ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި އިމާރާތްކުރަމުން އަންނަ ފްލެޓުތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައްލަވާލައްވައިފިއެވެ.

އެގޮތުން ރައީސް ވަނީ އެ ފްލެޓުތަކުގެ މޮޑެލް އެޕާޓްމެންޓަކަށް ވަޑައިގެން އެ ފްލެޓުގެ އެޕާޓްމެންޓުތައް ނިމުމުން ހުންނާނެ ގޮތް ބައްލަވާލައްވާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ފްލެޓު ތަކުގެ 13 ފްލެޓެއްގައި މި އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި މީހުންނަށް ދިރިއުޅެވޭނެއެވެ.

2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އިންޑިއާގެ އެގްޒިމް ބޭންކާއެކު ސޮއިކުރި 226 މިލިއަން ޑޮލަރުގެ (3.5 ބިލިއަން ރުފިޔާ) ލޯނު އެއްބަސްވުމުގެ ދަށުން، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާ 4،000 ހައުސިން ޔުނިޓު ނިންމަން ދީފައިވާ މުއްދަތު އަންނަ އަހަރަށް ހަމަވެއެވެ.

އިންޑިއާގެ ޖޭއެމްސީ އާއި އެންބީސީސީ ކުންފުންޏާ ހަވާލުކޮށްފައިވާ އެ މަޝްރޫއުގެ ދަށުން ކޮންމެ ކުންފުންޏަކުން އަންނަނީ 2،000 ފްލެޓް އިމާރާތް ކުރަމުންނެވެ.

މި 2 މަޝްރޫއުގެ ދަށުން އިމާރާތްކުރެވޭނީ 2 ކޮޓަރި އާއި 3 ކޮޓަރީގެ ހައުސިން ޔުނިޓްތަކެވެ. އޭގެތެރޭގައި 2 ކޮޓަރީގެ ޔުނިޓްތަކުގެ ބޮޑު މިނުގައި 650 އަކަފޫޓް ހުންނާއެވެ. އަދި 3 ކޮޓަރީގެ ޔުނިޓްތަކުގެ ބޮޑު މިނުގައި 900 އަކަފޫޓޫ ހުންނާނެއެވެ. މިމަޝްރޫއުތަކުގެ އަމަލީ މަސައްކަތް މިއަހަރު ތެރޭގައި ފެށުމަށްޓަކައި ދަނީ ތައްޔާރުވަމުން ކަމަށް އެފްޑީސީން މައުލޫމާތުދެއެވެ.