އެހެން މީހުންގެ ބޭނުމަށް އަމިއްލަ ބޭންކު އެކައުންޓާއި ކާޑު ކުއްޔަށް ދިނުން ނުވަތަ ބޭނުންކުރަން ދޭ މީހުންނަށް މަނީ ލޯންޑަރިންގެ ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމައިފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފް ވިދާޅުވީ، ގާނޫނާ ހިލާފަށް ބޮޑު އަގުގައި ޑޮލަރުގެ ވިޔަފާރިކުރުމާއި ތަފާތު ސްކޭމްތައް ހިންގައިގެން މާލީ ކުށްތައް ކުރުމުގައި އެހެން މީހުންގެ އެކައުންޓް ބޭނުންކުރުން މިހާރު ވަރަށް އާންމުވެފައިވާ ކަމަށެވެ. އަދި ފުލުހުންގެ ތަހުގީގަށް ފަހު ޕީޖީ އޮފީހަށް ފޮނުވާ އެފަދަ މައްސަލަތައް ވަކިވަކިން ބަލައި، ކުށުގެ އަމަލެއް ކުރާކަން އެނގި ތިބެ އެކަމަށް އެކައުންޓް ނުވަތަ ކާޑު ދީފައިވާ ނަމަ ދައުވާ ކުރާނެ ކަމަށް ވިދާޅުވިއެވެ.

ޕީޖީ އޮފީހުން އިތުރަށް ބުނީ އަމިއްލަ އެކައުންޓް އެހެން މީހަކަށް ބޭނުންކުރަން ދިނުމަކީ މަނީ ލޯންޑަރިންގެ ކުށަށް މަގުފަހިކޮށްދިނުން ނުވަތަ އެހީތެރިވުމުގެ އަމަލެެއް ކަމަށެވެ. އަދި އެއީ ކިހިނެއް ލިބުނު ފައިސާއެއްކަން ނޭނގޭ ކަމަށް ނުވަތަ އެހެން މީހަކަށް ކާޑު ދީފައިވާ ކަމަށް ބުނުމަކުން ގާނޫނީ ޒިންމާއިން ސަލާމަތެއް ނުވެވޭނެކަން ޕީޖީން ވަނީ ފާހަގަކޮށްފައެވެ.

އިތުރަށް ޕީޖީން ބުނީ އެކައުންޓް މެދުވެރިކޮށް ގާނޫނީ ހިލާފު ކަމެއް ކޮށްފި ނަމަ، އެކައުންޓުގެ ވެރިފަރާތުގެ މައްޗަށް މަނީ ލޯންޑަރިންގެ އަމަލަށް ހިތްވަރު ދިނުމާއި، މަގުފަހިކޮށްދިނުމުގެ އިތުރުން ބައިވެރިވުމުގެ ދައުވާ ކުރެވޭނެ ކަމަށެވެ.