މި މަހުގެ 19 އަދި 20 ވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ކެމްޕެއިންގެ އެންމެ މުހިންމު "އުންމީދާއެކު" ކޮންފަރެންސް ފަސްކޮށްފައިވާ ކަމަށް ޕީޕީއެމްއިން ބުނެފިއެވެ.
މި ކޮންފަރެންސް ބާއްވަން މިހާރު ހަމަޖެހިފައި ވަނީ ފެބްރުއަރީ މަހުގެ 2 އިން 4 އަށް ކަމަށް ޕީޕީއެމް އަދި ޕީއެންސީގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ ވިދާޅުވެފައެވެ. މި ކޮންފަރެންސް ބާއްވަން ގަސްތުކުރަނީ ދަރުބާރުގޭގައި ކަމަށާއި ދަރުބާރުގެ ހޯދުމަށް ހައުސިން މިނިސްޓްރީއަށް ސިޓީ ފޮނުވާފައިވާނެ ކަމަށް ވެސް ހީނާ ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ހީނާ ވިދާޅުވީ ދަރުބާރުގެ ނުލިބިއްޖެނަމަ އެހެން ތަނެއްގައި މި ކޮންފަރެންސް ބޭއްވުމުގެ ތައްޔާރީތައް ވެސް ކުރިޔަށްދާ ކަމަށެވެ.
މި ކޮންފަރެންސްއަކީ ސިޔާސީ ޕާޓީއަކުން މިހާތަނަށް ބާއްވާ އެންމެ ބޮޑު ކޮންފަރެންސް ކަމަށާއި މި ކޮންފަރެންސްގައި 1500 އެއްހާ މެންބަރުން ބައިވެރިވާވާނެ ކަމަށް ޕީޕީއެމްއިން ވަނީ ބުނެފައެވެ. އަދި މިހާތަނަށް 500އަށް ވުރެ ގިނަ މެންބަރުން މި ކޮންފަރެސް އަށް ރަޖިސްޓްރީ ވެފައިވާ ކަމަށް ވެސް އެ ޕާޓީއިން ބުނެފައިވެއެވެ.
މި ކޮންފަރެންސް ފަސްކޮށްފައި ވަނީ ޕާޓީގެ އެކި އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުން ކޮންފަރެންސްގައި ބައިވެރިވުމުގެ ޝައުގުވެރިކަން ފާޅުކޮށްފައި ވާތީ ވީހާވެސް ގިނަ މެންބަރުންނަށް ކޮންފަރެންސްގައި ބައިވެރިވުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުންނެވެ.
"އުންމީދާއެކު" ކޮންފަރެންސްގެ މައިގަނޑު އެއް މަގުސަދަކީ ރައީސް ޔާމީން މިނިވަން ކުރުމަށް ކުރެވެން ހުރި ކަންކަން ދިރާސާ ކުރުން ކަމަށާއި ރައީސް ޔާމީން މިނިވަން ކުރުމަށް ކޯޓުތަކަށް ވެސް އިދިކޮޅުން ދާނެ ކަމަށް ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވަނީ މި ކޮންފަރެންސް އިއުލާނު ކުރައްވަމުން ވިދާޅުވެފައެވެ.
ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީނަށް ވަނީ މަނީލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ ސާބިތުވެ މިދިޔަ މަހުގެ 25 ވަނަ ދުވަހު 11 އަހަރުގެ ޖަލުހުކުމެއް އިއްވާފައެވެ. ރައީސް ޔާމީން ޖަލުގައި ހުންނެވި ނަަމަވެސް ޕީޕީއެމްއިން އަންނަނީ ރައީސް ޔާމީންގެ ޝެޑިއުލާ އެއް ގޮތަށް ކެމްޕެއިން ހަރަކާތްތައް ހިންގުމަށް މަސައްކަތް ކުރަމުންނެވެ.