ވ.އާރަށުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަށް ކޮށްފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ ޝަރީއަތް ނިމުނު ގޮތުގެ ތަފްސީލީ ރިޕޯޓް ކްރިމިނަލް ކޯޓުން އެ މަނިކުފާނުގެ ވަކީލުންނާ ހަވާލު ކޮށްފިއެވެ.
ރައީސް ޔާމީންގެ ޝަރީއަތް ނިމުނު ގޮތުގެ ތަފްސީލީ ރިޕޯޓް ލިބުނުކަން ހާމަކުރަމުން އެ މަނިކުފާނުގެ ވަކީލުންގެ ޓީމުގައި ހިމެނި ވަޑައިގަންނަވާ އަދާމް ޝަމީމް ވިދާޅުވީ ކުރިއަށް އޮތީ ބުރަ ދުވަސްކޮޅެއް ކަމަށެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގެ މައްސަލާގައި ޔާމީންގެ މައްޗަށް އުފުލީ މަނީލޯންޑަރިންގެ ދައުވާގެ އިތުރުން ރިޝްވަތު ހިފުމުގެ ދައުވާއެވެ. ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުވެ އެ މަނިކުފާނު 11 އަހަރަށް ޖަލަށްލައި، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.
ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމް އިސްތިއުނާފު ކުރުމުގެ މަސައްކަތް އެ މަނިކުފާނުގެ ވަކީލުންގެ ޓީމުން ކުރަމުން އަންނައިރު، އެ ޓީމުން ވަނީ އެ މައްސަލަ އިސްތިއުނާފު ނުކުރެވި ލަސްވަނީ ހުކުމުގެ އިސްތިއުނާފު ތައްޔާރު ކުރަން ޝަރީއަތް ނިމުނު ގޮތުގެ ތަފްސީލީ ރިޕޯޓު ނުލިބިގެން ކަމަށް ބުނެފައެވެ. އަދި ކޯޓުގައި ދެއްކި ހުރިހާ ވާހަކަތަކެއް ހިމެނޭ މަހުޟަރު ބަޔާންތައް ކޯޓުން ނުދޭތީ އެ މައްސަލަ އިސްތިއުނާފަށް ހުށަހަޅަން ލިބޭ ވަގުތު ކުޑަވަމުން ދާކަމަށް ވަކީލުން ވަނީ ބުނެފައެވެ.
މި މައްސަލައިގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓް ނުލިބި ލަސްވަމުން ދާތީ ޕީޕީއެމްގެ ލީޑާޝިޕްގެ ބޭފުޅުން މީގެ ކުރިން ކޯޓަށް ވަޑައިގެން ކަންބޮޑުވުން ފާޅުކޮށްފައި ވާއިރު އެ ޕާޓީން ވަނީ މިއީ އިސްތިއުނާފު ކުރުމަށް ހުރަސް އެޅުމަށް ކުރަމުން ދިޔަ ކަމެއް ކަމަށް ތުހުމަތު ކޮށްފައެވެ.