ރިޔާސީ ޕްރައިމަރީ އަށް ކުރައްވާ ކެމްޕެއިންގެ ދަށުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ބ. އޭދަފުށްޓަށް ވަޑައިގެންނެވުމާ ދިމާކޮށް، އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އެ ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލައި، އަދި އޭދަފުށްޓަށް ސަރުކާރުން އިހުމާލުވެފައިވާ ކަމަށް ބުނެ އިހްތިޖާޖުކޮށްފިއެވެ.

ރ. އަލިފުށްޓަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު، ރައީސްގެ ކެމްޕެއިން ދަތުރުފުޅު އެންމެ ފުރަތަމަ ފައްޓަވާފައި ވަނީ އެ އަތޮޅުގެ މާކުރަތުންނެވެ. މި ދަތުރުފުޅުގައި ރ. އަތޮޅުގެ އިތުރުން ނ. އަތޮޅު، ބ. އަތޮޅު، އަދި ޅ. އަތޮޅުގެ ބައެއް ރަށްރަށަށް ރައީސް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. ފަހު މަންޒިލެއްގެ ގޮތުގައި ބ. އަތޮޅުގެ ބައެއް ރަށްރަށަށް ވަޑައިގަންނަވާއިރު، މިހާރު ހުންނެވީ އޭދަފުށީގައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ޅ. އަތޮޅު ފިޔަވައި ރައީސް ވަޑައިގެންނެވި އެހެން އަތޮޅުތަކުގެ ރަށްރަށުގެ ތެރެއިން ބޮޑެތި ރަށްރަށުގައި ވަނީ ޔާމީން މިނިވަންކުރުމަށް ގޮވާލައި އިހްތިޖާޖުކޮށްފައެވެ. "ހަރާން ހުކުމް"ގެ ނަމުގައި އިިދިކޮޅުގެ ސަޕޯޓަރުން އޭދަފުށީގައި ވެސް އިހްތިޖާޖު ކޮށް ޔާމީން މިނިވަން ކުރުމަށް ގޮވާލުމުގެ އިތުރުން، އިހްތިޖާޖުގެ ބައިވެރިން ވަނީ ރައީސް ވައުދުވެވަޑައިގަތް ބައެއް ކަންކަން އޭދަފުށްޓަށް ކޮށްދީފައެއް ނުވެއެވެ.

"ދެން ބުނީ ބަނދަރެއް ހަދައިދޭނަމޭ، ބަނދަރެއްވެސް ނެތް، ހަބަރު ވެސް، [ބަނދަރު] ވީ ތަނެއް ވެސް ނޭނގޭ،" އިހްތިޖާޖުގެ ބައިވެރިޔަކު އެ ސަރަހައްދުގައި ތިބި ނޫސްވެރިންނަށް ކިޔައިދެމުން ގެންދިޔައެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ މެޖޯރިޓީ އޮންނަ އޭދަފުށީގެ ކައުންސިލްގެ ރައީސް މުހައްމަދު ފާތިހު އެ ސަރަހައްދުގައި ތިބި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ، އެ ރަށުގެ ރައްޔިތުންގެ މެދުގައި ހުރި ކަންބޮޑުވުންތައް ސަރުކާރާ ހިއްސާކޮށްފައި ވާނެ ކަމަށާއި، ގިނަ ކަންތައްތައް ސީދާ ރައީސާ ވެސް ހިއްސާކޮށްފައި ވާނެ ކަމަށެވެ.

ފާތިހު ވިދާޅުވީ، ރައީސް މި ރަށަށް ވަޑައިގެން އާ ހޮސްޕިޓަލެއް އަޅަން 2020 ވަނަ އަހަރު އިއުލާނު ކުރައްވާފައިވާނެ ކަމަށެވެ. އެކަމާ ގުޅިގެން ރައީސާ ފަހުން މަޝްވަރާކުރެއްވުމުން "އެއީ ތެދެއްތޯ އޭ؟" ރައީސް އޮފީހުގެ ބޭފުޅަކާ ސުވާލުކުރެއްވި ކަމުގައި ވިދާޅުވިއެވެ.

"އެ ހިސާބަށް ދިޔައީމަ ކަމަކުނުދޭ، ދެއްތޯ؟" ފާތިހު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ރައީސްގެ ވެރިކަމުގައި އޭދަފުށްޓަށް އައި އެއްވެސް ކުރިއެރުމެއް ނެތެވެ. އަދި މި ސަރުކާރުން އެއްވެސް މަޝްރޫއެއް ހިންގާފައެއް ނެތެވެ. އެއަށްފަހު އޭނާ މި ވެރިކަމުގެ ވޭތުވެދިޔަ ދެ ވެރިކަމުގައި ކުރިއަށް ދިޔަ ބައެއް މަޝްރޫއުތަކުގެ ތަފްސީލު ނޫސްވެރިންނާ ހިއްސާކުރެއްވިއެވެ.

