ދަތުރުފަތުރުން ރާއްޖެ ގުޅާލުމަކީ އެމްޑީޕީގެ ފިކުރެއް ކަމަށާއި އެހެންނަމަވެސް މީގެކުރިން އެކަން ފެށީ ޕްލޭނެއް ނެތި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގެ ތެރެއިން މިއަދު ށ. ކަނޑިތީމަށް ވަޑައިގެން އެ ރަށުގެ އެމްޑީޕީ މެންބަރުންނާ މުހާތަބު ކުރަވްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ށ. އަތޮޅުގެ ރަށްތަކަކީ ޒަމާނުއްސުރެ އެކަހެރިކޮށް ދޫކޮށްލެވިފައި އޮތް އަތޮޅުތަކެއް ކަމަށާއި އެހެންނަމަވެސް މި ސަރުކާރުގެ ސިޔާސަތުތުގައި އެންމެ އިސްކަމެއް ދެއްވީ ރައްޔިތަކު ދިރިއުޅޭ ތަނަކީ ވަކި ތަނެއް ކަމުގައި ނުބަލާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށެވެ.

އެ ދާއިރާގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖެއަކީ ވަކިވަކި ރަށްތަކަށް އެކުލެވިގެންވާ ގައުމަކަށް ވާތީ އެއް ރަށް އަނެއް ރަށާއި ގުޅާލައިގެން ނޫނީ ހަގީގީ އިގްތިސާދީ މަންފާއެއް ރައްޔިތުންނަށް ނުފޯރާނެ ކަމަށެވެ. އަދި ދަތުރުފަތުރުގެ ނިޒާމުން ރާއްޖެ ގުޅުވާލުމަކީ އެމްޑީޕީގެ ސިޔާސަތެއް ކަމަށާއި އެކަން ހަގީގަތަކަށް ހަދަން ދަނީ މަސައްކަތް ކުރަމުން ކަމަށެވެ.

އެ މަސައްްކަތް ކުރީގައި ފެށުނު ނަމަވެސް ރަނގަޅު ޕްލޭނަކާއި ވިސްނުމެއް ނެތި އެކަން ކުރުމުން ވެގެން ދިޔަ ގޮތް އޮތީ ފެންނަން ކަމަށާއި މި ސަރުކާރުން ފެށި އާރްޓީއެލްގެ ހިދުމަތް ބޮޑު ތިލަދުންމަތި ހުރިހާ ރަށަކަށް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

މި މަހުގެ 28 ވަނަ ދުވަހު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވަން ނިންމާފައި ވާއިރު ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިން ރައީސް ސޯލިހު ވަނީ ރ، ބ، ނ އަދި ޅ އަތޮޅުގެ ބައެއް ރަށްތަކަށް ވަޑައިގެންފައެވެ. އަދި ދާދިފަހުން އައްޑޫއަށް ވަޑައިގެންފައި ވާއިރު އުތުރަށް މިހާރު ކުރައްވާ ދަތުރުފުޅުގެ ތެރެއިން ހއ. ހދ.ގެ ބައެއް ރަށްތަކަށް ވަނީ ވަޑައިގެންފައެވެ. މިހާރު ށ ގެ ބައެއް ރަށްތަކަށް ރައީސް ސޯލިހު ދަނީ ވަޑައިގަންނަވަމުންނެވެ.