އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގައި ހުންނަ އެގައުމުގެ ފޮރިން މިނިސްޓްރީގެ ކުރިމަތީގައި ޖާނުން ފިދާވެގެން މީހަކު ދިން ހަމަލާއެއްގައި 20 މީހަކު މަރުވެއްޖެއެވެ.

ތޯލިބާނުންގެ އިންފޮމޭޝަން މިނިސްޓްރީގެ މުވައްޒަފެއް ކަމަށް ވާ އުސްތާޒު ފަރީދުން އާ ހަވާލާދީ ރޮއިޓާސް އިން ބުނީ، ޖާނުން ފިދާވި މީހާ މަސައްކަރް ކުރީ ފޮރިން މިނިސްޓްރީގެ ތެރެއަށް ވަންނަން ކަމަށާއި ނަމަވެސް އެކަން ކާމިޔާބު ނުވީ ކަމަށެވެ. 20 މީހަކު މަރުވި އެހާދިސާގައި އިތުރު އެތައް ބަޔަކު ޒަހަމްވި ކަމަށްވެސް އެ އޮފިޝަލާ ހަލާދީ ރޮއިޓާސްއިން ރިޕޯޓު ކުރެއެވެ.

އާންމުވި ބައެއް ފޮޓޯތަކުން ފެންނަން އޮތް ގޮތުގައި، ސަލާމަތީ ފަރާތްތަކުން އެތަނަށް ދިޔަ އިރު ފޮރިން މިނިސްޓްރީގެ ބޭރުގައި ވެއްޓިފައި އޮތް 9 ވަރަކަށް މީހުން ފެންނަން އޮތެވެ. އެމީހުން މަރުވެފައި ވާ ކަމެއް ނުވަތަ ޒަހަމްވެފައި ތިބި ކަމެއް ސާފެއް ނުވެއެވެ.

މިހާދިސާ އާ ގުޅިގެން ކާބުލްގެ ފުލުހުންގެ ތަރުޖަމާން ހާލިދް ރަދަރާން ވިދާޅުވީ، ސަލާމަތީ ބާރުތަކުން ފޮރިން މިނިސްޓްރީ ސަރަހައްދުގައި ހަރަކާތްތެރި ވަމުން ދާ ކަމަށާއި، އަނިޔާވި ނުވަތަ މަރުވި މީހުންގެ ސާފު މައުލޫމާތު އިނގޭނީ އެމީހުންގެ މަސައްކަތްތައް ނިމުމުން ކަމަށެވެ.

މިއަދު ހެނދުނު 11 ޖަހާ ހާ އިރު މި ހަމަލާ ދިން އިރު ޗައިނާގެ ޑެލިގޭޝަނަކާއި ކާބުލްގެ އޮފިޝަލުންގެ ބައްދަލުވުމެއް އެގަޑިއަށް ތާވަލު ކޮށްފައި އޮތެވެ. ނަމަވެސް އެ ބައްދަލުވުން އެގަޑީގައި ކުރިއަށް ދިޔަ ކަން ނުވަތަ ނޫން ކަން އެނގިވަޑައިގެންފައި ނުވާ ކަމުގައި ޑެޕިއުޓީ މިނިސްޓާ އޮފް އިންފޮމެޝަން މުހާޖިރު ފަހްރީ އޭއެފްޕީއަށް ވިދާޅުވެފައި ވެއެވެ.

ޖާނުން ފިދާވި މީހާ ލޮލުން ދުއް އޭއެފްޕީގެ ނޫސްވެރިއަކު ބުނީ އޭނާ ފޮރިން މިނިސްޓްރީ ކައިރީގައި ހުންނަ އިންމޮފޭޝަން އޮފީހުގެ ބޭރުގައި ކާރުގައި އިންދާ އެމީހާ ދިޔައީ އޭނާގެ ކައިރިން ކަމަށާއި ބެކްޕެކެއް އަޅާ، ރައިފަލް ގައި އޮންނަ ކަހަލަ ވާގަނޑެއް ކޮނޑުގައި އަލުވައިގެން އޭނާ ގޮސް ފޮރިން މިނިސްޓްރީގެ ދޮރުމައްޗާ އަރާ ހަމަވެފައި ގޮއްވާލީ ކަމަށެވެ.

މިއީ މިއަހަރުގެ ތެރޭގައި ކާބުލްގަައި ދިން މިފަދަ ދެވަނަ ހަމަލާއެވެ.