ރާއްޖެއިން ބޭރުން މުދާ ގެންނަން ބޭރު ފައިސާ ދޫކުރުމަށްޓަކައި ބޭންކްތަކުން ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ހެދުމަށްފަހު ވެސް، އެ މުދާ ރާއްޖެއަށް ނުގެންނަކަން ފާހަގަކުރެވިފައިވާ ކަމަށާއި އެއީ ވިޔަފާރީގެ ނަމުގައި ހިންގާ މަނީ ލޯންޑްރިންގެ އަމަލުތަކެއް ކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ، ޓީޓީތަކާ ގުޅޭ މުދާ ރާއްޖެއަށް ނާންނަކަން ހާމަވީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް ކަސްޓަމްސް ސާވިސްއާ ދެމެދު ސޮއިކުރި އެމްއޯޔޫއެއްގެ ދަށުން ކުރިއަށް ގެންދިޔަ މަސައްކަތްތަކުން ކަމަށެވެ. އެގޮތުން ބޮޑެތި އަދަދުތަކުން ޓީޓީ ހަދާ ބައެއް ފަރާތްތަކުން، މުދާ ނުލިބި ލަސްވަނީ އެއީ އެޑްވާންސް ޕޭމަންޓެއް ކަމަށް ބުނި ނަމަވެސް، ޓީޓީ ހަދާތާ އަހަރެއް ވާއިރު ވެސް އެ މުދާ ރާއްޖެއަށް އެތެރެކޮށްފައި ނުވާކަން ވަނީ ފާހަގަވެފައެވެ.
"ބޮޑު އަދަދުން ޓީޓީ ހައްދަވާ ބައެއް ބޭފުޅުން އަޅުގަނޑުމެންނަށް މި ފާހަގަ ކުރެވުނީ ބޭންކާއި ކަސްޓަމްސްއާ އެކުގައި މި ހެދުނު އެމްއޯޔޫގެ ދަށުން މަސައްކަތް ކުރަމުންދާ އިރުގައި މި ޓީޓީތަކާ ގުޅޭ މުދަލެއް ރާއްޖެއަކަށް ނާދޭ. އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ދައްކާފައޭ އެބަ ބުނޭ، އަހަރެއް ވާއިރު ވެސް މުދަލެއް ނާދޭ،" މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން ޓީޓީއާ ގުޅޭ މުދާ ނާންނަ ބައެއް ހާލަތްތަކުގައި އެއީ ލިބިފައި ހުރި މުދަލަށް ނުދައްކާ ހުރި އަގުގެ ބާކީ (ބެލެންސް ޕޭމަންޓް) ކަމަށް ބުނެ އިންވޮއިސް ދެއްކި ނަމަވެސް، އެ އިންވޮއިސްގައިވާ މުދާ ވެސް ރާއްޖެއަށް އެތެރެވެފައި ނުވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އިހުސާން ވިދާޅުވީ މިއީ "ޓްރޭޑް ބޭސްޑް މަނީ ލޯންޑްރިން" ކަމަށާއި، މަސްތުވާތަކެތީގެ ވިޔަފާރި ކުރުމަށާއި، ޖޮބް ވިޔަފާރި ކުރުމުގެ އިތުރުން ގަވާއިދާ ޚިލާފަށް ބިދޭސީންގެ މުސާރަ ބޭރަށް ފޮނުވުމަށް ވެސް މި ރޫޓް ބޭނުންކުރަމުންދާކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މި މައްސަލަތައް ޖިނާއީ ބޮޑެތި މައްސަލަތަކެއްގެ ގޮތުގައި ބަލައި، އެކަންކަމުގައި ބައިވެރިވާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅުއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ގާނޫނުތަކަށް އެންމެން ވެސް ބޯލަނބަން ޖެހޭނެ ކަމަށާއި، މީގެ ކުރިން ގާނޫނެއް ތަންފީޒު ނުކޮށް އޮތުމަކީ ކުށަށް އަރައިގަތުމަށް ލިބޭ ހުއްޖަތެއް ނޫން ކަމަށެވެ.
ރާއްޖޭގެ ބޭންކިން ނިޒާމަށް ބޭރު ފައިސާ ނުވަދެ، ކަޅު ބާޒާރުގައި ޑޮލަރު މާރުކުރުމުގެ ސަބަބުން ބޭންކުތަކުން ދޫކުރާ ބޭރު ފައިސާގެ މިންވަރު ވަނީ ދަށްވެފައެވެ. މީގެ ނަތީޖާއެއްގެ ގޮތުން ވިޔަފާރިވެރިން އަގުބޮޑުކޮށް ކަޅު ބާޒާރުން ޑޮލަރު ގަންނަން ޖެހުމުން ބާޒާރުގައި މުދަލުގެ އަގު އުފުލި، އާންމުންގެ ޒަރޫރީ ބޭނުންތަކަށް ޑޮލަރު ލިބުމުގައި ބޮޑެތި ދަތިތަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ. ސަރުކާރުގެ އަމާޒަކީ ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނެސް، މި މައްސަލަ ހައްލުކޮށް ރައްޔިތުންނަށް ރަސްމީ ރޭޓުގައި ބޭރު ފައިސާ ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.
