ކުށުގެ ބިރުވެރިކަމުން ސަލާމަތްވެފައިވާ ތަނަކަށް ދިވެހި މުޖުތަމައު ހެދުމަކީ އާންމުންގެ ހުވަފެނެއް ކަމަށާއި، އެ ހުވަފެން ހަގީގަތަކަށް ހެދޭނީ ފުލުހުންނަކީ ޖަވާބުދާރީ ކުރުވަނިވި އަދި ޒިންމާދާރު ބަޔަކަށް ވެގެން ކަމަށް، ފުލުހުންގެ ކޮމިޝަނަރު މުހައްމަދު ހަމީދު ރޭ ވިދާޅުވެއްޖެއެވެ.

ފުލުހުންގެ 34 ވަނަ އަސާސީ ތަމްރީނު ކޯސް 194 ދަރިވަރަކު ވަނީ ފުރިހަމަކޮޮށްފައެވެ. ޖުމްލަ 197 ދަރިވަރަކު ބައިވެރިވި އެ ކޯހުގައި ބައިވެރިވީ 48 އަންހެން ދަރިވަރުންނާއި 149 ފިރިހެން ދަރިވަރުންނެވެ. މިއީ އައްޑޫގައި ގާއިމްކުރި ޕޮލިސް ކޮލެޖުގައި ބޭއްވި ފުރަތަމަ އަސާސީ ތަމްރީނު ކޯހެވެ.

ރަސްމިއްޔާތުގައި ބައިވެރިވި ފުލުހުންނާ މުހާތަބުކުރައްވައި ސީޕީ ވިދާޅުވީ، ރައްޔިތުންނަށް ހިދުމަތްކުރުމަށް ބޭނުންވާ އިލްމާއި ހުނަރު، ރޭ ދަސްވެނިވި ފުލުހުންނަށް ދެވިފައިވާ ކަމަށެވެ. ސީޕީގެ އެދިވަޑައިގަތުމަކީ ހިތްވަރާއި ވަރުގަދަ އަޒުމަކާ އެކު، އަސާސީ ކޯހުގައި ދިން ތަމްރީނުގެ ބޭނުން ހެޔޮގޮތުގައި ހިފުމެވެ.

"މި ހިޔާވަހިކަމުގެ ދަށުން ތައުލީމާއި ތަމްރީނު ލިބިގެންދާ ފުލުހުންނަކީ ގާނޫނު ތަސައްވަރު ކޮށްފައިވާ ހިދުމަތުގެ އަސާސްތަކަށް ފަރިތަ، ރައްޔިތުންނާ ގާތް ގުޅުމެއް ބާއްވައިގެން އެކުގަ މަސައްކަތްކޮށް މުޖުތަމައުގަ ހުރި މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރާނެ ފުލުހުންގެ އާ ޖީލަކަށް ވެގެންދާނެ ކަމަށް އަޅުގަނޑު އުންމީދުކުރަން." ހަމީދު ވިދާޅުވިއެވެ.

ސީޕީ ވިދާޅުވި ގޮތުގައި، އާންމުން ދެކޭ އެންމެ ބޮޑު އެއް ހުވަފެނަކީ ދިވެހި މުޖުތަމައަކީ ސަލާމަތާއި ރައްކާތެރި މުޖުތަމައަށް ހެދުމާއި، ކުށުގެ ބިރުވެރިކަމުން ސަލާމަތްވެފައިވާ އަމާން ސުލްހަވެރި މުޖުތަމައަކަށް ހެދުމެވެ. އެ ހުވަފެން ހަގީގަތަކަށް ހެދުމަށްޓަކައި ފުލުހުންނަކީ ޒިންމާދާރު އަދި ޖަވާބުދާރީ ކުރުވަނިވި ބަޔަކަށް ވާން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން، ރޭގެ ދަސްވެނިންގެ ކިބައިން ސީޕީ އެދިވަޑައިގަތީ އާންމުންނަށް ހިދުމަތްދޭން ނުކުންނައިރު އާންމުންގެ ވާހަކަތަކަށް ސަމާލުކަން ދިނުމަށާއި، ކަންބޮޑުވުންތައް ދޫކޮށްނުލުމަށާއި، އާންމުންނަށް ބަރާބަރަށް އިޖާބަދިނުމަށެވެ. ހަމީދު ވިދާޅުވީ، ފުލުހުންނާ މެދު އާންމުން ހިތްހަމަޖެހޭނީ ފުލުހުންނަކީ މައްސަލަތަކަށް ހައްލު ހޯދައިދޭ ބަޔަކަށް ވުމުން ކަމަށެވެ.

"ރައްޔިތަކަށް ބޮޑުވެއްޖެ ކޮންމެ ކަމެއްގައި އެހީތެރިކަމުގެ ފުރަތަމަ އަތަކީ ފުލުހުންކަން އަބަދުމެ ހަނދާން ކުރަން ވާނެ. އަދި އެހީތެރިކަން ވާންވާނީ ލޯތްބާއި އަޅާލުމާއި އޯގާތެރިކަމާ އެކު ފޯރުކޮށްދޭ ހިދުމަތުގެ މައްޗަށް ބިނާވެފަކަން އަބަދުމެ މަސައްކަތުގަ ދައްކުވައިދޭން ވާނެ." ހަމީދު ވިދާޅުވިއެވެ.