"ނިމިއްޖެ" ކިޔާފައި ކިޔަން އޮތް ލިސްޓު މާ ދިގު ކަމަށް ވިދާޅުވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ރައްދު ދެއްވައިފިއެވެ.

އެމްޑީޕީ ޕްރައިމަރީގެ ކެމްޕެއިންގެ ތެރެއިން ދާދިފަހުން ރާޅުގަނޑު ސަރަހައްދުގައި ބޭއްވި ޖަލްސާއެއްގައި ރައީސް ނަޝީދު ވިދާޅުވީ މި ސަރުކާރުގެ ޝިއާރަކީ އޮލިންޕަހުގައި އަޅުވާނެ އަންނަނީ، އަންނަނީ، ދެން އަންނަނީ ކަމަށެވެ.

މި ސަރުކާރުގެ 'އަންނަނީ ލިސްޓާ' ބެހޭ ގޮތުން ވާހަކަދައްކަމުން ރައީސް ނަޝީދު ވިދާޅުވީ 1.4 ބިލިއަންގެ ދަރެނި އަރާފައިވާ އެއާޕޯޓް އަދި އޮތީ އަންނަނީގައި ކަމަށެވެ. އަދި އަމީނީ މަގު ރީތިކޮށް އޮއްވާ "އެތަން މާ ރަނގަޅަށް ހެދުމުން" މިހާރު އެތަނުގައި ތާރެއް ނެތްކަމަށް ވިދާޅުވެ ރައީސް ނަޝީދު ވަނީ މި ސަރުކާރުގެ ސިޔާސަތުތަކަށް 'ޖޯކު' ޖައްސަވާފައެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވަމުން މިއަދު އައްޑޫ ސިޓީ މީދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ހުޅުމީދޫއަށް ބެލިނަމަވެސް ބުނެލަން އޮތް އެއްޗަކީ ނިމިއްޖެ، ނިމިއްޖެ، ނިމިފައިވާ ތަން ކަމަށެވެ.

ރައީސް ވިދާޅުވީ "ނިމިއްޖެ" ކިޔާފައި ކިޔަން އޮތް ލިސްޓު މާ ދިގު ކަމަށާއި އައްޑޫ އަށް ކުރަން ހުރި ކަންކަން އަދިވެސް އެބަހުރި ކަމަށެވެ.

އެމްޑީޕީ ޕްރައިމަރީގައި ދެ ކެންޑިޑޭޓުންގެ ކެމްޕެއިން ފޯރިއާއެކު ކުރިއަށްގެންދަވަމުންނެވެ. އަތޮޅުތެރޭގައި ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދަމުންދާއިރު ތުހުމަތުތަކާއި ރައްދުތައް ވެސް އަންނަނީ ދެއްވަމުންނެވެ.