ރަޝިއާގެ ގޮނޑިކޮއްކޮ ސަރުކާރެއް އޮންނަ ބެލަރޫސްގެ ބޯޑަރުގައި ނުތަނަވަސްކަން ބޮޑުވެފައި ވާއިރު، އެގައުމަށް ހަމަލާއެއް ދީފިނަމަ ނިއުކްލިއާ ބޭނުން ކުރައްވާނެ ކަމަށް ރައީސް އެލެގްޒެންޑާ ލުކަޝެންކޯ ވިދާޅުވެއްޖެއެވެ.

ބެލަރޫސް އަކީ، ރަޝިއާގެ އެންމެ ގާތް އަދި ރަޝިއާގެ ރައީސް ވިދާޅުވާހާ ކަމެއް ކުރައްވާ ގައުމަކަށް ވާއިރު، ރަޝިއާގެ ނިއުކްލިއާ ހަތިޔާރުގެ ތެރެއިން ބައެއް މިހާރު ހުރީ ބެލަރޫސް އަށް ގެންގޮސްފައެވެ. އޭގެ ތެރޭގައި ނިއުކްލިއާ ވޯހެޑްތަކާއި އެހެނިހެން ހަތިޔާރުވެސް ހިމެނެއެވެ.

ޔޫކްރައިން ހަނގުރާމަ ފެށިފަހުން، ޔޫކްރައިން އަށް ހަމަލާ ދިނުމަށްޓަކައި ރަޝިއާ އިން ބެލަރޫސްގައި ގާއުމު ކޮށްފައި ވާ އެކި މަގާމުތައް ބޭނުން ކުރާ ކަމަށް ރިޕޯޓްތައް ކޮށްފައި ވާއިރު، ނިއުކްލިއާ ހަރިޔާރުގެ ބޭނުން ކުރައްވާނެ ކަމަށް ލުކަޝެންކޯ މި ވިދާޅުވީ، ބެލަރޫސް އާ ގުޅިފައި އޮންނަ ގައުމުތަކުގެ ބޯޑަރުގައި ނޭޓޯގެ ހަރަކާތްތައް ފުޅާވަމުން ދާތީއެވެ.

"އަހަރެން ޔޫކްރައިން ހަނގުރާމައިގައި އެއްގޮތަކަށް ބައިވެރިއެއް ނުވަން، ނަމަވެސް ބެލަރޫސް ބޯދަރު ހުރަސްކޮށް ޔޫކްރައިން ސިފައިން ވަދެއްޖެ ނަމަ ފިޔަވަޅު އަޅާނަން، ތެދެން ރަޝިއާ އަކީ އަހަރެމެންގެ ބައިވެރިޔާ"
ލުކަޝެންކޯ

ރަޝިއާގެ ވެރިރަށް މޮސްކޯ ހިފަން ހަތިޔާރު އެޅި ވާގްނާ ޖަމާއަތުން ކުރި މަސައްކަތަށް ފަހު މައިދާން ދޫކޮށް ގޮސް އެ ޖަމާއަތުން ތިބީ ބެލަރޫސްގައެވެ. އެ ޖަމާއަތުން ބެލަރޫސް އާއި އެހެނިހެން ގައުމުތަކަށް ގުޅޭ ބޮޑަރު ސަރަހައްދާ ކައިރިއަށް ޖެހޭތީ، ކައިރި އެހެން ގައުމުތަކުން ވަނީ ސިފައިންނާއި ބަރުހަތިޔާރު ބޯޑަރަށް ޖަމާ ކޮށްފައެވެ. އޭގެ ތެރޭގައި ޕޮލާންޑް، ލިތުއޭނިއާ، ލެޓްވިއާ ހިމެނެއެވެ. މި ހުރިހާ ގައުމަކީވެސް ނޭޓޯގެ މެންބަރު ގައުމުތަކަށް ވާއިރު، ޔޫކްރައިން އަށް ރަޝިއާ އަރަން ޖެހުނު އެންމެ ބޮޑު ސަބަބަކީވެސް ނޭޓޯގެ ބާރު ފުޅާކޮށް، ޔޫކްރައިންވެސް ނޭޓޯގެ ތެރެއަށް ވެއްދުމަށް މަސައްކަތް ކުރުމެވެ.

