ޓެސްޓުތަކެއް ހެދުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފިއެވެ.

މައުމޫނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޓެސްޓުތަކެއް ހެއްދެވުމަށް މިވަގުތު އޮންނެވީ ދަރުމަވަންތަ ހޮސްޕިޓަލުގައި ކަމަށެވެ. އަދި އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅު ކަމަށް ވެސް މައުމޫނު ވިދާޅުވިއެވެ.

އުމުރުން 84 އަހަރުގެ ރައީސް މައުމޫނު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން ވެސް މީގެ ކުރިން ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައެވެ.

އެމަނިކުފާނު ކޮވިޑަށް ޕޮޒިޓިވްކަން އެނގުނީ، ހުމުގެ އާލާސްކަންފުޅެއްގައި ޓްރީ ޓޮޕް ހޮސްޕިޓަލަށް ވަޑައިގެން ހެއްދެވި ޓެސްޓުންނެވެ. އޭރު ވެސް އަދި ފަހުން ވެސް އެމަނިކުފާނުގެ ހަށިކޮޅުގައި ބަލީގެ އަލާމާތްތައް ހުރީ ވަރަށް ކުޑަކޮށް ކަމަށް އާއިލާ އިން ވަނީ ބުނެފައެވެ.

މައުމޫން ޕޮޒިޓިވްވުމާ އެކު އަނބިކަނބަލުން ނަސްރީނާ އިބްރާހީމް ވެސް ޓެސްޓް ކުރެއްވި އެވެ. އެކަމަކު ނަސްރީނާ އާއި އާއިލާގެ އެހެން ބޭފުޅަކު ވެސް ބައްޔަށް ޕޮޒިޓިވެއް ނުވެ އެވެ.