ހުޅުމާލެ ފޭސް 2 ގެ ނިރޮޅުމަގުގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ބުނީ މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ ރޭ ދަންވަރު 2:55 އެހައިކަންހާއިރުއެވެ. މި އެކްސިޑެންޓުގައި ޖުމްލަ 5 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާއިރު، އެ އެންމެންނަށްވެސް ދަނީ ފަރުވާ ދެމުންނެވެ.

އަނިޔާވި މީހުންގެ ތެރެއިން 3 މީހަކަށް ފުރަތަމަ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް މިހާރު ވަނީ އައިޖީއެމްއެޗަށް ބަދަލުކޮށްފައެވެ. އަދި އަނެއް ދެ މީހުންވެސް އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ބަދަލުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ފަހަކަށް އައިސް މާލެ ސަރަހައްދުގައި ހިނގާ އެކްސިޑެންޓުތައް ވަރަށް ބޮޑަށް އިތުރުވެފައިވާއިރު މިފަދަ އެކްސިޑެންޓުތަކުގައި މީހުންގެ ފުރާނަ ގެއްލޭ ނިސްބަތްވެސް ވަނީ އިތުރުވެފައެވެ.