އޮސްޓްރޭލިއާ އިން ސްރީލަންކާއަށާއި ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޕޯލް ސްޓެފަންސްއާއި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ވަފުދެއް ބައްދަލުކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިއްވި ހުކުމާ ބެހޭ ގޮތުން ހުރި ކަންބޮޑުވުންތައް ހިއްސާ ކޮށްފިއެވެ.

ސްރީލަންކާގެ ކޮލަމްބޯގައި ބޭއްވި މި ބައްދަލުވުމުގައި ބައިވެރިވި ވަފުދުގެ މަންދޫބުންނަކީ ކުރީގެ ނައިބު ރައީސް އަދި ރައީސް ޔާމީންގެ ވަކީލް ޑރ. މުހައްމަދު ޖަމީލާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދާއި ނައިފަރު ދައިރާގެ މެންބަރު އަހުމަދު ޝިޔާމާއި ހަމްދާން ޝަކީލެވެ. އަދި މި ވަފްދުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދަރިކަލުން ޒައިން އަބްދުالله ޔާމީން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި އެ ކޯލިޝަނުން ވަނީ އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން، ގާނޫނާ ހިލާފަށް ޖަލަށް ލާފަައި ވާކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ވަރަށް ބޮޑަށް ހިޔާލު ތަފާތުވެފައިވާ މި މައްސަލައިގައި ޝަރީއަތް ހިންގާފައި ވަނީ ގަވައިދާ ހިލާފަށް ކަމަށް ވެސް އިދިކޮޅޫ ކޯލިޝަނުން ބުނެއެވެ. ހަމައެއާއެކު ޝަރީއަތުގެ ސަބަބުން ގައުމުގެ ޑިމޮކްރެޓިކް މަރުޙަލާއަށް ކުރާނެ ނޭދެވޭ އަސަރުތަކާ ގުޅޭ މައްސަލަތައް ވެސް އިދިކޮޅުން ވަނީ ސަފީރާ ހިއްސާ ކޮށްފައެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނީ އިދިކޮޅު ލީޑަރަށް ސަރުކާރުން ދިން ނިކަމެތި އަދި އަނިޔާވެރި އަނިޔާތަކަށް ބެލުމެއް ނެތި ރައީސް ޔާމީނަކީ އިދިކޮޅު ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ދެމިހުންނާނެ ކަމަށެވެ. އިދިކޮޅު ލީޑަރަށް އިންސާފު ނުލިބި އިންތިހާބެއް ބޭއްވުމަށް އެ ކޯލިޝަނުން ފުރުސަތު ނުދޭނެ ކަމަށް ވެސް ބުނެއެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ވަފުދުގެ ފަރާތުން ފާޅުކުރި ކަންބޮޑުވުންތަކަށް އޮސްޓްރޭލިއާގެ ސަފީރު އަޑުއެއްސެވިއެވެ.