އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް މުހައްމަދު ނަޝީދު ވާދަކުރައްވާތީ، އެމަނިކުފާނަށް ފާޑުވިދާޅުވެ ރިވެތި ގޮތުަގައި ކަން ކުރާނަމަ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ނަޝީދު ވާދަނުކުރެއްވީސް ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގެ ތެރެއިން ރައީސް ނަޝީދު ގދ. ހޯޑެއްދުއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ރައީސް ސޯލިހަށް އުތުރުގައި ތާއީދު ނެތް ކަމާއި ޕްރައިމަރީ އިން ކާމިޔާބު ކުރައްވާނެ ފަރާތަކީވެސް ރައީސް ނަޝީދުކަން ރައީސް ސޯލިހަށް މިހާރު އެނގިވަޑައިގަންނަވާނެ ކަމަށެވެ.

އެކަމަށް ރައްދުދެއްވައި ރޮޒައިނާ ވިދާޅުވީ ރިވެތިގޮތުގައި ކަންތައް ކުރާނަމަ ރިޔާސީ ނިޒާމެއްގައި ޕާޓީގެ ސިޓިން ޕްރެޒިޑެންޓެއް ހުއްޓާ 2 ވަނަ ދައުރަކަށް ޕްރައިމަރީ ނުވެސް އޮންނާނެ ކަމަށާއި އެމަނިކުފާނާ ވާދަކޮށް ޕާޓީ ތެރެ ގަޑުބަޑު ކުރާކަށް ނުވެސް އުޅުއްވާނެ ކަމަށެވެ. އަދި އެކަތިގަނޑެއްހެން އެންމެން އެކީ ރައީސް ސޯލިހާ އެކު ނިކުތީސް ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

ރައީސް ނަޝީދު ދެވަނަ ދައުރަކަށް ނުކުމެވަޑައިގެންނެވި އިރު ރައީސް ނަޝީދާ ވާދަކުރަން އެއްވެސްމީހަކު ނުނިކުންނަ ކަމަށާއި އެއީ ރިވެތިގޮތުގައި ކަންތައްތައް ކުރަން ވެގެން ކަމަށް ވެސް ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާ އިތުރަށް ވިދާޅުވީ ރައީސް ނަޝީދަށް އެ ރިވެތިގޮތް އެނގިވަޑައިނުގަތުމުގެ އަގު އެމްޑީޕީއަށް ވަރަށް ބޮޑުވާނެ ކަމަށާއި އެހެންނަމަވެސް އެމްޑީޕީގެ ގިނަ މީހުންނަށް ހެޔޮ ވިސްނޭތީ މި އިންތިހާބު ރައީސް ސޯލިހު ކާމިޔާބު ކުރައްވާނެ ކަމަށެވެ.

މި މަހުގެ 28 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހުގެ ކެމްޕެއިން ހަރަކާތުގައި ރޮޒައިނާ ބައިވެވަޑައިގަންނަވާ އިރު ރައީސް ސޯލިހު ވަނީ ރ، ބ، ނ އަދި ޅ އަތޮޅުގެ ބައެއް ރަށްތަކަށް ވަޑައިގެންފައެވެ. އަދި ދާދިފަހުން އައްޑޫއަށް ވަޑައިގެންފައި ވާއިރު އުތުރަށް މިހާރު ކުރައްވާ ދަތުރުފުޅުގެ ތެރެއިން ހއ. ހދ.ގެ ބައެއް ރަށްތަކަށް ވަނީ ވަޑައިގެންފައެވެ. މިހާރު ށ ގެ ބައެއް ރަށްތަކަށް ރައީސް ސޯލިހު ދަނީ ވަޑައިގަންނަވަމުންނެވެ. އަދި ރައީސް ނަޝީދު ވަނީ ކެމްޕެއިން ދަތުރުފުޅުގައި ރާއްޖޭގެ ގިނަ އަތޮޅުތަކަކަށް ވަޑައިގެންފައެވެ.