ލުކަޝެންކޯ އިތުރަށް ވިދާޅުވީ، އެއިން އެއްވެސް ގައުމަކުން ބެލަރޫސް އަށް ހަމަލާއެއް ދީފިނަމަ، އެގައުމުގައި ހުރި ހުރިހާ ވަސީލަތެއް ބޭނުން ކުރައްވާނެ ކަމަށެވެ.

ބެލަރޫސް އަށް ރަޝިއާ އިން ގެންދިޔައީ ކިހާ ނިއުކްލިއާ ހަތިޔާރެއްކަން ހާމަ ނުކުރިނަމަވެސް ހުޅަނގާއި އެމެރިކާއިން ބުނެފައި ވަނީ، ޝައްކު ކުރާނެ އެއްވެސް ޖާގައެއް ނެތް ކަމަށާއި، ބެލަރޫސް އަށް ހަތިޔާރު ގެންދިޔަކަން އެނގޭ ކަމަށެވެ.

ލުކަޝެންކޯ އިތުރަށް ވިދާޅުވީ، ބެލަރޫސް އަށް ނިއުކްލިއާ ހަތިޔާރު ގެންދިޔައީ އެއްވެސް ބަޔަކު ބިރުގަންނަވަން ނޫން ކަމަށާއި ނިއުކްލިއާ ހަތިޔާރު ހުރުމުން އެހެން ގައުމުތަކުން ފަސްޖެހޭނެ ކަމީ ހަގީގަތެއް ކަމަށެވެ. ނަމަވެސް ލިބިފައި ހުރީ ޓެކްޓިކަލް ހަތިޔާރު ކަމަށާއި ސްޓެރެޓީޖިކް އެއްވެސް ހަތިޔާރެއް އެގެ ތެރޭގައި ނެތް ކަމަށް ވިދާޅުވިއެވެ.

"އެހެންވެ މިބުނަނީ، ބެލަރޫސް އަށް އަރައިފިއްޔާ އޭގެ ބޭނުން ހިފާނަމޭ"
ލުކަޝެންކޯ

ހުޅަނގާއި އެމެރިކާއިން ގަބޫލު ކުރާ ގޮތުގައި، ބެލަރޫސްގައި ނިއުކްލިއާ ހަތިޔާރު ހުރިނަމަވެސް އޭގެ އެއްވެސް ކޮންޓްރޯލެއް އެގައުމަކަށް ނޯންނާނެއެވެ. އަދި އެ ކޮންޓްރޯލް އޮންނާނީ ރަޝިއާއަށް ކަމަށް ވެސް ބުނެފައި ވެއެވެ. ރަޝިއާއިން ވެސް ވަނީ، އެ ހަތިޔާރު ގެންދިޔުމުގެ މަރުހަލާގައި އެފަދަ މޭރުމަކުން ވާހަކަ ދައްކާފައެވެ. އޭރު ބުނެފައި ވަނީ، ބެލަރޫސް ބޭނުން ކުރަނީ ހަމައެކަނި ނިއުކްލިއާ ހަރިޔާރު ރައްކާ ކޮށްފައި ބެހެއްޓުމަށް ކަމަށާއި، އޭގެ ކޮންޓްރޯލް އޮންނާނީ ރަޝިއާ އަށް ކަމަށެވެ.

ހަބަރުތައް ބުނާގޮތުން ބެލަރޫސް ބޯޑަރުގައި މިހާރުވެސް ޕެލަންޑްގެ 10،000 ސިފައިން އެބަތިއްބެއެވެ. އެމީހުން ތިބީ ފުލް ގިއަރުގައި އަދި ބަރުހަތިޔާރާ އެކު ކަމަށް ވެސް ބުނެއެވެ.