ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ދައުވަތަކަށް ރަސްމީ ދަތުރުފުޅެއްގައި މިހާރު ރާއްޖެއަށް ވަޑައިގެން އުޅުއްވާ ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެންއަށް ދިވެހި ސަރުކާރުން ރަސްމީގޮތުން މަރުހަބާ ކިޔައިފިއެވެ.

އެކަމަށްޓަކައި މިއަދު ހެނދުނު ޖުމްހޫރީ މައިދާނުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ކެމްބޯޑިއާގެ ބޮޑުވަޒީރު މާލެއަށް ފައިބާވަޑައިގަތުމާއެކު ރަސްމީ ފާލަމުން ބޮޑުވަޒީރަށް މަރުހަބާ ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ. އަދި ރައީސްއާއި ކެމްބޯޑިއާގެ ބޮޑުވަޒީރު ޑަޔަސް އަށް އަރާވަޑައިގަތުމާއެކު 7 ބަޑީގެ ސަލާމެއް ވަނީ އަރުވާފައެވެ.

އިއްޔެ ބޮޑުވަޒީރު ރާއްޖެ ވަޑައިގެންނެވި އިރު ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓުން މަރުހަބާ ވިދާޅުވީ މިނިސްޓާ އޮފް ފޮރިން އެފެއާޒް އަބުދުﷲ ޝާހިދެވެ.

މިއަދު ރަސްމީ ހަރަކާތްތައް ފެށިއިރު ރައީސް އޮފީހުން ބުނީ ކެމްބޯޑިއާގެ ބޮޑުވަޒީރުގެ ޝަރަފުގައި އެމްއެންޑީއެފްގެ ފަރާތުން އެރުވި ގާޑް އޮފް އޮނާއެއް އެމަނިކުފާނު އިންސްޕެކްޓް ކޮށްދެއްވި ކަމަށެވެ.

ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމުގެ ބައެއް އެއްބަސްވުންތަކުގައި ވެސް ސޮއިކުރާ އިރު މި ދަތުރުފުޅާ ބެހޭގޮތުން ދެ ގައުމުގެ އިސްވެރިން ގުޅިފައިވާ ބަޔާނެއް ދެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅަކީ ކެމްބޯޑިއާ ސަރުކާރުގެ އިސްވެރިޔާ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެން ރާއްޖެއަށް ކުރައްވާ މިފަދަ ފުރަތަމަ ރަސްމީ ދަތުރުފުޅަށް ވާއިރު ރާއްޖެއާއި ކެމްބޯޑިއާއާ ދެމެދު ސިޔާސީ ގުޅުން ގާއިމް ކޮށްފައި ވަނީ 1995 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ.