ހުސްވި އަހަރުގެ ޑިސެމްބަރު މަހު މާލޭގައި 94 ވަރިއާއި 309 ކައިވެނިކޮށްފައިވާ ކަމަށް ފެމިލީ ކޯޓުގެ ތަފާސް ހިސާބުތަކުން ހާމަވެއްޖެއެވެ.

މިއަދު އެކޯޓުން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން، ފާއިތުވި ޑިސެމްބަރު މަހު ވަރީގެ 120 މައްސަލައެއް ނިންމާފަވާއިރު، ޖުމްލަ ގޮތެއްގައި ވަރީގެ 144 މައަސަލައެއްވަނީ ހުށަހަޅާފައެވެ. އަދި ކުޑަކުދިންނާ ގުޅުންހުރި 7 މައްސަލައެއް ހުށަހަޅާފަވާއިރު ހަރަދުގެ 14 މައްސަލައެއްގެ ތެރެއިން ނިމިފައިވަނީ 11 މައްސަލައެކެވެ.

ގެވެށި އަނިޔާ އާއި ގުޅޭ 4 މައްސަލައަކާއި އާއިލީ އެހެނިހެން 15 މައްސަލަ ނިންމާފަވާކަމަށް އެ ރިޕޯޓުން ހާމަވެގެންދެއެވެ. މީގެތެރޭގައި ވަލީ ހޯދުމުގެ މައްސަލަތަކާއި މަރު ސާބިތު ކުރުމުގެ މައްސަލަތަކުގެ އިތުރުން ހުކުމް ތަންފީޒުކުރުމުގެ މައްސަލަތައް ހިމެނެއެވެ.

2020 ވަނަ އަހަރުވެސް ރެކޯޑް މިންވަރަކަށް ވަރީގެ މައްސަލަތައްބަލާފައިވާއިރު އެއަހަރި ކައިވެނި ކޮށްދިން އަދަދުގެ ދެބައިކުޅު އެއްބަޔާ ގާތްކުރާ އަދަދަކަށް ވަރި ކޮށްފައިވާ ކަމަށް އެކޯޓުގެ ތަފާސްހިސާބުން ދައްކައެވެ.

މުޅި ދުނިޔެއަށް ބަލާލިކަމަށްވީނަމަވެސް ރާއްޖެއަކީ ނިސްބަތުން ވަރި ގިނަ ގައުމެކެވެ. އޭގެ އިތުރުން، ދަރިންނަށް ހަރަދު ނުދޭ މައްސަލައާއި އާއިލާތައް ރޫޅޭ މައްސަލަ ވަރަށް ބޮޑަށް އިތުރުވެފައިވާއިރު މިކަންކަމަށް އެދެވޭ ހައްލެއްވަނީ އަދި ލިބޭގޮތް ނުވެފައެވެ.