"2014 ވަނަ އަހަރު [ޔާމީންގެ ސަރުކާރުން] 33 ހެކްޓަރުގެ ބިން ހިއްކައިދިން އިނގޭތޯ. ހިއްކައިފަ ވަށައިގެން ރިވެޓްމަންޓް ޖަހައިފި. މަގުތަކުގަ ތާރު އެޅުމުގެ މަސައްކަތް ފަށްޓަވައިދެއްވި. ނަރުދަމާގެ ހިދުމަތަކީ ރައީސް ނަޝީދުގެ ދައުރުގައި ފަށްޓަވައިދެއްވި މަޝްރޫއެއް. އިތުރު މަޝްރޫއެއް މި ވެރިކަމުގައި ނުހިނގާ."
މުހައްމަދު ފާތިހު | އޭދަފުށި ކައުންސިލްގެ ރައީސް

ފާތިހު ވިދާޅުވީ، މި ސަރުކާރުން އޭދަފުށްޓާ މެދު ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށެވެ. ވޭތުވެދިޔަ ހަތަރު އަހަރު ރައީސް ވަޑައިގެންނެވީ އެންމެ ފަހަރަކު ކަމަށް އޭނާ ވިދާޅުވިއެވެ.

މި ސަރުކާރާ މެދު ވަރަށް ބޮޑަށް މާޔޫސްވެފައިވާ ކަމަށާއި، ނަމަވެސް ބޭނުންވަނީ ސަރުކާރާ ގުޅިގެން އަދި ސަރުކާރަށް އެއްބާރުލުން ދީގެން މަސައްކަތް ކުރުމަށް ކަމަށް ވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ވެސް ބޭނުންވަނީ ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރަން، އަޅުގަނޑުމެންނަށް ކުރެވޭ މަސައްކަތްތައް އިރާދަކުރެއްވިއްޔާ ކުރަމުން މި ގެންދަނީ. އަޅުގަނޑުމެން ވަރަށް މާޔޫސް ސަރުކާރާ ދޭތެރޭ ހަގީގަތުގަ. އަޅުގަނޑުމެން ވެސް ބޭނުންވާނެ އޭދަފުށްޓަށް ދެއްތޯ ރަނގަޅު ގޮތްތަކެއް ވެގެން ދިއުން."
މުހައްމަދު ފާތިހު | އޭދަފުށި ކައުންސިލްގެ ރައީސް

"އަޅުގަނޑުމެން ހަމަ ބޭނުންވަނީ ގުޅިގެން މަސައްކަތްކުރަން." ފާތިހު ވިދާޅުވިއެވެ.

އެކަމަކު އޭދަފުށިން ވާހަކަ ދެއްކި އެމްޑީޕީގެ ބައެއް ސަޕޯޓަރުންގެ ހިޔާލު މިކަމުގައި ތަފާތެވެ. އެކަކު ބުނީ މީގެ ކުރިން ކުރި ވެރިކަމެއްގައި މިހާތަނަށް ކޮށްފައި ނުވާ ބައެއް ކަންކަން ކޮށްފައިވާ ކަމަށެވެ.

އެހެން މީހަކު ބުނި ގޮތުގައި، މިހާރު ވެސް ބައެއް މަޝްރޫއުތައް ހިންގަމުންދެއެވެ. އަދި މި ރަށަކީ ކުރީގައި ވަރަށް ބޮޑަށް ތަރައްގީގެ މަޝްރޫއުތައް ހިންގާފައިވާ ރަށެއް ކަމަށާއި، އެހެންކަމުން އެ ރަށަށް ކަމެއް ކޮށްދެވޭ ކަން ބައެއް ފަރާތްތަކަށް އިހްސާސް ނުކުރެވޭ ކަމަށް އޭނާ ބުންޏެވެ.

"ދެން އަނެއްކޮޅުން ބަލާއިރު ކުރީގަ މި ރަށަކީ އެހެން ރަށްރަށާ އަޅާ ބަލާއިރު ތަރައްގީގެ ބައެއް މަޝްރޫއުތައް ހިނގި ރަށެއް ވީމަ ބައެއް ބޭފުޅުންނަށް އިހްސާސްކުރެވެނީ މި ރަށަށް ކަމެއް ކޮށް ނުދެވެޔޭ. ހަގީގަތަކީ އެޔެއް ނޫން." އެ މީހާ ކިޔައިދިނެވެ.