އެކަން ނިންމާލަން [ރަޝިއާ ބަލިކުރަން] ހުޅަނގާއި ނޭޓޯއިން ވަރުގަދަ މަސައްކަތްތަކެއް ކުރުމަށެވެ. އަދި ނޭޓޯގެ އަސްކަރީ ބަޖެޓްގެ 2 ޕަސެންޓް ޔޫކްރައިން އަށް ހާއްސަކުރުމަށް ވެސް ވަނީ ގޮވާލާފައެވެ.

ރަޝިއާ އާ ދެކޮޅަށް ބޭނުން ކުރަން ހުރި ހަތިޔާރާއި ވަޒަން ހުސްވަމުން ދާ ކަމަށް ޔޫކްރައިންގެ ވެރިން އިއުލާން ކުރައްވާފައި ވާ މިދަނޑިވަޅުގައި އެމެރިކާއިން އިތުރު އެހީ ދިނުމަށް ފާސްކުރަން މަސައްކަތް ކުރި 6 ބިލިއަން ޑޮލަރުގެ ޕެކޭޖް ވަނީ ގާނޫނު ހަދާ މަޖިލީހާ ހިސާބުގައި ހުއްޓިފައެވެ. ޑިމޮކްރެޓުންނާއި ރިޕަބްލިކަނުންނާ ދެމެދު ހިޔާލުތަފާތުވެ އެ ބަޖެޓް ފާސްކޮށް ނުދީ ދާތީ އެމެރިކާއިން މިވާރު ވިސްނުން ބަދަލު ކޮށް، އެމީހުންގެ ކޮންޓްރޯލްގައި ހުރި އެހެން ގައުމުތަކާއި މީހުންގެ މުދާ [ހަތިޔާރު] ޔޫކްރައިން އަށް ދޭން މިވަނީ ފަށާފައެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެފައި ވަނީ، ބަޖެޓް ފާސްކޮށް ނުދިންނަމަވެސް އެމެރިކާއިން ޔޫކްރައިން ދޫކޮށް ނުލާނެ ކަމަށާއި، ދެމިތިބޭނީ އެކުގައި ގަދަކޮށް ކަމަށެވެ.