އިޒްރޭލުން ގާޒާއާ ދެކޮޅަށް ފަށާފައި ވާ ހަނގުރާމަ މެދުއިރުމައްޗަށް ވުރެ ބޭރަށް ފުޅާވާނެ ކަމަށާއި، ބާރުހުރި ފަރާތާތްކަކުން އެ ހަނގުރާމައިގެ ތެރެއަށް އެހެން ގައުމުތައް ވައްދަން މަސައްކަތް ކުރާ ކަމަށް ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ، ބަޔަކު ކުރި ކަމެއްގެ އަދަދު އަންހެނުންނާއި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނަށް ދިނުމަކީ ގޯހެއް ކަމަށެވެ.

ބާރުހުރި ފަރާތްތަކަކީ ކޮބައިކަން ޕުޓިން ވިދާޅުނުވިނަމަވެސް އޭނާ އެ އިޝާރާތް ކުރައްވަނީ އެމެރިކާ އަށް ކަމަށް ބެލެވެއެވެ. ހަނގުރާމައިގެ ހަބަރުތައް ދިރާސާ ކުރާ ފަރާތްތަކުން ބުނާގޮތުގައި އިޒްރޭލުން މިހާރު ކުރިއަށް ގެންދާ އުދުވާން ވިލަރެސް ކޮށްދެނީ ސީދާ އެމެރިކާއިންނެވެ. އަދި އިޒްރޭލުގެ ސިފައިންނާއެކު އެމެރިކާގެ އެކްސްޕާޓުންނާއި ސިފައިންވެސް ހަރަކާތްެރި ވަމުން ދާ ކަމަށާއި އެމެރިކާގެ އަސްކަރިއްޔާގެ އެންމެ ބޮޑެތި މަނަވަރުގެ 2 މަނަވަރު ފުރިހަމަ ހަތިޔާރާއި ސިފައިންނާއެކު އޮތީ އިޒްރޭލު ކައިރީގައެވެ. އެމީހުންނާ މާ ދުރުނޫން ހިސާބެއްގައި ކެނެޑާ، ފްރާންސްގެ މަނަވަރުތައްވެސް އެބަތިއްބެއެވެ.

"އަހަރެމެންމެ މިއަދުގެ އާމާޒު އަދި މަސައްކަތަކަށް ވާންނީ ލޭއޮހޮރުވުން ހުއްޓުވުން" ރަޝިއާގައި އުޅޭ އެކި ދީންތަކުގެ ލީޑަރުންނާ މިއަދު ބައްދަލުކުރައްވައި ޕުޓިން ވިދާޅުވިއެވެ.

ރަޝިއާ އާ އިންވެގެން އޮތް ޔޫކްރައިން ހަމަ ބިމަށް ތިރިކުރަން ޕުޓިން ހަނގުރާމަ ކުރައްވަމުން ގެންދަވާތާ 2 އަހަރު ވާން ދާ އިރު، އޭނާ ވިދާޅުވީ، ގާޒާއާ ދެކޮޅަށް އިޒްރޭލުން ފަށާފައި ވާ ހަނގުރާމަ ނުހުއްޓުވައިފި ނަމަ އިތުރު ސަރަހައްދުތަކަށް ފެތުރިގެން ހިނގައިދާނެ ކަމަށް ދުނިޔޭގެ ލީޑަރުންނަށް ގުޅުއްވާ ދަންވާފައިވެސް ވާނެ ކަމަށެވެ.

މެދުއިރުމަތި ފަހަނައަޅާ ހަނގުރާމަ ފެތުރިގެން ހިނގަންޖެ ނަމަ އަންދާޒާ ކުރަންވެސް ނޭނގޭވަރުގެ ބޮޑެތި ގެއްލުންތަކާ ކުރިމަތިވާނެ ކަމަށާއި އެއީ ވަރަށް ނުރައްކާވާނެ ހާލަތެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ހުޅަނގަށް ފާޑުވިދާޅުވެ ޕުޓިން ވިދާޅުވީ، ގާޒާ ހަނގުރާމައިގެ ތެރެއަށް އެހެން ގައުތައް ވައްދަން އެބަޔަކު މަސައްކަތް ކުރަމުން ގެންދާ ކަމަށާއި އަދި އެހެން މީހުން [ކަމާ ނުބެހޭ މީހުން] ވެސް ވައްދަން މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

"އެއުޅެނީ އެތައް މިލިއަން ބައެއްގެ މެދުގައި ނަފްރަތާއި ރުޅިވެރިކަން އުފައްދާ ހަނގުރާމަ ފުޅާކުރަން. މެދުއިރުމަތިން ބޭރަށް އެހެން ކަންކަމުގެ ތެރެއަށް ވެސް މި ހަނގުރާމައިގެ ނުފޫޒު ވައްދަން"
ވްލަޑިމިއާ ޕުޓިން

އިތުރަށް އޭނާ ވިދާޅުވީ އިޒްރޭލާއި ފަލަސްތީން ސުލްހަ ކުރުމަށް ދެފަރާތަށް ވެސް ހަމަހަމަ ނިންމުމެއް ނިންމަން އދ ގެ ސަލާމަތީ މަޖިލީހުން އެއްބަސްވާންވެސް ޖެހޭ ކަމަށެވެ.

ނަމަވެސް މިހާތަނަށް ހުށަހެޅި 4 ގަރާރުވެސް ފާސް ނުވެ ބޭރުކޮށްލާފައި ވާ އިރު، މި 4 ގަރާރުގެ ތެރެއިން 3 ގަރާރު ބޭރުކޮށްލީ އެމެރިކާއިންނެވެ. އިޒްރޭލު ދިފާއުކޮށް އެމެރިކާއިން ހުށަހެޅި ގަރާރު ބޭރުކޮށްލީ ރަޝިއާ އިންނެވެ.