ހުޅުމާލެއިން ހެވީ ވެހިކަލް ޕެއިޑް ޕާކިން ޖާގަ ބީލަމުގެ އުސޫލުން ދޫކުރުމަށް ހުޅުވާލައިފިއެވެ.

ޖުމްލަ 19 ޖާގަ ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ހަމަ ޖެހިފައި ވާއިރު ކުއްޔަށް ދޫކުރެވޭ ޖާގަ ތަކުގެ ތެރޭގައި ހިމެނެނީ 40 ފޫޓު ޓްރެއިލާގެ 3 ޖާގައާއި، 20 ފޫޓު ޓްރެއިލާގެ 2 ޖާގައާއި، ޑަމްޕްޓްރަކް ނުވަތަ ލޮރީފަދަ އުޅަނދުތަކަށް ހާއްސަ ކުރެވިފައިވާ 10 ޖާގައާއި، އަދި ކްރޭން ޕާކު ކުރުމަށް ކަނޑައެޅިފައިވާ 4 ޖާގައެވެ.

މި ޖާގަތައް ދޫކުރަން ހަމަޖެހިފައި ވަނީ 2 އަހަރު ދުވަހުގެ މުއްދަތަކަށެވެ. އޭގެ އިތުރުން މިއީ ހަމައެނަނި 100 ޕަސެންޓް ދިވެހި ވިޔަފާރިއެއްގެ ނަމުގައި، މާލޭ ސަރަހައްދުގައި ދުއްވުމަށް ރަޖިސްޓަރީ ކުރެވިފައިވާ، ހުޅުމާލޭގެ ސިނާއީ މަސައްކަތުގައި ބޭނުންކުރާ ބަރު އުޅަނދުތަކަށް ހުޅުވާލެވިފައި ވާ ފުރުސަތެކެވެ.

ބީލަމާ ފޯމް ބަލައިގަތުން އޮންނާނީ ޖެނުއަރީ 31، 2023 ގެ ހެނދުނު 10 އިން 11 އަށެވެ. އަދި ފޯމް ހުޅުވުން އެ ދުވަހުގެ 11 ޖަހާއިރު އޮންނާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

ޕާކިންގައި ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދުމަށް އެޗްޑީސީން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުގެ މަތިން މިދިޔަ އަހަރުގެ އެޕްރީލް މަހު އެޗްޑީސީން ވަނީ ޕެއިޑް ޕާކިން ޒޯންތަކުން ބީލަމުގެ އުސޫލުން 2 ޒޯނަކަށް ބަހާލައިގެން 70 ކާރު ޕާކް ކުރާނެ ޖާގަ ދޫކޮށްފައެވެ.

އަދި ހުޅުމާލެގައި ދިރިއުޅޭ ފަރާތްތަކާއި އެކި ބޭނުންތަކަށް ހުޅުމާލެ ޒިޔާރާތްކުރާ ފަރާތްތަކަށް އުޅަނދުތައް ޕާކްކުރުމުގައި މިހާރު ދިމާވަމުންދާ ދަތިތަކާއި، މަގުތަކުގެ މަތީގައި ޕާކުކޮށްފައި ހުންނަ އުޅަނދުތައް މަދުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން މިދިޔަ މާޗް މަހު ވަނީ ހުޅުމާލެގައި ޕާކިން ބިލްޑިން އެއް ގާއިމްކުރުމަށް ދަމާސް ކޮމްޕެނީ އާ ހަވާލުކޮށްފައި ކަމަށް އެ އިދާރާއިން ހާމަކުރެއެވެ.