މި އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރީ ރަޝިޔާއިން ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމު ކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ފުރަތަމަ 11 ދުވަހު ރާއްޖެއަށް ވަނީ 59،071 ފަތުރުވެރިން ޒިޔާރަތް ކޮށްފައެވެ. ފާއިތުވެ ދިޔަ އަހަރު މި މުއްދަތުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކޮށްފައި ވަނީ 51،816 ފަތުރުވެރިންނެވެ.

މި އަހަރު ރާއްޖެ ޒިޔާރަތް ކުރި ފަތުުރުވެރިންނަށް ބަލާއިރު އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައިސްފައި ވަނީ ރަޝިޔާއިންނެވެ. އެގޮތުން މިހާތަނަށް އެ ގައުމުގެ 10،697 ފަތުރުވެރިން ރާއްޖެއްށް އައިސްފައިވާ އިރު، ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ އިޓަލީންނެވެ. އެއީ 7320 ފަތުރުވެރިންނެވެ. އަދި އިންޑިއާއިން މިއަހަރު މިހާތަނަށް ރާއްޖެ 5119 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

ރާއްޖޭގައި މިވަގުތު އޮޕަރޭޝަނަލް ހާލަތުގައި 60،504 އެނދު ހުރިއިރު އޭގެތެރޭގައި 172 ރިސޯޓުގައި ހުރި 41،945 އެނދު، 869 ހޮޓެލް، ގެސްޓްހައުސްގައި 14،018 އެނދު އަދި ސަފާރީ އުޅަނދުފަހަރުގައި 2901 އެނދު ހިމެނެއެވެ.

ރާއްޖެއަށް ދުވާލެއްގެ މައްޗަށް އަންނަ ފަތުރުވެރިންގެ އަދަދު 5000 ހުރަސްކޮށްފައިވާއިރު ޓޫރިޒަމް މިނިސްޓްރީން ހާމަކުރާގޮތުގައި މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު ރާއްޖެއަށް 5316 ފަތުރުވެރިން އާދެއެވެ. އަދި ރާއްޖެއަށް އަންނަ ފަތުރުވެރިން އެވްރެޖްކޮށް 8 ދުވަހުގެ ޗުއްޓީއެއް ރާއްޖޭގައި ހޭދަކުރެއެވެ.

ޓޫރިޒަމް ޓާގެޓެއްގެ ގޮތުގައި މިއަހަރު ރާއްޖެއަށް 1.8 މިލިއަން ފަތުރުުވެރިން އަންނާނެ ކަމަށް ސަރުކާރުން ވަނީ ލަފާ ކޮށްފައެވެ.

މިދިޔަ އަހަރު ރާއްޖެއަށް ލަފާކޮށް ފައިވާ 1.6 މިލިއަން ފަތުރުވެރިންގެ އަމާޒު ހާސިލް ވެފައިވާ އިރު އޭގެ ކުރީއަހަރު ކުރި އަމާޒު ވެސް ހާސިލް ކޮށްފައި ވުމަކީ ކޮވިޑަށް ފަހު ޓޫރިޒަމް ސިނާއަތަށް އައި ލޮޅުމުން އަރައިގަތުމަށް ކުރަމުން އަންނަ މަސައްކަތުގައި ދުވަހެއް ދުވަހެއް ކުރިއަރަމުން އަންނަ ހެއްކެއް ކަމުގައި ގިނަ ބަޔަކު ގަބޫލު ކުރެއެވެ.