ރަޝިއާގެ ބުޑުގައި އޮންނަ ފިންލޭންޑާއި ސްވިޑަން އަށް ނޭޓޯގެ މެންބަރުކަން ދީ, ޔޫކްރައިން ވަށައިގެން ނޭޓޯގެ އަސްކަރީ ބާރު ގަދަކޮށް ރަޝިއާގެ ބޯޑަރުތަކާ ކައިރިވާ ކަމަށް ބުނެ އިންޒާރެއް ދީފިއެވެ.
ކްރެމްލިންގެ ތަރުޖަމާން ޑިމިޓްރީ ޕެސްކޮވް ވިދާޅުވީ, ޔޫކްރައިނަށް އަސްކަރި ގޮތުން މަދަދު ދީ އަދި ދޭ މަދަދު އިތުރަށް ފުޅާ ކޮށް ބޯޑަރުތަކާ ކައިރިއަށް ޖެހުމަކީ ރަޝިއާގެ ކުރިމަތިލުމާ ގާތަށް ނޭޓޯ ޖެހުން ކަމަށެވެ.
މި މޭރުމުން އޭނާ ވާހަކަ ދައްކަވާފައި ވާ އިރު ނޭޓޯގެ 75 ވަނަ އުފަންދުވަސް ފާހަގަ ކުރުމަށް ބްރަސަލްސްގައި ބޭއްވި ބައްދަލުވުމުގައި އެމެރިކާގެ ހާރިޖީ ވަޒީރު ވަނީ ޔޫކްރައިނަށް ފޯރުކޮށް ދޭ އެހީ އިތުރު ކުރަން ޖެހޭ ކަމަށާއި މިވަގުތަކީ އެހީއަށް ޔޫކްރައިން އެންމެ ބޮޑަށް ބޭނުން ޖެހިފައި ވާ ވަގުތު ކަމަށެވެ. އޭގެ ޖަވާބުގައި ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވީ, ވަގުތުގެ މުހިންމުކަން ނޭޓޯއަށް އިހުސާސް ކުރެވޭ ކަމަށެވެ.
ރަޝިއާ އާއި ޔޫކްރައިން އާ ދެމެދު ކުރަމުން ދާ ހަނގުރާމަ އިތުރަށް ވަރުގަދަ ވަމުން އަންނަ މިދަނޑިވަޅުގައި އެއް ގައުމުން އަނެއް ގައުމަށް ދަނީ ފުލުފުލުގައި ޑްރޯން ހަމަލާތައް ދެމުންނެވެ. އެގޮތުން ރޭ ވެސް ޔޫކްރައިން އިން ވަނީ ރަޝިއާގެ ރޮސްޓޯވް އާއި ކާސްކް, ބެލްގޮރޮޑް އަދި ކްރޮސްނޮދާރު ސަރަހައްދަށް ޑްރޯން ހަމަލާތަކެއް ދީފައެވެ. ޖުމްލަ 53 ޑްރޯން ފޮނުވާލި އިރު 40 ހަމަލާ އަމާޒު ކުރީ ޔޫކްރައިން ހަނގުރާމަ ވިލަރެސް ކުރާ ރަޝިއާގެ ހެޑްކްއާޓަރު ހުންނަ ރޮސްޓޯވް އަށެވެ. އެކިއެކި ސަރަހައްދުތަކަށް އަމާޒު ކޮށް ދިން 53 ހަމަލާގެ ތެރެއިން 44 ހަމަލާ ވައިގެ ތެރޭގައި ރަޝިއާއިން ގޮއްވާލާފައި ވާ އިރު ޔޫކްރައިން އިން ބުނެފައި ވަނީ, ރޮސްޓޯވް އަށް އަމާޒު ކުރި ހަމަލާތަކުގައި ރޮސްޓޯވްގެ އަސްކަރީ ވައިގެ ބަނދަރުގައި އޮތް ބޮން އަޅާ ބޯޓުތަކުގެ ތެރެއިން 6 ބޯޓެއް ގޮއްވާލެވިފައި ވާ ކަމަށެވެ.
ރައްދުގައި ރަޝިއާއިން ވެސް ވަނީ ޔޫކްރައިން އަށް ޑްރޯން ހަމަލާތަކެއް ދީފައެވެ. ޕައިލެޓަކާ ނުލައި ދަތުރު ކުރާ މި ޑްރޯންތައް އަމާޒުވި ބައެއް ސަރަހައްދުތަކުން ޑްރޯން ހަމަލާ އަމާޒު ވި ގޭސް ހޮޅިއެއް ގޮވާ ގޭސް ލީކްވެ 10 މީހަކު ވިހަވެފައި ވާ ކަމަށް ޔޫކްރައިން އިން ބުނެއެވެ.
ރަޝިއާ ބަލިކުރަން އެމެރިކާ އާއި ގުޅިފައިވާ ބައިވެރިން [ނޭޓޯ] އިން ޔޫކްރައިން އަށް އެހީތެރިކަން ފޯރުކޮށް ދެމުން ގެންދާ އިރު, ރައީސް ވްލަޑިމިއާ ޕުޓިން ވިދާޅުވެފައި ވަނީ ނޭޓޯ އާ ހަނގުރާމަ ކުރުމަކީ މިވަގުތު ރަޝިއާގެ ވިސްނުމެއް ނޫން ކަމަށާއި ނަމަވެސް ނޭޓޯ އިން ޔޫކްރައިން އަށް އެސް16 މަރުކާގެ ބޮން އަޅާ ބޯޓު ދީފި ނަމަ އެތަކެތި ގޮއްވާލާނެ ކަމަށެވެ.
ޔޫކްރައިން ހަނގުރާމަ ފެށިގެން އުޅޭ އަސްލު ސަބަބަކީވެސް ޔޫކްރައިން އިން ނޭޓޯއަށް ވަންނަން މަސައްކަތް ކުރުމާއި އެކަން އެހެން ވެއްޖެ ނަމަ, ރަޝިއާގެ ބުޑުގައި ނޭޓޯގެ މަރުކަޒުތައް ހަދާ ރަޝިއާއަށް ނުރައްކާ ކުރާނެ ކަމަށް އެގައުމުން ގަބޫލު ކުރުމެވެ.