ޖިނާއީ ބޮޑެތި ކުށްތައް ކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގުމާ ގުޅޭ ގޮތުން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މުހިންމު ބިލުގެ ބަހުސް މިއަދު މަޖިލީހުގައި ކުރިއަށް ގެންގޮސްފިއެވެ.

މި ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ ވެރިކަންކުރާ ޕީއެންސީގެ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދެވެ. މިއަދުގެ ޖަލްސާގައި މި ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންދިޔަ ނަމަވެސް، ބިލު ބަލައިގަތުމާ މެދު އަދި ގޮތެއް ނިންމާފައެއް ނުވެއެވެ.

މި ބިލުގެ މައިގަނޑު މަގުސަދަކީ ޖިނާއީ ބޮޑެތި ކުށްކުރާ ފަރާތްތަކުން އެފަދަ ކުށްތައް ކޮށްގެން ހޯދާ މާލީ މަންފާގެ ބޭނުންކުރުން ހުއްޓުވައި، ނުހައްގުން ހޯދާ މުދާ އެ ފަރާތްތަކުގެ ކިބައިން އަތުލައި އެއިން އިތުރު މަންފާ ހޯދޭނެ މަގުތައް ބަންދުކުރުމެވެ. މި ބިލު އެކުލަވާލާފައިވަނީ މައިގަނޑު 6 ކަމެއް ހާސިލުކުރުމަށެވެ. އޭގެ ތެރޭގައި:

  • ކުށް ސާބިތުވުމުން ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ އުސޫލުތައް ކަނޑައެޅުން.
  • އިސްތިސްނާ ހާލަތްތަކުގައި ކުށް ސާބިތުވުމަކާ ނުލައި ވެސް މުދާ ނެގޭނެ އުސޫލު ތައާރަފުކުރުން.
  • ކުށްކޮށްގެން ހޯދާ މުދަލުން މުއާމަލާތުކުރުން ހުއްޓުވުން.
  • ހިފެހެއްޓޭ އަދި ދައުލަތަށް ނެގޭ މުދާ ބެލެހެއްޓުމުގެ އުސޫލުތައް އެކަށައެޅުން.
  • ބޭރު ގައުމުތައް މެދުވެރިކޮށް ހޯދާ މުދާ ހިފެހެއްޓުމާއި ދައުލަތަށް ނެގުމުގެ އުސޫލުތައް ކަނޑައެޅުން.
  • ރާއްޖޭގައިވާ ބޭރު ފަރާތްތަކުގެ މުދާ ނެގުމުގައި އެ ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން.

ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި، ކުށްކޮށްގެން ހޯދާ މުދާ ހިފެހެއްޓުމާއި ނެގުމުގެ ހުރިހާ މަރުހަލާއެއްގައި ތަހުގީގީ އިދާރާތަކުން އަމަލުކުރަންވާނީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އާއި ގާނޫނުގައިވާ އުސޫލުތަކާ އެއްގޮތަށެވެ. އަދި މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ކޮށްފައިވާ ކުށްތަކާއި ސާބިތުވެފައިވާ މައްސަލަތަކުގައި ވެސް މުދާ ހިފެހެއްޓުމާއި ދައުލަތަށް ނެގުމުގެ ބާރު ލިބިގެންވެއެވެ. މީގެ އިތުރުން، ކުށް ސާބިތުނުވި ނަމަވެސް މަދަނީ މިންގަނޑުން އެއީ ކުށްކޮށްގެން ހޯދި މުދަލެއްކަން ސާބިތުވާ ނަމަ 'ސިވިލް ރެސްޓްރެއިންޓް' ނުވަތަ 'ސިވިލް ފޯފީޗާ' އަމުރެއްގެ ދަށުން އެ މުދަލެއް ދައުލަތަށް ނެގުމުގެ އިހުތިޔާރު ޕީޖީއަށް ލިބެއެވެ.

މާލީ އެކައުންޓުތައް ބެލުމާ ގުޅޭގޮތުން ބިލުގައި ބުނެފައިވަނީ، ދައުލަތަށް ނެގިދާނެ ފައިސާ ހުރި ކަމަށް އެކަށީގެންވާ ސަބަބުތަކެއްގެ މައްޗަށް ގަބޫލުކުރެވޭ ނަމަ، އެކައުންޓުގެ ވެރިފަރާތަށް ނޭނގި 3 މަސްދުވަހުގެ މުއްދަތަކަށް އެކައުންޓް މޮނިޓާކުރުމުގެ ކޯޓު އަމުރެއް ހޯދިދާނެއެވެ. އަދި މިފަދަ އަމުރެއް އޮތްކަން އެކައުންޓުގެ ވެރިފަރާތަށް ނުވަތަ އެހެން ފަރާތަކަށް ހާމަކޮށްފި ނަމަ، އެކަން ކުރި މީހަކު ނުވަތަ ބޭންކެއް 100،000 ރުފިޔާއާ އި 1 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ ބާރު ކޯޓަށް ލިބެއެވެ.

މިގޮތަށް ދައުލަތަށް ނަގާ މުދާ ނީލަން ކިޔައިގެން ނުވަތަ ބީލަމުގެ އުސޫލުން ވިއްކާލެވޭނެ އިންތިޒާމު ހިމަނާފައިވާއިރު، އެ މުދަލެއް އޭގެ އަސްލު ވެރިފަރާތަށާއި އޭނާގެ އާއިލާއަށް ވިއްކުން ވަނީ މަނާކޮށްފައެވެ.

އަދި މި ގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި، މުދާ ބެލެހެއްޓުމާއި އަގުމަގުކޮށް ދަފްތަރުކުރުމަށްޓަކައި މާލީ ވުޒާރާގެ ދަށުން ހިނގާ މިނިވަން އިދާރާއެއްގެ ގޮތުގައި "އެސެޓް މެނޭޖްމަންޓް އޮތޯރިޓީ" ގެ ނަމުގައި އިދާރާއެއް އުފައްދަންޖެހެއެވެ. އަދި ކުށުގެ ޝިކާރައަކަށްވާ މީހުންނަށް ބަދަލުދިނުމަށާއި ހަރަދުތައް ބެލެހެއްޓުމަށް ގާނޫނަށް އަމަލުކުރާތާ ދެ މަސް ތެރޭ "ރިކަވަރީ އެސެޓްސް ފަންޑު" ގާއިމުކުރަން ވެސް ލާޒިމުކޮށްފައިވެއެވެ.

މި ބިލުގެ ދަށުން މުދާ ނެގޭނެ ކުށްތަކުގެ ތެރޭގައި މަނީ ލޯންޑަރިން، ޓެރަރިޒަމް އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން، މީހުން މެރުން، މަސްތުވާތަކެއްޗާއި މީހުން ޓްރެފިކްކުރުން، އެކްސްޕްލޮއިޓޭޝަން އެކުލެވޭ ޖިންސީ ކުށްތައް، ހަތިޔާރު ޓްރެފިކްކުރުން، ކޮރަޕްޝަން، 500،000 ރުފިޔާ އިން މަތީގެ ޓެކްސް އޮޅުވާލުމުގެ ކުށްތައް އަދި 100،000 ރުފިޔާ އިން މަތީގެ ވައްކަމާއި ފޭރުމާއި ހިޔާނާތް ފަދަ ޖިނާއީ ބޮޑެތި ކުށްތައް ހިމެނެއެވެ.