ކެހި ކަނޑުލުގެ ހިތި ފިލުވޭނެ ކެތްތެރި ކަމާއި ވިސްނުން ނެތި ކަނޑޫ ކަހައިފިނަމަ އެ ހިތި އެންމެންގެ އަރުގައި ލާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ހަނިމާދޫ އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު އިފްތިތާ ހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ސޯޅިހު ވިދާޅުވީ މި ސަރުކާރުން މަސައްކަތް ކުރާ ވަކި އުސޫލެއް ވައްޓަފާޅިއެއް އޮންނަ ކަމަށާއި ކުރާ ކޮންމެ މަސައްކަތެއްގަ އާއި ހިންގާ ކޮންމެ މަޝްރޫއެއް ހިންގަނީ އެފަދައިން ކަމަށެވެ.
ރައީސް ސޯލިހު ވިދާޅުވީ ކޮންމެ މަޝްރޫއެއް ރަނގަޅަށް ދިރާސާ ކުރެވި ހިސާބު ކިތާބުން ނަތީޖާ ހޯއްދަވާ ކަމަށާއި އެ ނަތީޖާގެ މައްޗަށް ފުރިހަމަ ޕްލޭނެއް ހައްދަވާ ކަމަށެވެ. އަދި އެގޮތަށް އެކަން ނުވެއްޖެނަމަ މި ޒަމާނުގައި އެއީ ނުވާ ފަދަ ކަމެއްގެ ގޮތުގައި ރައީސް ސޯލިހު ފާހަގަ ކުރެއްވިއެވެ. އެގޮތަށް އެކަން ނުކޮށްފިނަމަ އެއީ ކަނޑުގައި އެޅި ރޮނގެއް ފަދަ ކަމެއް ކަމަށާއި އެއާ އިދިކޮޅަށް ކަންކުރުމުން ވާނީ މާ ދެރަ ގޮތެެއް ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
ވިސްނުމާއި ފިކުރާއި ހިކުމަތާއި ކެތްތެރިކަމާ ނުލައި ކަންކުރުމުން ދެމެހެއްޓެނިވި ތަރައްގީ ނުލިބޭނެ ކަމަށާއި ހަނިމާދޫ އެއާޕޯޓު މަސައްކަތް ފެށުނީ ހުއްޓި އޮވެ، ފަހަތަށް ގޮސް ގެއްލި ހުސް ނުވާ ގޮތަށް ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.
ރައީސް ސޯލިހު އިތުރަށް ވިދާޅުވީ ކަނޑުލުގެ ހިތި އެންމެންގެ އަރުގައިލުމުން ކުރިއަށްދާން ޖެހޭ ސީދާ މަގުން ކައްސާލައި މަގުމަތިވާނެ ކަމަށާއި ވިސްނުމާއި ރޭވުމެއް ނެތިއްޖެ ނަމަ ރޭވެ އަލިވިލޭއިރު އެންމެން އެކީ އެއް ފަހަރާ ބިކަވާނެ ކަމަށެވެ.
ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު ނިމުމުން، ބައިނަލްއަގުވާމީ ދަތުރުތަކުގައި ބޭނުން ކުރާ ބޯއިން 737 އާއި އެއާބަސް އޭ-320 މަރުކާގެ ބޯޓު ފަހަރަށް ހަނިމާދޫން ހިދުމަތް ދެވޭނެއެވެ. ހަމައެއާއެކު މެދުއިރުމަތީގެ އިތުރުން، އިރުމަތީ އެފްރިކާގެ ގައުމުތަކާއި ހަނިމާދުއާ ދެމެދު ސީދާ ދަތުރުތައް ކުރެވޭނެ ގާބިލްކަން ލިބިގެން ދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.
ސަރުކާރުން ބުނެފައިވާ ގޮތުގައި، ހަނިމާދޫ އެއާޕޯޓުގެ މަޝްރޫއު ނިމިގެން ދާއިރު، އިންޓަނޭޝަނަލް އެއާޕޯޓަކަށް ބޭނުންވާނެ ހުރިހާ ވަސީލަތްތަކެއް އެތަނުގައި ހުންނާނީ ގާއިމްކޮށްފައެވެ. އަދި އަމާޒަކީ 2024 ނިމެންވާއިރަށް ހަނިމާދޫ އެއާޕޯޓުގެ މަޝްރޫއު ނިންމާލުން ކަމަށް، ސަރުކާރުން ވަނީ ބުނެފައެވެ.
މި މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ޖާގައިގެ ޓާމިނަލެއް އިމާރާތް ކުރަން ވަނީ ނިންމާފައެވެ.
އަނެއްކާ ރައްޔިތުންނަށް ކުރިއައް އޮތްތަނުގައި އޮތް ބޮޑު ނުރައްކަލެއްގެ ވާހަކަތަ މީނާ މިކިޔަނީ