ރަށްރަށުގައި ހިންގާ އެކި މަޝްރޫއުތައް ހިންގުމަށްޓަކައި އައްޑޫ ރައްޔިތުންގެ ތާއީދު ބޭނުން ކަމަށާއި، އެމަނިކުފާނު ދެވަނަ ދައުރަކަށް ހޮވިވަޑައިގެންފިނަމަ ދެން އެކުލަވާލާ ސަރުކާރެއްގައި އައްޑޫގެ ބޮޑު ހިއްސާ އެއް އޮންނާނެ ކަމަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަށް ކެމްޕެއިން ކުރެއްވުމަށްޓަކައި ރައީސް އައްޑުއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހިތަދޫގެ އުސްގަނޑަ ބީޗުގައި ސަޕޯޓަރުންނާ ބައްދަލުކުރައްވައި ވަނީ ވާހަކަފުޅު ދައްކަވައިފައެވެ. ރައީސް ވިދާޅުވި ގޮތުގައި އައްޑޫ ރައްޔިތުން މިއަދާ ހަމައަށް ބުރަ އުފުލަން ޖެހިފައިވަނީ ކުރީގެ ސަރުކާރުތަކުން އެ ސިޓީ ވީހާލެއްގައި ވާން ދޫކޮށްލާފައިވުމުންނެވެ.

ރައީސް ވިދާޅުވީ ކުރީގެ ސަރުކާރުތަކުން މަސައްކަތްކުރީ އައްޑުއަށް ދިމާވެފައިވާ މައްސަލަތަކަށް ވަގުތީ ހައްލުތަކެއް ހޯދުމަށް ކަމަށެވެ. ނަމަވެސް ވޭތުވެދިޔަ ހަތަރު އަހަރު، އެ ސިޓީ އަށް ނާންނަ ވަރުގެ ތަރައްގީ އެއް ގެނެސްދީފައިވާ ކަމަށް ގަބޫލުކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މި ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި އައްޑޫ ސިޓީއަށް މި ސަރުކާރުން ކޮށްދިން ވަރުގެ ކަމެއް އަދި ވެފައި ހުރި ޕްލެޖުތައް، ނިންމަން ހުރި ކަންތައްތަކަށް ބަލާއިރު އައްޑޫ ސިޓީއަށް މިއަށް ވުރެ ބޮޑު ތަރައްގީއެއް ގެނުވާ ސަރުކާރެއް އޮތް ކަމަކަށް ހަމަ ގައިމު ވެސް ލިޔެކިއުމުން ފެންނާކަށް ނެތް،" ރައީސް ވިދާޅުވިއެވެ.

ހަމަ އެއާއެކު، އައްޑޫ ރައްޔިތުންގެ ތާއީދު މުހިންމު ކަމަށް ވިދާޅުވެ، އަންނަ ދައުރަކަށް އިންތިހާބުވެވަޑައިގެންފިނަމަ އެމަނިކުފާނު އެކުލަވާލާ ސަރުކާރެއްގައި އައްޑޫގެ ހިއްސާ ބޮޑުކޮށް ފެނިގެން ދާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

"އަޅުގަނޑު ޔަގީންކޮށް މި އަރުވަނީ މި ސިޓީން ލިބޭ ތާއީދަކީ ބޭކާރު ވެގެން ދާނެ އެއްޗެއް ނޫން. އަދި އަޅުގަނޑުމެން އެކުލަވާލާ ސަރުކާރުގައި މި ސިޓީގެ ހިއްސާ ބޮޑުކޮށް ފެނިގެންދާނެ،"

ރައީސް މިފަދައިން ވިދާޅުވިއިރު، އެމަނިކުފާނާ ވާދަވެރި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ޕްރައިމަރީ ކާމިޔާބުކުރައްވައި ރިޔާސީ އިންތިހާބަށް ނުކުމެވަޑައިގަންނަވާނީ އައްޑުއަށް ނިސްބަތްވާ ރަނިންމޭޓަކާ އެކުގައި ކަމަށް ވިދާޅުވެފައެވެ. ނަޝީދު އެންމެ ފަހުން ވާދަކުރެއްވި އިންތިހާބުގައި އެމަނިކުފާނުގެ ރަނިންމޭޓެއްގެ ގޮތުގައި ހުންނެވީ ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. މުސްތަފާ ލުތުފީއެވެ. ޑރ. މުސްތަފާ އަކީ އައްޑުއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ.