މާ ބޮޑަށް ރިއެކްޓް ކުރީމަ ވެރިކަން ވެއްޓޭ ކަމަށް ވިދާޅުވެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ރައްދުދެއްވައިފިއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގެ ތެރެއިން މިހާރު ނ. ވެލިދޫގައި ބާއްވަމުންދާ ޖަލްސާގައި ވާހަކަ ދައްކަވަމުން ހިސާން ވިދާޅުވީ އެބޭފުޅުން ތިއްބެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު ކުރިއަށް ވަޑައިގަންނަވަން ކަމަށާއި އެމްޑީޕީއާއެކު ކުރިއަށްދެވޭނެ ކެނޑިޑޭޓަކީވެސް ރައީސް ސޯލިހު ކަމަށެވެ.
ރައީސް ސޯލިހު "ރިއެކްޓް" ނުކުރައްވާ ކަމަށް ވިދާޅުވެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނުގެ ފެކްޝަނުން ފާޑު ކިޔާފައި ވަނިކޮށް ހިސާން ވިދާޅުވީ މާ ބޮޑަށް ރިއެކްޓް ކުރުމުން ބައެއް ފަހަރު ރިޔާސީ ދައުރެއްގައި ތިން ނައިބު ރައީސުން އައްޔަން ކުރަން ޖެހޭ ކަމަށާއި ބައެއް ފަހަރު ވެރިކަން ވެއްޓިގެންދާ ކަމަށެވެ.
އެނެއްބައި ފަހަރު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްގެން ނޫނީ ވެރިކަން ނުދެމެހެއްޓޭ ކަމަށާއި ބައެެއް ފަހަރު ސްޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނަގައިގެން އެތާ ތިބި ފަނޑިޔާރުން ދަމާ "ކޫއްތައިގެން" ނެރެން ޖެހޭ ކަމަށް ހިސާން ވިދާޅުވިއެވެ. އަދި އެ ރިއެކްޝަންގެ ނަތީޖާއަކީ ރައްޔިތުން ނިކުމެ މަގުމަތިވުން ކަމަށް ހިސާން ފާހަގަ ކުރެއްްވިއެވެ. އޭނާ އެ އިޝާރާތް ކުރެއްވި ކަންމަމަކީ 2010 ގައި ވެރިކަމަށް ވަޑައިގަން ނަޝީދުގެ ވެރިކަން 2012 ގައި ނިމެން ދިމާވި ހަަދިސާތަކަކެވެ.
ހިސާން ވިދާޅުވީ އެމްޑީޕީގެ ފުރަތަމަ ވެރިކަން ގެއްލުމުން ވީ ގޮތް ހަނދާން ނައްތާލައިގެން ނުވާނެ ކަމަށާއި އުޅެން ޖެހުނު ހާލު ހަގީގަތުގައި ހަނދާނެއް ނުނެތޭނެ ކަމަށެވެ. އަދި 2012 އިން 2013 ގެ އިންތިހާބާ ހަމައަށް އެމްޑީޕީގެ ލަޝްކަރު އޮތީ އިހުތިޖާޖުގައި ކޮންމެ ދުވަހަކު އަނބިދަރިން ދޫކޮށް މަގުމަތީގައި މުޒާހަރާގައި ކަމަށް ހިސާން ވިދާޅުވިއެވެ.
އެ ހާލުގައި މަގުމައްޗަށް ނިކުމެ ތިބީ އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމުގެ ފޮނި އުންމީދުގައި އެ ޖޯޝާ ފޯރީގައިވެސް އެމްޑީޕީއަށް 50 ޕަސެންޓުވެސް ނުހޯދުނު ކަމަށް ހިސާން ވިދާޅުވިއެވެ.
ހިސާން އިތުރަށް ވިދާޅުވީ ރައީސް ސޯލިހު ވެރިކަމުގެ 4 އަހަރު ރައްޔިތުންނަށް ހޯދަދިން ހިތް ފަސޭހަ ކަމަށާއި ސިޔާސީ ހަަމަހިމޭން ކަމަކީ ހަގީގަތުގައި ރައީސް ސޯލިހު ހިޔާރު ކުރެއްވި ސަބަބު ކަމަށާއި ރައީސް ސޯލިހަކީ ކުއްލިއަށް ކަންކަން ނުނިންމަވާ، ތަފާތު ހިޔާލު ތަފާތުވުންތަކުން ވެރިކަން ކުރެވޭނެ ކަން ސާބިތުކޮށްދެެއްވާފައިވާ ރައީސްއެއް ކަމަށެވެ.
ހިސާން ދަތް އަޅާއިފި