އޮކްޓޯބަރު ބޭއްވި އެޑެކްސެލް އޭލެވެލް އާއި އައިއޭއެލް އަދި އެޗްއެސްސީ އިމްތިހާނުގެ ނަތީޖާ ދޫކުރަން ފަށައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެޑެކްސެލް އޭލެވެލް އާއި އައިއޭއެލް އަދި އެޗްއެސްސީ އިމްތިހާނުގެ ނަތީޖާތައް ދޫކުރުން މިއަދުން ފެށިގެން ސެންޓަރުތަކުގައި ކުރިއަށް ދާނެކަމަށެވެ.

ނަތީޖާ ރީޗެކްކުރުމަށް ބޭނުންވާ ނަމަ އެކަމަށް އެދޭ ފޯމު ފުރިހަމަ ކުރުމަށް ފަހު ޖުނުއަރީ 26، 2023 ވަނަ ދުވަހާ ހަމައަށް އެ ދަރިވަރެއްގެ އިމްތިހާން ސެންޓަރުގައި ރިކުއެސްޓް ކުރެވޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ނިމިގެން ދިޔަ 2022 ވަނަ އަހަރު އޮކްޓޯބަރު މަހުގެ އޭލެވެލް އިމްތިހާނުގައި ރާއްޖޭގެ 40 މަރުކަޒަކުން 2849 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. މީގެ ތެރެއިން 1299 ދަރިވަރުން އެޗްއެސްސީ އިމްތިހާނުގައި ބައިވެރިވި އިރު 2785 ދަރިވަރުން ބައިވެރިވެފައި ވަނީ އެޑެކްސެލް އޭލެވެލްގެ މާއްދާތަކުގައެވެ.

ކުރިން ދެމުން އައި އެޑެކްސެލް އިންޓަނޭޝަނަލް އޭއެސް އަދި އޭލެވެލް އިމްތިހާނުގެ ބަދަލުގައި މިއަހަރުން ފެށިގެން ދޭނީ ކޭމްބްރިޖް އިންޓަނޭޝަނަލް އޭއެސް އަދި އޭއޭލެވެލް އިމްތިހާނު ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި ކޭމްބްރިޖް އިންޓަނޭޝަނަލް އޭއެސް އަދި އޭލެވެލް ސިލަބަހަށް ކިޔަވައިދިނުމާއި އިމްތިހާނުތައް ފެށުމުގެ މަސައްކަތް ވަނީ ފަށާފައެވެ.