ގަވައިދާ ހިލާފަށް އުޅަނދުފަހަރު ދުއްވާ ފަރާތްތަށް ޖޫރިމަނާކޮށް އެ ފަރާތްތަކުގެ އުޅަނދުފަހަރު ނަގައި ހިފެހެއްޓުމަށް ފަހު، އުޅަނދުފަހަރު ހިފެހެއްޓުމަށް މުއްދަތެއް ކަނޑައަޅައި އެ މުއްދަތު ހަމަވުމުން އުޅަނދުފަހަރު ހަވާލުކުރަން ޖެހޭ ގޮތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ އެއްގަމު އުޅަނދާ ބެހޭ ގަވައިދަށް ބަދަލު ގެނެސް ތަސްދީގުކޮށްފިއެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ އެއްގަމު އުޅަނދުފަހަރުގެ ގަވައިދުގެ ފަސްވަނަ މާއްދާގައިވާ ގޮތުން، ގަވައިދާ ހިލާފަށް އުޅަނދެއް ދުއްވައިގެން އެ އުޅަނދުު ދުއްވި ފަރާތަށް ދޭ ނޯޓިހުގައި އުޅަނދާ ހަވާލުވުމަށްތަކައި ބައެއް އިޖުރާއަތުތައް ފުރިހަމަކުރަން އަންގާފައި އޮންނަން ޖެހޭނެއެވެ. އެގޮތުން:
- ގާނޫނުގެ ދަށުން ދައްކަން ޖެހޭ ޖޫރިމަނާ އެއް އޮތް ނަމަ އެ ޖޫރިމަނާ ދެއްކި ކަމުގެ ލިޔުމެއް ހުށަހަޅަން ޖެހޭނެ
 - ގާނޫނުތަކުގެ ދަށުން ކުރަން ޖެހޭ އެހެނިހެން ކަންކަން ލާޒިމްކޮށްފައި އޮތް ނަމަ އެ ކަންކަމުގެ ތަފްސީލާއި އެކަންކަން ފުރިހަމަކުރި ކަމުގެ ލިޔުން ހުށަހަޅަން ޖެހޭނެ ކަން
 
ނަމަވެސް އެ މާއްދާ އަށް ގެނައި އިސްލާހުގައިވާ ގޮތުން، އުޅަނދާ އަލުން ހަވާލުވާ ފަރާތުން ދެން ހުށަހަޅަން ޖެހޭނީ ޖޫރިމަނާ އެއް ދައްކަމުންދާ ނަމަ، ޖޫރިމަނާ ބަލައިގަތުމަށް ކަނޑައަޅާފައިވާ އިދާރާ އަށް ފައިސާ ދެއްކި ކަމުގެ ލިޔުން، ނުވަތަ އެ ފައިސާ ދައްކަމުންދާ ކަމުގެ އެއްބަސްވުމެވެ.
ހަމަ އެއާއެކު، ޖޫރިމަނާ ދެއްކުމަށް ވެވޭ އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކަމުންދާ ކަމުގެ ލިޔުން ހުށަހަޅަން ބަޔާންކޮށްފައި އޮތް ނަމަވެސް، ވަކި ހާލަތްތަކެއްގައި ހިފެހެއްޓިފައިވާ އުޅަނދުފަހަރު ހިފެހެއްޓުމަށް ވަކި މުއްދަތެއް ކަނޑައަޅައި، އެ މުއްދަތު ހަމަވުމުން އެ އުޅަނދެއް އަނބުރާ ވެރިފަރާތާ ހަވާލުކުރަން ޖެހޭ ގޮތަށް އެ މާއްދާ އަށް އަކުރެއް އިތުރުކޮށްފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ:
- ސްޕީޑް ލިމިޓާ ހިލާފަށް ދެ ފަހަރަށް ވުރެ ގިނައިން ދުއްވައިގެން ހިފަހައްޓާފައިވާ އުޅަނދެއް ނަމަ 15 ދުވަސް
 - ނުރައްކާތެރިކޮށް ދުއްވައިގެން ހިފަހައްޓާފައިވާ އުޅަނދެއް ނަމަ 30 ދުވަސް
 - އެއްގަމު ލައިސަންސް ނެތި ދުއްވައިގެން ހިފަހައްޓާފައިވާ އުޅަނދެއް ނަމަ 15 ދުވަސް
 - ގަވައިދާ ހިލާފަށް ޕާކްކުރުމުން ނަގާފައިވާ އުޅަނދެއް ނަމަ 15 ދުވަސް
 - އެއް ތަނެއްގައި ގިނަ ދުވަސްވަންދެން ޕާކްކޮށްފައި ބޭއްވުމުން ނަގާފައިވާ އުޅަނދެއް ނަމަ 15 ދުވަސް
 - އަސްލު ގެއްލޭ ގޮތަށް އުޅަނދަށް ބަދަލު ގެނެސް ދުއްވުމުން ވެރިފަރާތަށް އަންގައި ވެރިފަރާތުން އެކަން ރަނގަޅު ނުކޮށްގެން ނަގާ އުޅަނދެއް ނަމަ 15 ދުވަސް
 
މި ގަވައިދު މިއަދު ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރުމުން މި ގަވައިދަށް އަމަލުކުރަން މިއަދު ފަށާނެއެވެ.
