ފަތުރުވެރިކަމަށް އިތުރު ރަށްތަކެއް އަންނަ ހަފްތާގެ ތެރޭގައި ބީލަމަށް ލާން ސަރުކާރުން ނިންމާފައި ވާކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.
ޓޫރިޒަމް މިނިސްޓްރީ ބުނީ 9 އަތޮޅަކުން 14 ރަށަކާއި 3 ފަޅެއް އަދި ފަޅަކާއި އެއްކޮށް އޮތް ރަށަކާ އެކު ޖުމްލަ 18 ޕްރޮޕަޓީ (ތަން ނުވަތަ ރިސޯޓް) އަންނަ ހޯދަ ދުވަހު ބީލަމަށް ލާން ވަނީ ނިންމާފައިވާ ކަމަށެވެ.
ފަތުރުވެރިކަމަށް ރަށާއި ފަޅު ދޫކުރުމަށް ހަމަޖެހިފައިވާ އަތޮޅުތައް:
- ހއ އަދި ހދ އަތޮޅު: 3 ތިން ރަށެއް
- މ. އަތޮޅު: 1 ރަށް
- ތ. އަތޮޅު: 1 މަޝްރޫއު، 2 ރަށެއް
- ގއ. އަތޮޅު: 2 މަޝްރޫއު، 2 ރަށެއް
- ގދ. އަތޮޅު: 3 މަޝްރޫއު، 6 ރަށެއް
- ކ. އަތޮޅު – 1 މަޝްރޫއު، 1 ފަޅު
- ފ. އަތޮޅު – 2 މަޝްރޫއު، 2 ފަޅު
- ރ. އަތޮޅު – 1 މަޝްރޫއު، ރަށަކާއި އަދި އެއްކޮށް އޮތް ފަޅު
ފަތުރުވެރިކަން ތަރައްގީ ކުރުމަށް ހުޅުވާލި ރަށްތަކުގެ ތެރެއިން ނުހެދި ހުރި ރިސޯޓުތަކުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް އިންވެސްޓަރުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުން ދާ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފައެވެ.
މިދިޔަ އަހަރު ފަހުކޮޅު ވެސް 21 ރަށެއްގައި ރިސޯޓް ހަދަން ބިޑަށް ހުޅުވާލިއެވެ. އޭގެ ކުރިން ޖެނުއަރީ ގައި ވެސް ރިސޯޓް ހަދަން 18 ރަށަކަށް ބިޑް ހުށަހަޅަން ހުޅުވާލިއެވެ. ނަމަވެސް އޭގެތެރެއިން ބިޑް ހުށަހެޅީ ވަރަށް މަދު ރަށަކަށެވެ.
ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުތެރޭ އަލަށް 5 ރިސޯޓު ހުޅުވާފައި ވާއިރު މިއަހަރު ތެރޭ އަލަށް 9 ރިސޯޓު ހުޅުވާނެއެވެ.
ރާއްޖޭގައި މިވަގުތު އޮޕަރޭޝަނަލް ހާލަތުގައި 60،504 އެނދު ހުރިއިރު އޭގެތެރޭގައި 172 ރިސޯޓުގައި ހުރި 41،945 އެނދު، 869 ހޮޓެލް، ގެސްޓްހައުސްގައި 14،018 އެނދު އަދި ސަފާރީ އުޅަނދުފަހަރުގައި 2901 އެނދު ހިމެނެއެވެ.
ރާއްޖެއަށް ދުވާލެއްގެ މައްޗަށް އަންނަ ފަތުރުވެރިންގެ އަދަދު 5000 ހުރަސް ކޮށްފައި ވާއިރު ޓޫރިޒަމް މިނިސްޓްރީން ހާމަކުރާގޮތުގައި މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު ރާއްޖެއަށް 5316 ފަތުރުވެރިން އާދެއެވެ. އަދި ރާއްޖެއަށް އަންނަ ފަތުރުވެރިން އެވްރެޖްކޮށް 8 ދުވަހުގެ ޗުއްޓީއެއް ރާއްޖޭގައި ހޭދަ ކުރެއެވެ.
ޓޫރިޒަމް ޓާގެޓެއްގެ ގޮތުގައި މިއަހަރު ރާއްޖެއަށް 1.8 މިލިއަން ފަތުރުުވެރިން އަންނާނެ ކަމަށް ސަރުކާރުން ވަނީ ލަފާ ކޮށްފައެވެ.
މިދިޔަ އަހަރު ރާއްޖެއަށް ލަފާކޮށް ފައިވާ 1.6 މިލިއަން ފަތުރުވެރިންގެ އަމާޒު ހާސިލް ވެފައިވާ އިރު އޭގެ ކުރީއަހަރު ކުރި އަމާޒު ވެސް ހާސިލް ކޮށްފައި ވުމަކީ ކޮވިޑަށް ފަހު ޓޫރިޒަމް ސިނާއަތަށް އައި ލޮޅުމުން އަރައިގަތުމަށް ކުރަމުން އަންނަ މަސައްކަތުގައި ދުވަހެއް ދުވަހެއް ކުރިއަރަމުން އަންނަ ހެއްކެއް ކަމުގައި ގިނަ ބަޔަކު ގަބޫލު ކުރެއެވެ.