ގާތްގަނޑަށް 2 އަހަރު ތެރޭގައި އެއްވެސް ސަރުކާރެއް 5 އަހަރު ނުކުރާ ވަރުގެ ގިނަ މަސައްކަތް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މި ސަރުކާރުން ހިންގަވާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގެ ތެރެއިން ހއ އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު އިހަވަންދޫގައި ވާހަަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ޕާޓީ ވެރިކަމަށް އައީ ގިނަ ވައުދުތަކެއް ވެވަޑައިގެން ކަމަށާއި އިހަވަންދޫއަށާއި މާރަންދޫ އަދި މޮޅަދޫގެ އިތުރުން ބޮޑު ތިލަދުންމައޗަށްވެސް ވައުދުތަކެއް ވެވަޑައިގެންނެވި ކަމަށެވެ.

މިހާ ހިސާބަށް އާދެވުނުއިރު މީގެ ތެރެއިން ވަރަށް ގިނަ މަސައްކަތަށް ފެށި، ނިމި އަނެއް ބައި ކަންތައްތައް ކުރިއަށް އެބަދޭ ކަމަށާއި އޭރު ވިސްނެވީ ފަހު އަހަރު އަންނަ އިރު ނުފަށާ އެއްވެސް މަސައްކަތެއް ނުބޭއްވުން ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންނަމަވެސް ކުރިމަތިވި ކޮވިޑްގެ އާލަމީ ވަބާއާއެކުގައި ބައެއް ކަންތައްތައް މަޑު ޖައްސާލަން ޖެހުނު ކަމަށާއި ބަޖެޓުގެ ތެރެއިން އޭރު އެންމެ އިސްކަމެއް ދެއްވީ އާލަމީ ވަބާއިން ރައްޔިތުންގެ ފުރާނަ ސަލާމަތްކޮށް ރައްޔިތުނަށް ހަމަޖެހޭ ދިރިއުޅުމެއް ގެނައުމަށްޓަކައި ކުރަން ޖެހޭ ކަންކަން ކުރުމަށް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

"އިރާދަކުރެއްވިއްޔާ އެ ޕްލޭން އެ ވިސްނުމާއެކީގައި ކުރި މަސައްކަތްތަކުގެ ނަތީޖާ މިއަދު ފެންނަމުން މިދަނީ"
ރައީސް ސޯލިހު

ރައީސް ވިދާޅުވީ ދުނިޔޭގެ ބައެއް ގައުމުތަކަށް ކުރިމަތިވި ފަދަ އިގްތިސޯދީ ދަތި އުނދަގޫތަކެއް ނެތި އެ ދުވަހަކު ކުރެއްވި މަސައްކަތަށް މިއަދު މުޅި ދުނިޔެ ބަލާ ގެންފައިވާ ކަމަށާއި ޑަބްލިޔުއެޗްއޯއިން އެކަން ކުރެއްވި ގޮތް އޮޅުން ފިލުވާ އެހެން ގައުމުތަކާ އެކަން ހިއްސާކުރައްވާ ކަމަށެވެ.

ބައެއް މީހުން އެ ހަނދާނެ މިއަދަކު ނެތް ކަމަށާއި 4 އަހަރު އެކީގައި އާންމު ހާލަތުގައި އުޅުނު ކަމަށް ވާހަކަތައް ދައްކާ ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.

ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިން ރައީސް ސޯލިހު ވަނީ ރ، ބ، ނ އަދި ޅ އަތޮޅުގެ ބައެއް ރަށްތަކަށް ވަޑައިގެންފައެވެ. އަދި މި މަހުގެ 13 އިން 15 އަށް އައްޑޫއަށް ވަޑައިގެންފައިވާއިރު އުތުރު މިހާރު ކުރައްވާ ދަތުރުފުޅުގެ ތެރެއިން ހއ. ހދ. އަދި ށ ގެ ބައެއް ރަށްތަކަށް ވަޑައިގަތުމަށް ވަނީ ނިންމަވާފައެވެ.

ހއ އަތޮޅުން ހޯރަފުށީގެ އިތުރުން އިހަވަންދޫއަށާއި ކެލާ އަދި ދިއްދޫއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު ހދ.ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް އެ ރަށަށްވެސް ވަޑައިގަތުމަށް ވަނީ ނިންމާފައެވެ.

ރައީސް ސޯލިހު ކެމްޕެއިން ހަރަކާތުގައި ހއ އަށް ވަޑައިގެންނެވިއިރު ރައީސް މުހައްމަދު ނަޝީދު ވަނީ ކ އަތޮޅާއި ޅ އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅުގައި ފުރާވަޑައިގެންފައެވެ.

ނަޝީދު މި ފަހުން ވަނީ ލ، ތ އަދި މ. އަތޮޅުގެ ރަށްތަކަށް ވެސް ކެމްޕޭނަށް ވަޑައިގެންފައެވެ. އެމަނިކުފާނުން މިމަހު 19 އިން 21 އަށް ހުވަދު އަތޮޅަށް ކެމްޕޭނަށް ވަޑައިގަތުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އަދި މި މަހުގެ 23 ގައި އެކަމިނުފާނު އައްޑޫ ސިޓީއަށް ވެސް ވަޑައިގަންނަވާނެއެވެ.

މި މަހުގެ 28 ވަނަ ދުވަހު އެމްޑީޕީ ރިޔާސީ ޕްރައިމަރީ ބާއްވަން ނިންމާފައިވާއިރު ރައީސް ނަޝީދުގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ހަރަކާތްތައް ފޯރީގައި އަންނަނީ ކުރިއަށްގެންދަމުންނެވެ. އެގޮތުން ދެ ކެނޑިޑޭޓުންވެސް އަތޮޅުތެރޭގެ ރަށްތަކަށް ވަޑައިގަންނަވާއިރު ފާޑު ވިދާޅުވެ، ތުހުމަތުތައްވެސް އަންނަނީ ކުރައްވަމުންނެވެ. އަދި ދެ ރައީސްއިންވެސް ގެންދަވަނީ ބަހުގެ ހަމަލާތަކެއް އަމާޒުކުރައްވަމުންނެވެ.