ވިސާ ނެގުމަކާއި ނުލައި 30 ދުވަހަށް ރާއްޖެ އަދި ކެމްބޯޑިއާގެ ރައްޔިތުން އެއް ގައުމުން އަނެއް ގައުމަށް ދަތުރު ކުރުމުގެ އެއްބަސްވުމެއްގައި ސޮއި ކުރައްވާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިފަދައިން ވިދާޅުވެފައި ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެން މީޑިޔާއަށް ދެއްވި ގުޅިފައިވާ ބަޔާނުގެ ތެރެއިންނެވެ.

ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން ބަދަހިކުރުމަށް ކުރެވިދާނެ ކަންކަމާއި މިގުޅުން ދެމެހެއްޓުމުގެ މުހިއްމުކަމަށް ރައީސް ސޯލިހް އަދި ކެމްބޯޑިއާގެ ބޮޑު ވަޒީރުގެ ވާހަކަފުޅުގައި އަލިއަޅުއްވާލައިފައިވެއެވެ. އެގޮތުން ދެގައުމުގެ ދެމެދުގައިވާ ވިޔަފާރީގެ ގުޅުން ދެ ގައުމަށް ފައިދާވާ ގޮތަށް އިތުރަށް ވަރުގަދަ ކުރުމަށާއި ސަގާފީ ދާއިރާތަކުން ދެގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާ މެދު މަޝްވަރާކޮށްފައިވާ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

ވިޔަފާރި ގުޅުން ބަދަހި ކުރުމަަށް ކެމްބޯޑިއާއިން އަންނައުނު، ދަތުރު ފަތުރާއި ގުޅުން ހުރި މުދާ، ލަކުޑި، ހަނޑޫ އަދި ދަނޑުވެރިކަމުގެ ދާއިރާގެ އެހެނިހެން ބާވަތްތައް ރާއްޖެއަށް އިމްޕޯޓްކުރުމަށް މަޝްވަރާ ކުރައްވާފައިވެއެވެ. އަދި ހަމައެއާއެކު ރާއްޖޭގައި އުފައްދާ ދަޅުމަހާއި މަހުގެ އެހެނިހެން މަހުގެ އުފެއްދުންތައް އެކްސްޕޯޓް ކުރުމަށް ވެސް މަޝްވަރާ ކުރެއްވިއެވެ.

ކެމްބޯޑިއާގެ ދިފާއީ ބާރުތަކަށް ރާއްޖޭގައި ހިންގާ ޑައިވް ޓްރެއިނިން ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ދެއްވާފައިވާތީ މި ބަޔާނުގައި ކެމްބޯޑިއާގެ ބޮޑުވަޒީރު ވަނީ ރައީސް ސޯލިހްއަށް ޝުކުރު އަދާ ކުރައްވާފައެވެ. މީގެ އިތުރުން ކެމްބޯޑިއާގެ ބޮޑުވަޒީރު ވިދާޅުވީ ކެމްބޯޑިއާގެ މަތީ ތައުލީމު ދޭ ތަންތަނުގައި ދިވެހި ދަރިވަރުންނަށް ކިޔެވުމަށް 10 ސްކޮލަޝިޕްގެ ފުރުސަތު ދިނުމަށް ކެމްބޯޑިއާ ސަރުކާރުން ނިންމާފައިވާކަމަށެވެ.

ކެމްބޯޑިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރައްވި ރަސްމީ މި ދަތުރު ފުޅަކީ ރައީސް ސޯލިހްގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.