ނީލަން ފިހާރާގައި މިމަހު 9 ވަނަ ދުވަހު ހެނދުނު ހިނގި ހާދިސާގައި މާލެ ސިޓީ ކައުންސިލްގެ ބިދޭސީންގެ އެކޮމޮޑޭޝަން ބްލޮކް އެއްކޮން އެނދުމާ ގުޅިގެން ހާލުގައި ޖެހުނު ބިދޭސީންގެ ހާލު ވަރަށް ގާތުން ބަލަމުންދާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފިއެވެ.
އެޗްއާރްސީއެމްއިން ނެރުނު ބަޔާނެއްގައި ބުނީ ނީލަން ފިހާރަ ސަރަހައްދުގައި ހިނގާދިޔަ ހިތާމަވެރި އަލިފާނުގެ ހާދިސާގެ ސަބަބުން ގެއްލުންވި އެންމެހާ ބިދޭސީ ފަރާތްތަކުގެ ވަގުތީ ދިރިއުޅުމުގެ ހާލަތު އެ ކޮމިޝަނުން ދަނީ ވަރަށް ގާތުން މޮނީޓާ ކުރަމުން ކަމަށެވެ.
އެ ހާދިސާއާ ގުޅިގެން އެ ކޮމިޝަނުގެ ރެޕިޑް ރެސްޕޮންސް ޓީމުން ހާދިސާގައި ގެއްލުން ލިބުނު ފަރާތްތައް ވަގުތީ ގޮތުންބޭތިއްބުމަށް ހަމަޖެހުނު އިމާދުއްދީން ސްކޫލް އަދި ހުޅުމާލެ ވަގުތީ ހިޔާ (ކޮވިޑް ފެސިލިޓީ) އަށް ޒިޔާރަތްކޮށް ކަމާ ބެހޭ އިދާރާތަކުން މައުލޫމާތު ސާފުކޮށްފައި ކަމަށް ވެސް އެޗްއާރްސީއެމްއިން ބުނެއެވެ.
އަދި އެ ފަރާތްތަކަށް ފެނާ، ކެއުމާއި އަދި ފާހާނާ ކުރުންފަދަ ޒަރޫރީ ބޭނުންތަކަށް ހަމަޖެހިފައިވާ އިންތިޒާމު އެ ކޮމިޝަނުން އަންނަނީ ގާތުން ބަލަމުން ކަމަށް ވެސް އެޗްއާރްސީއެމްއިން ވަނީ ބުނެފައެވެ.
އެޗްއާރްސީއެމްއިން ބުނީ ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީން ލިބިދޭ ހައްގުތަކަކީ އެއްވެސް ތަފާތުކުރުމެއް ނެތި ބިދޭސީންނަށް ވެސް ލިބިގެންވާ ހައްގުތަކެއް ކަމުގައި ވާއިރު އެ ކޮމިޝަންގެ ފަރާތުން ބިދޭސީ މަސައްކަތްތެރިންގެ ހައްގުތައް ހޯދައިދިނުމަށް ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ.
އެޗްއާރްސީއެމްއިން ބުނީ، މިފަދަ ދަނޑިވަޅެއްގައި އާންމު ރައްޔިތުންގެ ފަރާތުން މެދުކެނޑުމެއް ނެތި ލިބެމުންދާ އެއްބާރުލުމާއި ކުރަމުންދާ މަސައްކަތްތައް އަދި އެ ހާދިސާއާ ގުޅިގެން ސަރުކާރުގެ މުއައްސަސާތަކާއި، ޖަމުއިއްޔާ ޖަމާއަތްތަކުން ކުރަމުންދާ މަސައްކަތް ފާހަގަކުރާ ކަމަށެވެ.
މިމަހު 9 ވަނަ ދުވަހު ހެނދުނު 5:43 ހާއިރު ހިނގި އަލިފާނުގެ ހާދިސާގައި ނީލަން ފިހާރަ އަނދާ ހުލިވިއިރު އެތަނުގެ ކުރިމަތީގައި ހުރި މާލެ ސިޓީ ކައުންސިލްގެ ބިދޭސީ މުވައްޒަފުންގެ އެކޮމަޑޭޝަން ބްލޮކުގައި ވެސް ވަނީ އަލިފާން ރޯވެ ބޭނުން ނުކުރެވޭ ވަރަށް އަނދާހުލިވެފައެވެ.
މީގެ ކުރިންވެސް ނީލަން ފިހާރައިގައި އެތައް ފަހަރަކު ވަނީ ރޯވެފައެވެ. އެގޮތުން 2015 އިން ފެށިގެން 2021 ގެ ނިޔަލަށް އެތަނުގައި އަލިފާނުގެ ގިނަ ހާދިސާތައް ހިނގާފައިވެއެވެ.
އެ މައްސަލަ ތަހުގީގު ކުރުމަށް ފޮރެންސިކް އެކްސްޕާޓުންތަކެެއް ރާއްޖެ ގެނެސް އެކަމުގައި އެއްވެސް ބަޔަކު އަޑީގައި ތިބިތޯ އާއި އަލިފާން ރޯކުރަނީ ގަސްދުގައިތޯ ބަލަން އެމީހުން ބައިވެރިވާނެ ކަމަށް ފުލުހުން ވަނީ މިއަދު ބުނެފައެވެ.