ނިމިގެންދިޔަ އަހަރުން ފެށިގެން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި މަތީ ސާނަވީއަށް ކިޔަވައިދޭ ސްކޫލްތައް ހުންނާނެކަމަށާއި އެއީ ރާއްޖޭގެ ތައުލީމީ ހަޔާތުގައި ހާސިލުކުރެވުނު ވަރަށް ތާރީހީ ކާމިޔާބެއްކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ އައްޑޫ ސިޓީ ފެދޫ ސްކޫލަށް 50 އަހަރުފުރުމުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން މިރޭ ފޭދޫ ސްކޫލުގައި ބޭއްވި ޖަލްސާގައެވެ.
އެ ޖަލްސާގައި ރައީސް ވަނީ ފޭދޫ ސުކޫލުގެ އާ އިމާރާތުގެ މަސައްކަތް ވީ އެންމެ އަވަހަކަށް ފެށުމުގެ އިންތިޒާމުތައް ހަމަޖައްސައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ސަރުކާރުގެ އަމާޒަކީ ކުދިންނަށް ތަޢުލީމު ދިނުމުގައިވެސް އެއްވެސް އަތޮޅެއް، ރަށެއް އަދި ފަރުދެއް ވެސް ބާކީ ނުކުރުން ކަމުގައި ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ މިދިޔަ އަހަރާ ޖެހެންދެން އެ އަތޮޅުގައި މަތީ ސާނަވީއަށް ކިޔަވައިދޭ ސްކޫލެއް ނެތްކަން ފާހަގަ ކުރައްވައި އެ އަތޮޅުގައި މުޅިން އަލަށް މަތީ ސާނަވީއަށް ކިޔަވައިދޭން ފެށީ މި ސަރުކާރުންކަން ފާހަގަ ކުރައްވާފައެވެ.
މީގެ އިތުރުން މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ފޭދޫ ސްކޫލުގެ މުވައްޒަފުންގެ ތެރެއިން މެދުނުކެނޑި 15 އަހަރު ހިދުމަތުގައި ދެމިތިބި މުވައްޒަފުންނަށް ރަންޔޫބީލްގެ ފިލާ ހަވާލުކޮށްދެއްވާފައެވެ.