އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް މިހާތަނަށް ވަޑައިގަތް ހުރިހާ ރަށަކުން ފެންނަނީ ތަފާތު ބޮޑުކޮށް ކާމިޔާބު ވާ މަންޒަރު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގައި ރޭ ލ. ފޮނަދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިހާތަނަށް ވަޑައިގަތް ހުރިހާ ރަށަކުން ވެސް ރައްޔިތުން ބޭނުންވަނީ ތަރައްގީގެ މިސްރާބަށް ކުރިޔަށް ދާން ކަމަށެވެ.

ކޮންމެ ރަށަކުން ވެސް ބޮޑު ތަފާތަކުން އެމްޑީޕީގެ މެންބަރުން އެމަނިކުފާނަށް ވޯޓު ދޭނެ މަންޒަރު ފެނިވަޑައިގެންފި ކަމަށް ރައީސް ވިދާޅުވިއެވެ.

މި ޕްރައިމަރީ ތަފާތު ބޮޑުކޮށް ކާމިޔާބުކޮށް ކުރިއަށް މިއޮތް ރިޔާސީ އިންތިހާބު ތި ބޭފުޅުންނަށް ކާމިޔާބުކޮށްދެވޭނެ ކަމުގެ ޔަގީންކަން އަޅުގަނޑަށް މިހާރު އެބައޮތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް އިތުރަށް ވިދާޅުވީ ނިމިގެން ދިޔަ ރިޔާސީ އިންތިހާބުތައް ފަދައިން ކުރިއަށް އޮތް ރިޔާސީ އިންތިހާބު ވެސް ކާމިޔާބު ކުރެވޭނީ އެމްޑީޕީން ކޯލިޝަން ހަދައިގެން ކަމަށެވެ.

އަދި އެއްވެސް ޕާޓީއަކަށް ނިސްބަތް ނުވާ ބޭފުޅުންގެ ވޯޓުވެސް އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި ބޭނުންވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މި މަހުގެ 28 ވަނަ ދުވަހު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވަން ނިންމާފައި ވާއިރު ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިން ރައީސް ސޯލިހު ވަނީ ރ، ބ، ނ އަދި ޅ އަތޮޅުގެ ބައެއް ރަށްތަކަށް ވަޑައިގެންފައެވެ. އަދި ދާދިފަހުން އައްޑޫއަށް ވަޑައިގެންފައި ވާއިރު އުތުރުން ހއ. ހދ. އަސި ށ. ގެ ބައެއް ރަށްތަކަށް ވަނީ ވަޑައިގެންފައެވެ. ރޭ ރައީސް ލ. އްތޮޅަށް ވަޑައިގެންފައި ވާއިރު މިއަދު މާލެ ވަަޑައިގަންނަވާނެއެވެ.