ފޮރެކްސް ޓްރޭޑިންގެ ނަމުގައި ގިނަ މީހުންގެ އަތުން ފައިސާ ނަގައި ޕޮންޒީ ސްކީމެއް ހިންގެވި މައްސަލައިގައި ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީގެ އޮފީސް ބަލައި ފާސްކޮށްފިއެވެ.

ފުލުހުން ބުނީ، ފުލުހުން ހިންގަމުންދާ ތަހުގީގަކާ ގުޅިގެން އަލްހާންގެ އޮފީހާއި ދިރިއުޅޭ ތަން ބަލައި ފާސްކޮށްފައިވާ ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެމައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އަލްހާނުގެ ފޯނު ވެސް ވަނީ ހިފަހައްޓައިފައެވެ.

އަލްހާންގެ އޮފީސް ބަލައި ފާސްކުރުމަށް ނެރެފައިވާ ކޯޓު އަމުރުގައި ވާގޮތުން، އެ އަމުރު ނެރެފައިވަނީ، ކިންގްސް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން އާންމުކޮށް ހުޅުވާލައިގެން ރާއްޖޭގައި މާލީ ސެކިއުރިޓީގެ ގާނޫނާއި ގަވާއިދާއި އުސޫލުތަކާ ހިލާފަށް އިންވެސްޓްމަންޓް ސްކީމެއް ތައާރަފްކޮށް އިންވެސްޓަރުންނަށް މަންފާ ލިބޭކަމަށް ދައްކައި، މަކަރާ ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދައި އެ ފައިސާ ލޯންޑަކުރި ކަމުގެ ތުހުމަތުގައެވެ.

ކިންގް ފޮރެކްސް ޓްރޭޑިން ކުންފުންޏަކީ އަލްހާންގެ ހިއްސާ އޮންނަ ކުންފުންޏެކެވެ. ކުންފުނިން ޕޮންޒީ ސްކީމެއް ހިންގި މައްސަލައާ ގުޅިގެން އަލްހާންގެ މައްޗަށް ފުލުހުން ދަނީ ޖިނާއީ ތަހުގީގެއް ހިންގަމުން ނެވެ. ނަމަވެސް އޭނާ ވަނީ އެ ތުހުމަތުތަކަށް ތަކުރާރުކޮށް އިންކާރު ކޮށްފައެވެ.

އަލްހާން ވިދާޅުވީ، މަނީ ލޯންޑާ ކުރި ކަމަށް ބުނެ، އޭނާގެ ވިޔަފާރި ހުއްޓުވުމަށް ފުލުހުން މެދުވެރިކޮށް ކުރަމުންދާ މަސައްކަތަކީ، އޭނާ އަށް ގެއްލުންދީ ބަދުނާމު ކުރުމުގެ ގޮތުން ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ހިންގާ ޖަރީމާއެއް ކަމަށެވެ.