އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ރަށްރަށަށް ވަޑައިގަތުމުން ޕޭރަންޓް ޓީޗާ ބައްދަލުވުންތައް ސްކޫލްތަކުގައި ބާއްވައި، ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މުވައްޒަފުންނަށް ހުރަސްއަޅާ ކަމަށް އެމަނިކުފާނު ކުރެއްވި ތުހުމަތުތަކަށް ސަރުކާރުން ރައްދު ދީފިއެވެ.

މިފަހުން ބ. ހިތާދޫ އަށް ވަޑައިގެން ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ނަޝީދު ތުހުމަތުކުރެއްވި ގޮތުގައި އެމަނިކުފާނު ރަށްރަށަށް ވަޑައިގަތުމުން އެޑިއުކޭޝަން މިނިސްޓްރީން އަންގައިގެން ޕޭރަންޓް ޓީޗާ ބައްދަލުވުންތައް ސްކޫލްތަކުގައި ބާއްވައި ސިޔާސީ ހަރަކާތްތަކުގައި އެ މީހުން ބައިވެރިވުމަށް ސަރުކާރުން ހުރަސް އަޅައެވެ.

"އެޑިއުކޭޝަން މިނިސްޓަރަށް ގޮވާލަން އަޅުގަނޑުމެންގެ ސިޔާސީ ހަރަކާތްތަކަށް ކަމަނާގެ ޑިޕާޓްމަންޓުތަކުން ހުރަސް އަޅަމުން ގެންދާ ކަމަށް ވަނީ ނަމަ އެކަމުގެ އިހުތިޖާޖު ޖެހޭނީ ކުރަން،" ނަޝީދު ވިދާޅުވިއެވެ.

ރައީސް އޮފީހުގައި އޮތް ޕްރެސް ކޮންފަރެންސްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ސްޕޯކްސްޕާސަން މިއުވާން މުހައްމަދު ވިދާޅުވީ، ކޮންމެ ދިރާސީ އަހަރެއްގެ ވެސް ޓާމެއް ފެށޭއިރު އަދި ނިމޭއިރު ޕޭރަންޓް ޓީޗާ ބައްދަލުވުންތައް ބާއްވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، ސަރުކާރުން ވެސް، އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ޓީމުން ވެސް އެފަދަ ކަމެއް ކޮށްފައެއް ނުވާނެއެވެ. އަދި ސްކޫލްތަކަކީ ސިޔާސީ ކަންކަމުން އެއްކިބާވެފައި އޮންނަ ތަންތަން ކަމަށް ސަރުކާރުން އަބަދު ވެސް ބުނަމުންދާ ކަމަށް ވިދާޅުވިއެވެ.

ހަމަ ގައިމު ވެސް ސަރުކާރުގެ އެކަހަލަ އިންސްޓްރަކްޝަން އެއް އެއްވެސް ސްކޫލަކަށް ނުވަތަ އެއްވެސް އިދާރާއަކަށް ދީފައެއް ނޯންނާނެ." މިއުވާން ވިދާޅުވިއެވެ.

މި މަހު 28 ގައި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އޮންނައިރު، ނަޝީދާއި ރައީސް ފޯރިއާ އެކު ކެމްޕެއިންގެ ހަރަކާތްތައް ކުރިއަށް އެބަ ގެންދަވައެވެ. މިއަދު ވެސް މާލޭގެ އެކި ގޭބިސީތަކަށް ރައީސް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާއިރު، ރާޅުގަނޑު ސަރަހައްދުގައި ނަޝީދުގެ ކެމްޕެއިން ޖަލްސާ މިރޭ އޮންނާނެއެވެ.