ގާނޫނު އަސާސީން ލިބިދޭ ބާރުތަކުގެ ބޭނުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނަހަމަ ގޮތުގައި ކުރައްވާ ކަމަށް ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ތުހުމަތު ކުރައްވައިފިއެވެ.

ދިޔާނާ ސައީދު މިހެން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އާ ދިމާކޮށް ސިޔާސީ މަގާމުތަކަށް މީހުން އައްޔަން ކުރަމުން ދާ ކަމަށް ބުނެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

ދިޔާނާ ވިދާޅުވީ އެއްވެސް އިންތިހާބެއްގެ މެދުތެރެއިން އެކަމުގެ ޒަރޫރަތެއް ނެތް ބަޔަކަށް ސިޔާސީ މަގާމު އުފައްދާ އެ ދިނުމަކީ މިނިވަން އަދި އިންސާފުވެރި އިންތިހާބަކަށް ހުރަސް އެޅުން ކަމަށެވެ. އަދި އެއީ ގާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ ބާރުތައް ނަހަމަ ގޮތުގައި ބޭނުން ކުރުން ކަމަށް ދިޔާނާ ވިދާޅުވިއެވެ.

މި ސަރުކާރުގެ ސިޔާސީ މަގާމުތައް ގިނަކަމަށް ބުނެ މީގެ ކުރިންވެސް ގިނަ ބައެއްގެ ފާޑުކިޔުންތަކެއް ސަރުކާރަށް އަމާޒުވެފައި ވާއިރު، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަށް ނުފޫޒު ފޯރުވުމަށް ސިޔާސީ މަގާމުތަކަށް މީހުން އައްޔަން ކުރަމުން ދާ ކަމަށްވެސް ގިނަ ބަޔަކު ވަނީ ތުހުމަތު ކޮށްފައެވެ. މި ގޮތުން ކުރިން ރައީސް ނަޝީދު އަށް ވަރަށް ބޮޑަށް ތާއިދު ކުރެއްވި އައްޑޫ ސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޔަސްރިފް ޕްލޭނިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމަށް އައްޔަން ކޮށްފައި ވަނީ ސިޔާސީ ބޭނުމަކަށް ކަމަށް ގިނަ ބަޔަކު ވަނީ ތުހުމަތު ކޮށްފައެވެ.

މީގެ އިތުރުންވެސް، ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ގިނަ އަދަދެއްގެ ސަޕޯޓު ސްޓާފުން ނަގަމުން ދާކަން "ދަ ޕްރެސް" އަށް ވެސް ވަނީ އެނގިފައެވެ.