އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުޅުދުއްފުށި ސިޓީއަށް ވަޑައިގަތުމާ ދިމާކޮށް އެ ސިޓީއަށް ވެވަޑައިގެން ނުފުއްދަވާ ހުރި ވައުދުތައް ލިޔެ، ތައްޔާރުކޮށް ފުޅަނދުތަކެއް ނެރެފިއެވެ.

ރައީސް ސޯލިހުގެ ކެމްޕެއިން ދަތުރުފުޅާ ދިމާކޮށް އިދިކޮޅުން ރަށްރަށުގައި މުޒާހަރާ ކުރަމުން އަންނައިރު އެ މުޒާހަރާތަކުގެ ބައިވެރިން މައިގަނޑު ގޮތެއްގައި ގޮވަމުން އަންނަނީ އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓު، ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށެވެ. އަދި ބައެއް ރަށްތަކުގައި ނުފުއްދާ ހުރި ކަންކަމުގެ ވާހަކަތައް ގަނޑުތަކުގައި ލިޔެ، އިދިކޮޅުން މުޒާހަރާ ކުރަމުން ދިޔަ ނަމަވެސް ކުޅުދުއްފުށީ ސިޓީ އިން ޝުއޫރު ފާޅުކޮށް މުޒާހަރާކުރީ ތަފާތު ގޮތަކަށެވެ.

މިއަދު ކުޅުދުއްފުށި ސިޓީއަށް ރައީސް ސޯލިހު ވަޑައިގެންނެވި އިރު ތައްޔާރު ކޮށްފައިވާ މަށިމާލި ޕެރޭޑްގައި އެ ސިޓީގައި އެސްޓީއޯ އިން ގާއިމުކުރަން ނިންމާފައިވާ ގޮދަން ފުއް ބަންދު ކުރާ ފެކްޓްރީގެ ވާހަކައާއި ކޮޗިން ފެރީގެ އިތުރުން އެއާޕޯޓު ލައިޓް ހަރުކުރުމަށް ރައީސް ވެވަޑައިގެން ވައުދުފުޅުގެ ވާހަކަތައް ވަނީ ހިމަނާފައެވެ.

ރައީސް ސޯލިހުގެ ދަތުރުފުޅާ ދިމާކޮށް ކުޅުދުއްފުށި ސިޓީގައި ތައްޔާރުކުރި ފުޅަނދެއް/ ފޭސްބުކް ފޮޓޯ: މުހައްމަދު އާސިފް

އެ ސިޓީގައި އެސްޓީއޯއިން ގާއިމްކުރަން ނިންމާފައިވާ ފުއް ފެކްޓްރީގެ މަސައްކަތް މިދިޔަ އަހަރުގެ ތެރޭގައި ފަށާނެ ކަމަށާއި އެ ފެކްޓްރީގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރު ވެފައިވާ ކަމަށް މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު އޮތީ ވިދާޅުވެފައެވެ. އެކަމާ ގުޅިގެން މިއަދު ގެ ޕެރޭޑްގައި ވަނީ "ފުއް ފެކްޓްރީ ފެންނަނީ، ފުއް ކާރުހާނާ ފެންނަނީ" ކަމަށް ލިޔެ ސަރުކާރަށް ފާޑުކިޔުން އަމާޒު ކޮށްފައެވެ. އަދި އިންޑިއާގެ ކޮޗިނާއި ހދ. ކުޅުދުއްފުއްޓާ ދެމެދު ކާގޯ ފެރީގެ ހިދުމަތް ފަށައި، މިހާރު ހުއްޓިފައިވާތީ ވެސް މަޖާޒީ ގޮތަކަށް އެ ރަށު މީހުން ވަނީ "ކޮޗިން ފެރީ އަންނަނީ" ކަމަށް ލިޔެ ފާޑު ކިޔާފައެވެ.

މީގެ އިތުރުން ކުޅުދުއްފުށީގައި ގާއިމު ކުރައްވާނެ ކަމަށް ރައީސް ސޯލިހު ވައުދުވެވަޑައިގެންފައިވާ ޓާޝިއަރީ ހޮސްޕިޓަލް "އަންނަނީ އަންނަނީ" ކަމަށާއި ކުޅުދުއްފުށީ އެއާޕޯޓުގެ ރަންވޭގައި ބައްތި ނުޖަހާ ލަސްވާތީ އެކަން ސިފަކޮށް އަނދިރި ތާރުގަނޑުގެ ގޮތުގައި ވެސް ވަނީ ފުޅަނދެއް ތައްޔާރު ކޮށްފައެވެ.

އެ ސިޓީއަށް ރައީސް ސޯލިހު ވަޑައިގަތުމުން އިދިކޮޅުން މުޒާހަރާ ކުރި ނަމަވެސް އެ ފުޅަނދުތައް ބަނދަރު ސަރަހައްދުން ފުލުހުން ވަނީ ދުރުކޮށްފައެވެ.

އެ ޕެރޭޑުގައި އަންނަނީ އަންނަނީ ބޭނުންކޮށްފައި އެ ވަނީ، އެމްޑީޕީ ޕްރައިމަރީގެ ކެމްޕެއިންގެ ތެރެއިން ދާދިފަހުން ރާޅުގަނޑު ސަރަހައްދުގައި ބޭއްވި ޖަލްސާއެއްގައި ރައީސް ނަޝީދު ވިދާޅުވި "މި ސަރުކާރުގެ ޝިއާރަކީ އޮލިންޕަހުގައި އަޅުވާ އަންނަނީ، އަންނަނީ، ދެން އަންނަނީ" ކަމަށް ވިދާޅުވުމާ ގުޅުވައެވެ.

ކުޅުދުއްފުށީ އެއާޕޯޓުގެ ރަންވޭ ގައި ބައްތި ނުޖަހާ ލަސްވެ، ކުޅުދުއްފުށި ހޮސްޕިޓަލުން ބަލި މީހުން މާލެ ގެނައުމަށް ހަނިމާދޫ އެއާޕޯޓަށް ގެންދަން ޖެހި ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ރައީސް ސޯލިހުގެ ދަތުރުފުޅާ ދިމާކޮށް ކުޅުދުއްފުށި ސިޓީގައި ތައްޔާރުކުރި ފުޅަނދެއް/ ފޭސްބުކް ފޮޓޯ: މުހައްމަދު އާސިފް

ކޮންމެ އަހަަރަކު އީދު ފާހަގަ ކުރުމަށް ވެސް ކުޅުދުއްފުށީގައި ބާއްވާ ޕެރޭޑުގައި ވެސް ގިނަ ބައެއްގެ ސަމާލުކަން ލިބޭ ފުޅަނދު ތަކަކީ މިއެވެ. އެއް ބަޔަކަށް މި ޕެރޭޑް ޖޯކަކަށް ވެ މަޖާވެގެން އުޅުނަސް އަނެއް ބަޔަކު އަންނަނީ މި ޕެރޭޑަށް ފާޑުކިޔަމުންނެވެ. އީދުގައި ބާއްވާ މިފަދަ ޕެރޭޑްތައްވެސް ހާއްސަކޮށްފައި އޮންނަނީ އެއިރެއްގެ ސަރުކާރަކަށް ނުވަތަ އެ ދުވަސްވަރަކު އެންމެ ވައިގައި ހިފާ ކަމަކަށް ފާޑުކިޔުމަށެވެ.

ދެން ރައީސް ސޯލިހު ވަޑައިގަންނަވާނީ ހދ. ހަނިމާދޫއަށެވެ. އެއީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައެވެ.