މިއަދު ގދ ފިޔޯރީ ސްކޫލުގައި އަލިފާނުގެ ހާދިސާއެއް ހިނގި ނަމަވެސް ސްކޫލުގައި ކިޔެވުން މެދުކަނޑާނުލާ ކުރިއަށް ގެންދަން މަސައްކަތް ކުރަމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީއިން ބުނީ މިއަދު ހަވީރު 5 ޖަހާ ހާއިރު ގދ. ފިޔޯރީ ސްކޫލުގެ ބާ ހޯލް އިމާރާތުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށާއި އެ ހާދިސާ ހިނގީ ސްކޫލު ބަންދު ވަގުތެއްގައި ކަަމަށެވެ.

ހާދިސާގެ ސަބަބުން އެއްވެސް ކުއްޖަކަށް އަދި މީހަކަށް ގެއްލުމެއް ނުވާ ކަމަށާއި އަލިފާން ރޯވި އިމާރާތުގައި 5 ކްލާސް ރޫމް ހުންނަ ކަމަށް މިނިސްޓްރީއިން ބުނެއެވެ. އަދި އެތަނުން 3 ކްލާސްރޫމްގައި ކުދިން ކިޔަމުން އަންނަަކަން މިނިސްޓްރީ އިން ފާހަގަ ކުރެއެވެ.

މިނިސްޓްރީއިން ބުނީ ކިޔެވުން ހުއްޓާ ނުލައި ކުރިޔަށް ގެންދެވޭނެ އިންތިޒާމް މިނިސްޓްރީއާއި ސްކޫލާ ގުޅިގެން ދަނީ ހަމަޖައްސަމުން ކަމަށެވެ. އަދި އެމްއެންޑީއެފްއާއި ފުލުހުންގެ އެހީތެރިކަމާއެކު އަލިފާން ނިއްވުމާއި އަލިފާނުގެ ހާދިސާ ހިނގި ސަބަބުން ދަނީ ބަލަމުން ކަަމަށް ވެސް ބުނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައި ވަނީ ކަރަންޓް ފޮއްޓެއްގައި ރޯވެގެންނެވެ.

ސްކޫލްހޯލް އިމާރާތް އަނދާ ހުލިވެފައި / ފޮޓޯ: އެމްއެންޑީއެފް

އެންމެ ފަހުގެ ހަބަރުތައް ބުނާގޮތުން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ގދ. ތިނަދޫ ފަޔާ ސްޓޭޝަނުގެ ފަޔާމަނުން ވަނީ 18:54 ގައި ގދ. ފިޔޯރީއަށް ގޮސްފައެވެ.

އެ ޓީމުން ބުނީ، ހޯލެއްގެ ގޮތުގައި ބޭނުންކުރަމުން އަންނަ އިމާރާތުަގއި ޕާޓިޝަން ޖަހައިގެން، ކިޔަވައިދިނުމަށް 5 ވަރަކަށް ކުލާސް ހަދާފައިވާ ކަމަށާއި މި ކުލާސްރޫމުތައް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައި ކަމަށެވެ. އަދި އިމާރާތުގެ ފާރުން ބަޔަކާއި ފުރާޅުން ބައެއް ވެއްޓިފައި ވާ ކަަމަށްވެސް އެމްއެންޑީއެފް އިން ބުނެއެވެ.

ގދ. ތިނަދޫ ފަޔާ ސްޓޭޝަނުގެ ފަޔާމަނުން ގދ. ފިޔޯރީއަށް ދިޔައިރު އަލިފާން ހުރީ ކޮންޓްރޯލް ކޮށްފައި ކަމަށާއި އަނގުރު އަލިފާނުގެ އަސަރު ހުރުމާއެކު ކޮންމެވެސް ވަރަކަށް ދުން އަރަމުން ދާ ކަމަށްވެސް ބުނެފައި ވެއެވެ.