ސްމައިލް އޮން ގެ ނަމުގައި ކުރިއަށް ގެންދާ ކެމްޕެއިންއެއް މިއަދު މާލޭގެ ސްކޫލްތަކުގައި ފަށައިފިއެވެ.

މި ކެމްޕެއިނަކީ ސްކޫލް މާހައުލުގައި އުޅޭ ވަގުތުތަކުގައި ޕޮޒިޓިވިޓީ ޕްރޮމޯޓް ކޮށް އޯގާތެރިކަން ފެތުރުވުން އިތުރުކުރުމަށް ރާވާ ހިންގާ ކެމްޕެއިނެއް ކަމަަށް އެޑިއުކޭޝަނުން ބުނެއެވެ.

އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ސްމައިލް އޮން ކެމްޕެއިން އަކީ ދަރިވަރުންގެ ވަށައިގެންވާ މާހައުލަކީ ވީހާވެސް އުފާވެރި އަދި ޕޮޒިޓިވް ތަނަކަށް ހެދުމަށާއި އަނެކާގެ ރަނގަޅު ސިފަތައް ދެނެގަނެ އެކަންކަން ފާހަގަ ކުރުމަށްޓަކައި، ދަރިވަރުން އިސްނަގައިގެން ކުރިއަށް ގެންދާ ކެމްޕެެއިނެއް ކަމަށެވެ.

ސްމައިލް އޮން ކެމްޕެއިން ހަރަކާތުގެ ތެރެއިން

މި ކެމްޕެއިން ކުރިއަށް ދާނީ އެކި އެކި ތަފާތު ހަރަކާތްތައް ދުވަހުގެ ތާވަލުގެ ތެރެއަށް ބަހާލައިގެން ކަމަށްވެސް އެމިނިސްޓްރީން ފާހަގަ ކުރެއެވެ. އަދި ހަމަ އެއާއެކު ކެމްޕެއިންގެ އެންމެ ބޮޑު ލަނޑުދަނޑިއަކީ ސްކޫލްގައި ޕޮޒިޓިވް މާހައުލެއް ގާއިމު ކުރެވި އަބަދުވެސް އެކަކު އަނެކަކަށް އިހުތިރާމު ކުރުމާއި ކަންކަމާ މެދު ޕޮޒިޓިވް ވިސްނުން ގެންގުޅޭ ސްކޫލް ދަރިވަރުންތަކެއް ބިނާކުރުމެވެ.

ސްމައިލް އޮން ކެމްޕެއިން ހަރަކާތުގެ ތެރެއިން

މިއަދު ހަމައެކަނި މާލޭ ސްކޫލްތަކުގައި މި ހަރަކާތް ފެށިކަމުގައި ވިޔަސް ކައިރި މުސްތަގްބަލެއްގައި ރަށްރަށުގެ ސްކޫލްތަކުގައި ވެސް މި ހަރަކާތް ކުރިއަށް ގެންދިއުމަށް އެމިނިސްޓްރީން ވަނީ އަމާޒު ކޮށްފައެވެ.

މި ކެމްޕެއިން ގެ ޝިއާރަކީ ސްޓޮޕް، ސްމައިލް، ސްޕްރެޑް (ހުއްޓުން، ހިނިތުންވުން، އަނެކާއަށް ފަތުރާލުން) މި ޝިއާރެވެ.