އަމީނިއްޔާ ސްކޫލަށް ގިނަ ހިދުމަތްތަކެއް ކޮށްދިން ކުރީގެ ޕްރިންސިޕަލް ކުސުމް ވެލިކަލާ އަވަހާރަ ވެއްޖެއެވެ.

އަމީނިއްޔާގައި ގިނަ އަހަރު ވަންދެން ހިދުމަތް ކުރެއްވި ކުސުމް ވެލިކަލާ އަވަހާރަވީ އިއްޔެގެ ވަގުތެއްގައި ކަމަށް އެ ސްކޫލުން ބުނެއެވެ.

އަމީނިއްޔާ ސްކޫލުން ބުނީ، ކުސުމް ވެލިކަލާއަކީ އެ ސްކޫލުގެ ފެންވަރު މަތިކުރުމަށް، މުހިއްމު ރޯލެއް އަދާކުރެއްވި ބޭފުޅެއް ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގެ އެތައް ހާސް ދަރިވަރުންނާއި ޓީޗަރުންނަށް މަގުދައްކައި ދެއްވައި، ކުރިއަށް ދާން ހިތްވަރު ދެއްވުމުގެ އިތުރުން އެކިދާރާތަކުން ކުސުމް ވެލިކަލާ ދެއްވާފައިވާ އެއްބާރުލުން ބޮޑުކަމަށް ވެސް އެސްކޫލުން ބުނެއެވެ.

ކުސުމް ވެލިކަލާ އަވަހާރަވުމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވެސް ވަނީ ތައުޒިޔާ ވިދާޅުވެފައެވެ.

ކުސުމް ވެލިކަލާ އަކީ މިނިސްޓަރުގެ ވެސް ޕްރިންސިޕަލް ކަން ފާހަގަކުރައްވާ ވިދާޅުވީ ދިވެހި އަންހެން ކުދިންގެ ތައުލީމުގައި ވެލިކަލާގެ ހިއްސާ ބޮޑު ކަމަށާއި ތައުލީމީ ދާއިރާއަށް ވެސް ވެލިކަލާއަކީ އަގުހުރި ބޭފުޅެއް ކަމަށެވެ.